ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚާއްސަކޮށްގެން ކުރިއަށްގެންދިޔަ "އެކުއެކީ" ހަވީރަށް ބޮޑު ތަރުޙީބެއް ލިބިގެން ގޮސްފިއެވެ.
މިހަވީރަކީ، ދިވެހި ފުލުހުންގެ ޚިދުމަތާއި، ވީލްޗެއަރ އެސޯސިއޭޝަންއާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްޓަކައި މަސައްކަތްކުރާ އެކި ޖަމްޢިއްޔާތައް ގުޅިގެން ކުރިއަށްގެންދިޔަ ހަވީރެކެވެ.
ހުޅުމާލޭ ދެވަނަ ފިޔަވަހީގެ ހިޔާ ޕާކު ސަރަޙައްދުގައި ކުރިއަށްދިޔަ މި ހަވީރުގައި އެކި ބާވަތުގެ ނުކުޅޭދުންތެރިކަން ހުންނަ ކުދިންނާއި އެކުދިންގެ ޢާއިލާތަކުންވަނީ ބައިވެރިވެފައެވެ. މިހަވީރުގެ ތެރެއިން އެކި ސްޓޯލްތަކުގައި ނުކުޅެދުންތެރިކަމާއި ގުޅޭ އެކި މައުލޫމާތުތަކާއި ރާއްޖެއިން އެފަދަ ކަންކަމުގައި ލިބެން ހުރި އެހީތެރިކަމުގެ މަޢުލޫމަތު ދީފައިވާއިރު، ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ބައިވެރިވެވޭފަދަ އެކި ކުޅިވަރުތައްވެސް މިހަވީރުގެ ތެރެއިންވަނީ ފެނިގެން ގޮސްފައެވެ.
މިހަވީރު އިންތިޒާމުކުރި ފަރާތްތަކުގެ ތެރެއިން ދިވެހި ފުލުހުންގެ ޚިދުމަތުގެ ފަރާތުން ޕީއެސްއެމް ނިއުސްއާއި ވާހަކަދައްކަވަމުން، އިންސްޕެކްޓަރ އޮފް ޕޮލިސް ޙާމިދާ ޢަބްދުލް ޢަލީމް ވިދާޅުވީ، މިހަވީރުން ޙާސިލްކުރަން ބޭނުންވި ނަތީޖާ ޙާސިލުވެގެން ގޮސްފައިވާކަމަށެވެ.
"އަޅުގަނޑުމެންގެ މަޤްސަދެއްއެއީ މިހަވީރު ނިމިގެންދާއިރު މިފަދަ ކުދިންނަށް ފުލުހުންގެ ފަރާތުން އެހީތެރިކަން ބޭނުންވާ ދަނޑިވަޅުގައި ކަންތައްކުރަންވީ ގޮތް އެނގިގެންދިޔުމަކީ. އެކަން ޙާސިލުވެއްޖެ އަދި ހަމައެއާއެކު ކުދިންނަށް ވަރަށް އުފާވެރި ހިތްހަމަޖެހޭ މަޖާ ވަގުތުކޮޅެއް ހޭދަކޮށްލެވިއްޖެ." ޙާމިދާ ވިދާޅުވިއެވެ.
ވީލްޗެއަރ އެސޯސިއޭޝަންގެ ޗެއަރމަން އަޙްމަދު ނަޖީބް ވިދާޅުވީ، މިފަދަ ހަރަކާތްތަކަކީ އެކި ބާވަތުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށްވެސް މުޖުތަމަޢުގެ ހިއްސާއެއްކަން އިޙްސާސްކުރެވޭފަދަ ހަރަކާތްތަކެއްކަމަށެވެ.
"އަޅުގަނޑުމެން މަސައްކަތްކުރާނަން މިފަދަ އިވެންޓްތައް ފުލުހުންނާއި އަދި އެނޫންވެސް ޖަމްޢިއްޔާތަކާއި ގުޅިގެން ގިނަ ގިނައިން ބޭއްވޭތޯ." ނަޖީބް ވިދާޅުވިއެވެ.
މި ހަވީރުގައި ބައިވެރިވި ކުޑަކުދިން ވަނީ މިއީ ތަފާތު ހަވީރެއްކަން ފާހަގަކޮށްފައެވެ. އަދި އެކުދިންނަށް ޢާއިލާތަކާއެކު ލިބުނު އުފާވެރި ވަގުތުކޮޅެއްކަން އެކުދިން ފާހަގަކުރިއެވެ.
"މިކަހަލަ އިވެންޓު ބޭއްވީމަ އިނގޭ އެފަދަ ކުދިންނަކީވެސް މުޖުތަމައުގެ ބައެއްކަން އަދި ރެސްޕެކްޓް ކުރަންޖެހޭނެކަން." އެއްކުއްޖަކު ބުންޏެވެ. "މިއީ ވަރަށް އުފާވެރި ވަގުތުކޮޅެއް." އެހެން ކުއްޖަކު ބުންޏެވެ.
"މިފަދަ އިވެންޓެއް އޯގަނައިޒްކޮށްދެއްވީތީ ޕޮލިސްއަށް ވަރަށް ބޮޑަށް ޝުކުރުއަދާކުރަން." އެހެން ކުއްޖަކު ބުންޏެވެ.
ހުޅުމާލޭގައި ހިޔާ ސަރަޙައްދުގައި ކުރިއަށްގެންދިޔަ މި ހަވީރުގައި، ހުޅުމާލެ ޕޮލިސްއާއި، ވީލް ޗެއަރ އެސޯސިއޭޝަން އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަންއާއި، ބްލައިންޑް އެންޑް ވިޝުއަލީ އިމްޕެއަރޑް ސޮސައިޓީ އޮފް މޯލްޑިވްސްއާއި، މޯލްޑިވްސް ޑެފް އެސޯސިއޭޝަންގެ އިތުރުން އޭޑީކޭ ޖެނެރަލް ޓްރޭޑިންގއާއި، އެސިސްޓެޑް ލިވިންގ އަދި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުންވަނީ ބައިވެރިވެފައެވެ.