ގަރލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ، މޯލްޑިވްސް ގަރލްގައިޑްސް އެސޯސިއޭޝަންގެ 2024 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާ ޝަރަފުވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުންނެވެ.
މިޖަލްސާ ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް މެޑަމް ސާޖިދާ މުޙައްމަދު ވިދާޅުވީ ގަރލްގައިޑްސް ހަރަކާތަކީ ދިވެހީންގެ ދިރިއުޅުމުގެ ތެރޭގައި އޮތް ރަނގަޅު އިޖުތިމާޢީ އެތައް ސިފަތަކެއް ރަސްމީ ގޮތެއްގައި ދަމަހައްޓައިދޭ ވިޔުގައެއްކަމަށެވެ. އަދި ދިވެހީންގެ ރީތި ސަގާފަތާއި އާދަކާދައަށް ދިރުންދޭ ބައިވެރިއެއްކަމަށެވެ.
މި ހަރަކާތަކީ ކޮންމެ މުޖުތަމަޢަކަށްވެސް ބޭނުންތެރި މުހިންމު ހަރަކާތެއްކަމުގައި ފާހަގަކުރައްވައި ގަރލްގައިޑްސް ހަރަކާތަކީ އިސްނެގުމާއި ޒިންމާދާރުވުމާއި އިންސާނީ ކުލުނުވެރިކަމުގެ މަދަރުސާއެއްކަމުގައި އެކަމަނާ ވިދާޅުވިއެވެ.
މެޑަމް ސާޖިދާ ވިދާޅުވީ، ގަރލްގައިޑްސް ހަރަކާތް ބުނެދެނީ ކޮންމެ އަގަކީ ފައިސާއިން ލިބޭ އަގެއް ނޫންކަމަށާއި، ގަރލްގައިޑްސް ހަރަކާތުން އިންސާނީ ކަރާމާތުގެ އަގުގެ މަތިވެރިކަން ދަސްކޮށްދޭކަން ފާހަގަކުރެއްވިއެވެ. މީގެއިތުރުން، ގަރލްގައިޑްސް ހަރަކާތުން ދޭދޭ ގުޅުންތަކުގެ އަގު ވަޒަންކުރަން އުނގަންނައިދޭކަމަށާއި، ވާޖިބު އަދާކުރުމާއި މަސްއޫލިއްޔަތު އުފުލުމުގައި އަވަދިނެތިވުމަކީ ކިހާވަރެއްގެ އުފަލެއްކަން މި ހަރަކާތުން އިޙްސާސްކޮށްދޭކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވިއެވެ.
"އަންހެނުންގެ ފުރިހަމަ ބައިވެރިވުން ނެތި ޤައުމެއް ބިނާކުރުމަކީ ކުރެވޭނެކަމެއް ނޫން. އަންހެނުންގެ ޙަޤީޤީ ދައުރާ ނުލައި މުޖުތަމަޢެއް އިޞްލާޙުކުރުމަކީވެސް، އެއް ގޮތަކަށް ވެސް ކާމިޔާބުކުރެވޭނެ ކަމެއް ނޫން." އެކަމަނާ ވިދާޅުވިއެވެ.
މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ދިވެހި އަންހެނުން ދީނީ ގޮތުން ހޭލުންތެރި ދީންވެރި ބަޔަކަށްވުމަށް ބާރުއަޅުއްވައި ވާހަކަފުޅުދައްކަވާފައެވެ. އަދި ދިވެހި އަންހެނުން ޤައުމީ ރޫހު ދިރުވާބަޔަކަށް ވުމަށާއި، ޒަމާނުގެ ޢިލްމުތަކާ ފަންނުތަކަށް ލޯހުޅުވިފައިވާ، އެ ކަންކަމަށް އަހުލުވެރި ބަޔަކަށްވުމަށް ބާރުއެޅުއްވިއެވެ. މީގެއިތުރުންވެސް، އިސްނަގައިގެން ހަރަކާތްތެރިވެ އިސްރޯލެއް ދިވެހި މުޖުތަމަޢުގައި ދިވެހި އަންހެނުން އަދާކުރުން މުހިންމުކަމުގައި ވިދާޅުވިއެވެ.
މިޖަލްސާގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް، ސާޖިދާ ވަނީ މޯލްޑިވްސް ގަރލްގައިޑްސްގެ ވެބްސައިޓް އިފްތިތާޙުކޮށްދެއްވާފައެވެ. އަދި އެކަމަނާ ވަނީ ގަރލްގައިޑްސް އެސޯސިއޭޝަނަށް 20 އަހަރާއި 25 އަހަރުގެ ދިގު މުއްދަތަކަށް ޚިދުމަތްކުރެއްވި ފަރާތްތަކަށް ސެޓްފިކެޓާއި ބެޖު ހަވާލުކޮށްދެއްވާފައެވެ.
މީގެއިތުރުން މެޑަމް ސާޖިދާ ވަނީ، ޗީފް ކޮމިޝަނަރ އާއި ޑެޕިއުޓީ ޗީފް ކޮމިޝަނަރކަމުގެ ޓަރމް ނިންމެވުމާ ގުޅިގެން ދެއްވާ ސެޓްފިކެޓް، ބެޖް އަދި ސްކާފް ހަވާލުކޮށްދެއްވާފައެވެ. އަދި، އަލަށް ޗީފް ކޮމިޝަނަރގެ މަޤާމާ ހަވާލުވެވަޑައިގެންނެވި ޢާއިޝަތު ނަޝީދާއަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން އަދި ޗީފް ގައިޑް ވަނީ ސެޓްފިކެޓް ހަވާލުކޮށްދެއްވާފައެވެ.