ޤުރުއާން ހިތުދަސް ކުރާ މީހުންގެ ދަފުތަރެއް އެކުލަވާލުމުގެ މަސައްކަަތް ކުރައްވަމުންދާ ކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު ވިދާޅުވީ، މިވަގުތު މާލޭ އާއި އަތޮޅު ތަކުގެ ޤުރުއާން މަރުކަޒާއި އަމިއްލަ އިންސްޓިޓިއުޓްތަކާއި ކްލާސްތަކުގައި 700 އަށްވުރެ ގިނަ ދަރިވަރުން ޤުރުއާން ހިތުދަސް ކުރަމުންދާކަމަށް ލަފާ ކުރެވޭ ކަމަށެވެ. އެހެންކަމުން މިކަމަށް ޚާއްސަ ދަފުތަރެއް އެކުލަވާލަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢު އަތޮޅުތެރޭގައި އަންނަ މެއި މަހު ފަށްޓަވާނެކަމަށް ވަޒީރު ޝަހީމް މީގެކުރިންވެސްވަނީ ވިދާޅުވެފައެވެ. އަދި ޤުރުއާން ހިތުދަސްކުރުމުގެ މަޝްރޫޢުތައް ފުޅާކުރައްވާނެކަމަށް ވެސްވަނީ ވިދާޅުވެފައެވެ. އެގޮތުން 9 ރަށެއްގައި މި މަޝްރޫއު ކުރިއަށްގެންދަވާނެކަން ވަޒީރު ފާހަގަކުރެއްވިއެވެ.
- ހއ. ދިއްދޫ
- ހދ. ކުޅުދުއްފުށި
- ރ. އުނގުފާރު
- ބ. އޭދަފުށި
- އއ. ފެރިދޫ
- ދ. ކުޑަހުވަދޫ
- ގދ ތިނަދޫ
- ލ. ގަން
- ސ. ހިތަދޫ
ޤުރުއާން ކިޔަވައިދިނުމުގެ ދަތިތައް ހުރި ރަށްރަށާއި، ޤުރުއާން މަރުކަޒުގެ ގޮފިތައް އަހަރުތަކެއް ވަންދެން ހުއްޓިފައި ހުރި ރަށްރަށާއި، އަލަށް ޤުރުއާން ކިޔަވައިދިނުމާއި މަރުކަޒުގެ ޤާރީ ކޯސްތައް ހިންގުމަށް ހަމަޖެހިފައިވާ ރަށްރަށުގައިވެސް ޤުރުއާން އުނގަންނައިދިނުމުގެ ކަންކަން ހަރުދަނާވެގެންދާނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ވިދާޅުވެފައިވެއެވެ. އެގޮތުން އަންނަ މެއި މަހުން ފެށިގެން ޤުރުއާނާ ބެހޭ މަރުކަޒުން މުސާރަ ދޭ ގޮތައް މަރުކަޒުގެ ގޮފިތަކަށް މުދައްރިސުން ހަމަޖެހިގެންދާނެކަމަށް ވެސް ވަޒީރު ވިދާޅުވެފައިވެއެވެ.
- ހއ. އުތީމު
- ނ. ވެލިދޫ
-ރ. މަޑުއްވަރީ
-ދ. މީދޫ
- ތ. ކިނބިދޫ
- ތ. ގުރައިދޫ
- ގދ. ގައްދޫ
- ލ. އިސްދޫ ކަލައިދޫ
ކީރިތި ޤުރުއާންގެ ޢިލްމުފުޅާކޮށް ޤުރުއާން ހިތުދަސްކުރާ ކުދިންގެ އަދަދު އިތުރުކުރުމަށް ސަރުކާރުން އަންނަނީ މަސައްކަތް ކުރަމުންނެވެ. އެގޮތުން ފަސޭހައިން އިމްތިހާނު ހެދޭނެ އިންތިޒާމްވެސް މިހާރު ވަނީ ހަމަޖައްސާފައެވެ. މީގެ ކުރިން ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް އެކި ހަފްލާތަކުގައި މެޑަލް ދެމުން އައިނަމަވެސް ޤުރުއާން ހިތުދަސްކުރާ ފަރާތްތަކަށް މެޑަލް ދިނުމުގެ ރަސްމިއްޔާތު މިއަހަރުން ފެށިގެން ކޮންމެ ރަމަޟާންމަހެއްގެ 27 ވިލޭރޭ ބޭއްވުމަށް ސަރުކާރުން ވަނީ ހަމަޖައްސާފައެވެ. އަދި ދަސްވެނިވާ ދަރިވަރުންނަށް ޚާއްސަ ގައުނެއްވެސް ވަނީ ތައްޔާރުކޮށްފައެވެ. ސަރުކާރުގެ އަމާޒަކީ އަހަރަކު 100 ހާފިޒުން ދަސްވެނިވުމެވެ.