ޚަބަރު

ވަކީލަކު އައްޔަންކުރުމުގެ ފުރުޞަތު އަދީބާއި ފަޔާޒަށް ދެއްވައިފި


ބ. އަތޮޅު ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި އަޙްމަދު އަދީބާއި ސިފައިންގެ ބަޑިގުދަނުގެ ކުރީގެ ވެރިޔާ އަޙްމަދު ފަޔާޒް ޢަލީގެ މައްޗަށް ދައުލަތުން ކުރައްވާ ދަޢުވާއަށް ޖަވާބްދާރީވެވަޑައިގަތުމަށް ވަކީލަކު ޢައްޔަންކުރެއްވުމުގެ ފުރުޞަތު ކުރިމިނަލް ކޯޓުން ދެއްވައިފިއެވެ.

މި މައްސަލާގައި އަޙްމަދު އަދީބާއި އަޙްމަދު ފަޔާޒް ޢަލީގެ އިތުރުން އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ރެޑްނޯޓިސް ނެރެފައިވާ މުޙައްމަދު އައްލާމް ލަޠީފާއި، އިސްފާޙް ޢަލީއާއި މުޙައްމަދު ޙުސައިންގެ މައްޗަށްވެސް ދައުލަތުން ދަޢުވާކުރައްވައެވެ. މި މައްސަލާގައި މިއަދު ދަޢުވާ އިއްވެވުމުން އަޙްމަދު އަދީބް ވިދާޅުވީ ހަތިޔާރު ގެންގުޅުއްވިކަމަށް ބުނެ އެނާގެމައްޗަށް ދަޢުވާކުރައްވައި، ޙުކުމް އިއްވާވާފައިވާކަމަށެވެ. އެހެންކަމުން އެއްކުށަކަށް ދެ އަދަބު ނުދެއްވޭނެކަމަށް އަޙްމަދު އަދީބް ވިދާޅުވިއެވެ.

އަޙްމަދު ފަޔާޒު ވިދާޅުވީ އެ މައްސަލާގައި މިހާތަނަށް އެއްވެސް ސުވާލެއްކޮށް  ތަޙްޤީޤެއް ހިންގާފައި ނުވާކަމަށެވެ. އެހެންކަމުން ދަޢުވާ ނުކުރެވޭނެކަމަށް ފަޔާޒް ވިދާޅުވިއެވެ.

ދައުވާއަށް ޖަވާބުދާރީވުމަށް ވަކީލަކު ޢައްޔަންކުރުމަށް އަޙްމަދު އަދީބު 30 ދުވަހުގެ މުއްދަތަކަށް އެދިވަޑައިގެންނެވިއިރު އަޙްމަދު ފަޔާޒް 20 ދުވަހުގެ މުއްދަތެއް ދެއްވުމަށް އެދިވަޑައިގެންފައިވެއެވެ. އެހެންނަމަވެސް ކޯޓުން 15 ދުވަހުގެ މުއްދަތެއް ދެއްވާ އަންނަމަހުގެ 3 ވަނަ ދުވަހު މައްސަލައިގެ އިތުރު އަޑުއެހުމެއް ބޭއްވުމަށް ތާވަލްކުރައްވާފައިވެއެވެ.

ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނާއިބު ރައީސް އަޙްމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ އިތުރު ދަޢުވާ އެއް އުފުއްލަވާފައިވާއިރު އެނާ މިހާރުވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންނެވެ.