ޚަބަރު

ސުލްޙަ ވާން ޙަމާސް ތައްޔާރު، ނަމަވެސް ހަތިޔާރު ނުބަހައްޓާނެ


ޔަހޫދީންނާ އެކު ދެމެހެއްޓެނިވި އެއްބަސްވުމެއް އެކުލަވައިލައި، ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރުމަށް ޔަހޫދީ ފައުޖުން ހިންގަމުންދާ ޤަތުލުޢާންމު ހުއްޓުމަކަށް ގެނައުމަށް ތައްޔާރަށް އޮތް ކަން، އެ ސަހަރުގައި ވެރިކަން ކުރާ ޙަމާސް ޖަމާޢަތުން ހާމަކޮށްފިއެވެ. އެ ޖަމާޢަތުން މި ކަން ހާމަކޮށްފައި ވަނީ، މިޞްރުގެ އޮފިޝަލުންނާއި އެކު ޤާހިރާގައި މި ވަގުތު ބާއްވަމުންދާ މަޝްވަރާތަކުގައެވެ. ނަމަވެސް، ހަތިޔާރު ތިރިކޮށް، ފަލަސްޠީނުގެ މިނިވަން ކަމަށް ކުރަމުންދާ ޖިހާދު ހުއްޓައިލުމަކީ އޮތް ފުރުޞަތެއް ނޫން ކަމުގައި އެ ޖަމާޢަތުގެ އޮފިޝަލުން ވަނީ ހާމަކޮށްފައެވެ.

ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ޔަހޫދީ ފައުޖުން ލާއިންސާނީ ޖަރީމާތަކެއް ހިންގަން ފަށާފައި ވަނީ 2023ވަނަ އަހަރުގެ އޮކްޓޫބަރު މަހުގެ 7ވަނަ ދުވަހުއެވެ. އެ ޢުދުވާނުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 61,700އަށް އުފުލިފައިވާއިރު، އިތުރު 116,000އަށްވުރެ ގިނަ މީހުން ވަނީ ޒަޚަމު ކޮށްލާފައެވެ. އަދި، ޣައްޒާގެ ޢާންމުންގެ ގެދޮރާއި އުމްރާނީ ވަސީލަތްތައް ވަނީ ސުންނާފަތިކޮށް ބިމާ ހަމަކޮށްލާފައެވެ.

ޙަމާސް ޖަމާޢަތާއި ޔަހޫދީންނާ ދެމެދު ޖަނަވަރީ 19ވަނަ ދުވަހު އަމަލު ކުރަން ފެށި އެއްބަސްވުމެއްގެ ދަށުން ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލި ނަމަވެސް، އެ އެއްބަސްވުމާ ޚިލާފުވެ މާރިޗު 18ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ އަލުން ޣައްޒާއަށް ޙަމަލާ ދޭން ފަށާފައެވެ. އޭގެ ފަހުން ދީފައިވާ ނިރުބަވެރި ޙަމަލާތަކުގައި ޝަހީދު ކޮށްލާފައިވާ މީހުންގެ އަދަދު 1,600އަށްވުރެ މައްޗަށް އުފުލިފައިވާ ކަން ޣައްޒާގެ ޞިއްޙަތާ ބެހޭ ވުޒާރާއިން ހާމަކުރިއެވެ. އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި، މައުސޫމު ކުޑަކުދިންނާއި، ގައިބާރު ދެރަވެފައިވާ އުމޫރުންނެވެ.

ފަހެއް ނުވަތަ ހަތް އަހަރަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލަން ތައްޔާރު

ޔަހޫދީންގެ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް އެ މީހުންނާއި ޙަމާސާ ދެމެދު ކުރަމުންދާ މަޝްވަރާތަކުގައި މެދުވެރިންގެ ދައުރު އަދާ ކުރަނީ މިޞްރާއި ޤަޠަރުންނެވެ. މި ވަގުތު ޤާހިރާގައި ކުރަމުންދާ މަޝްވަރާތަކުގައި ޙަމާސްގެ އިސް އޮފިޝަލުން ވަނީ، ފަހެއް ނުވަތަ ހަތް އަހަރު ދުވަހުގެ މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަން ހާމަކޮށްފައެވެ.

ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި އަސީރުން މިނިވަން ކުރުމަށް ވެސް އެ ޖަމާޢަތުން އޮތީ ތައްޔާރަށެވެ. އަދި، އޭގެ ބަދަލުގައި ޔަހޫދީންގެ ޖަލުތަކުގައި ހައްޔަރުކޮށް، ލާއިންސާނީ އަނިޔާތައް ދެމުންދާ ގިނަ އަދަދެއްގެ ފަލަސްޠީނުގެ މުސްލިމުން މިނިވަން ކުރަން ޖެހޭނެއެވެ. އެ މުއްދަތުގެ ތެރޭގައި ޣައްޒާ އަލުން އާރާސްތު ކުރުމުގެ ފުރުޞަތު ވެސް ލިބިގެން ދާނެއެވެ.

"ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމާއި އަދި ހުށަހަޅާފައިވާ މުއްދަތާ މެދު އަޅުގަނޑުމެންގެ މެދުގައި އިޢުތިރާޟެއް ނެތް، އެއްބަސްވުމެއްގެ އޮނިގަނޑުގެ ތެރެއިން އެ ކަމާ މެދު މަޝްވަރާ ކުރަން އަޅުގަނޑުމެން ތައްޔާރު. މި ހަނގުރާމަ ނިމުމަކަށް ގެނައުމަށް ހުށަހަޅާ ސީރިޔަސް ހުށަހެޅުންތަކަށް އަޅުގަނޑުމެން ފުރުޞަތު ދޭނަން،" މަޝްވަރާތަކުގައި ޙަމާސަށް ލަފާއަރުވާ އިސް އޮފިޝަލެއް ކަމުގައިވާ ޠާހިރު އަލް-ނޫނޫ ވިދާޅުވިއެވެ. މިއީ، ދިގު މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމުގެ ފުރުޞަތު އޮތް ކަން ޙަމާސުން ހާމަކޮށްފައިވާ ފުރަތަމަ ފަހަރު ކަން ފާހަގަ ކޮށްލަން ޖެހެއެވެ.

ނަމަވެސް، ހަތިޔާރު ތިރިކޮށް، ފަލަސްޠީނުގެ މިނިވަން ކަމަށް ޖިހާދު ކުރުން ހުއްޓައިލުމުގެ އެއްވެސް ވިސްނުމެއް، އަދި ފުރުޞަތެއް ނޯންނާނެ ކަން އަލް-ނޫނޫ ހާމަކުރެއްވިއެވެ. ހަތިޔާރު ދޫކޮށްލުމަކީ ޔަހޫދީންގެ މައިގަނޑު ޝަރުޠެކެވެ. "މިނިވަން ކަމަށް ކުރާ ޖިހާދުގައި ހަތިޔާރު ދޫކޮށްލުމަކީ ކުރެވޭނެ ކަމެއް ނޫން، ޔަހޫދީންގެ އިސްތިޢުމާރީ ވެރިކަން ދެމިއޮތްހާ ދުވަހަކު އަޅުގަނޑުމެންގެ އަތުގައި ހަތިޔާރު ހުންނާނެ،" އޭނާ ވިދާޅުވިއެވެ.

ސުލްޙަވުމުގެ ވިސްނުމެއް ޔަހޫދީންގެ ކިބައިގައި ނެތް

ޙަމާސްގެ ޗާޓަރުގެ މައިގަނޑު އަސާސަކީ ޔަހޫދީންގެ އަޅުވެތިކަމުން ފަލަސްޠީނުގެ މުސްލިމުން މިނިވަން ކުރުމެވެ. އަދި، ފަލަސްޠީނުގެ މުސްލިމުންގެ މައްޗަށް އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންދާ ޒަޔަނިސްޓު އިސްރާއީލް ނައްތައިލުމެވެ. އެ ޖަމާޢަތުން ބުނީ، އަޅުވެތިކަމަށް ނިމުމެއް ގެނައުމުގެ ބަދަލުގައި ދިގު މުއްދަތަކަށް ޙަމަލާ ބަދަލު ކުރުން މެދުކަނޑައިލުމަށް އެ ޖަމާޢަތުން ތައްޔާރަށް އޮތް ކަމުގައެވެ.

ނަމަވެސް، ޒަޔަނިސްޓު އިސްރާއީލުން ވަނީ ޙަމާސްގެ އެންމެ ފަހުގެ ހުށަހެޅުންތަކަށް އިންކާރު ކުރާނެ ކަމުގެ އިޝާރާތެއް ދީފައެވެ. އިސްރާއީލުގެ ޚާރިޖީ ވުޒާރާއިން ބުނީ، ޙަމާސްގެ ބެލުމުގެ ދަށުގައި ތިބި 59 އަސީރުން މިނިވަންކޮށް، އެ ޖަމާޢަތުން ހަތިޔާރު ތިރި ކުރުމުން ޣައްޒާގެ މުސްލިމުންނާ ދެކޮޅަށް ހިންގަމުންދާ ޤަތުލުޢާންމު ހުއްޓައިލާނެ ކަމުގައެވެ. ޔަހޫދީންގެ ޢުދުވާންތައް ހިންގަމުން ދަނީ އެމެރިކާގެ ފުރިހަމަ އެއްބާރުލުމާއި އެހީތެރިކަމާ އެކުގައެވެ. އެ ޢުދުވާންތަކުގައި ބޭނުން ކުރަމުން ދަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ފޮނުއްވަމުން ގެންދަވާ ނުރައްކާތެރި އަދި ފަނާކުރަނިވި ހަތިޔާރެވެ.