އީރާނުގެ އެންމެ ބޮޑު ބަނދަރު ކަމުގައިވާ ބަންދަރު ޢައްބާސް ބަނދަރުގައި ބޮޑު ގޮވުމެއް ގޮވައި ހަތަރު މީހުން މަރުވެ 500އަށްވުރެ ގިނަ މީހުންނަށް ޒަޚަމްވެއްޖެއެވެ.
އެއް ސަރަޙައްދުން އަނެއް ސަރަޙައްދަށް ގެންދާ ގިނަ ޢަދަދެއްގެ ކޮންޓެއިނަރުތައް ބަންދަރު ޢައްބާސް ބަނދަރު ހުރަސް ކުރެއެވެ. ބަންދަރު ޢައްބާސްގައި ބާރުގަދަ ގޮވުން ގޮވުމަށް މެދުވެރިވީ އެ ބަނދަރުގައި ރައްކާ ކޮށްފައި ހުރި ކެމިކަލްގައި ރޯވެގެން ކަމަށް ބެލެވެއެވެ. އެ ހާދިޘާ ހިނގާފައި ވަނީ ބަނދަރުގެ ޝާހިދު ރަޖައީ ސަރަޙައްދުގައެވެ. އެ ގޮވުން ގޮވާފައި މި ވަނީ އީރާނުގެ ނިޔުކްލިއަރ މަޝްރޫޢުއާ ގުޅޭގޮތުން އެ ޤައުމާއި އެމެރިކާއާ ދެމެދު ޢުމާނުގައި ތިންވަނަ ބުރަކަށަް މަޝްވަރާތައް ފަށާފައިވާ ދަނޑިވަޅެއްގައެެވެ. ނަމަވެސް ބަނދަރުގައި ހިނގި ހިތާމަވެރި ހާދިޘާއާއި ނިޔުކްލިއަރ މަޝްވަރާތަކާ ގުޅުމެއް ވާ ކަމަށް މިހާތަނަށް އެނގިފައެއް ނުވެއެވެ
އީރާނުގެ ކްރައިސިސް މެނޭޖްމަންޓް އިދާރާގެ ތަރުޖަމާނު، ޙުސައިން ޒަފާރީ ވިދާޅުވީ ގޮވުން މެދުވެރިވީ ޝާހިދު ރަޖައީގައި ހުރި ކޮންޓެެއިނަރުތަކުގައި ހުރި ކެމިކަލް ފަރުވާކުޑަ ކޮށް ރައްކާ ކޮށްފައި ހުރުމުގެ ސަބަބުން ކަމަށެވެ. މީގެ ކުރިން ކްރައިސިސް މެނޭޖްމަންޓުން އެ ބަނދަރަށް ކުރި ޒިޔާރަތްތަކުގައި ކޮންޓެއިނަރުތަކުގައި ކެމިކަލް ރައްކާ ކޮށްފައި ހުންނަ ނުރައްކާތެރި ގޮތް ފާހަގަ ވެ އެ ކަމާ ކަންބޮޑުވުން ފާޅުކޮށް، ނުރައްކާތެރި ހާދިޘާއެއް ހިނގާފާނެ ކަމުގެ އިންޒާރު ދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ގޮވުން މެދުވެރި ވީ ކެމިކަލް ގޮވުމެއްގެ ސަބަބުން ކަމަށް ޒަފާރީ ވިދާޅުވި ނަމަ ވެސް އީރާނުގެ ސަރުކާރުގެ ތަރުޖަމާނަކު ވިދާޅުވީ ގޮވުން ގޮވީ ގޮވުމުގެ އަސްލަކީ ކެމިކަލް ކަމުގައި ބެލެވުނު ކަމުގައި ވިޔަސް ގޮވުން މެދުވެރި ވި ސީދާ ސަބަބު ދެނެނުގަނެވޭ ކަމަށެވެ.
ބަންދަރު ޢައްބާސްގައި އަލިފާން ނިއްވާލުމުގެ މަސައްކަތްތައް ކުރިއަށް ދާ އިރު އެ ސަރަޙައްދުގައި ހުރި ޓުރަކުތަކާއި އެހެނިހެން އުޅަނދު އެހެެން ސަރޙައްދުތަކަށް ދަނީ ގެންދަމުންނެވެ. ގޮވުން ހިންގި ކޮންޓެއިނަރު ޔާޑުގައި ނުރައްކާތެރި މުދަލާއި ކެމިކަލް ހުރި ކަމަށް ބެލެވޭ ކަމަށް އަލިފާން ނިއްވުމުގެ މަސައްކަތުގައި ޙަރަކާތްތެރިވަމުން ދާ
ޚިދުމަތްތެރިން ބުނެއެވެ. ނަމަވެސް ބަންދަރު ޢައްބާސްގައި ގޮވި ގޮވުމުގައި ތެޔޮ މަރުކަޒުތަކަށް އަސަރު ކޮށްފައި ނުވާ ކަމަށް އިދާރާތަކުން ބުނެއެވެ.
ފާއިތުވި އަހަރުތަކުގައި އީރާނުގެ ހަކަތައާއި ސިނާއީ ބިނާރުތަކުގައި ހިތާމަވެރި ގިނަ ހާދިޘާތައް ހިނގާފައިވެއެވެ. ގިނަ ހާދިޘާތައް މެދުވެރިވެފައި ވަނީ ފަރުވާކުޑަކަމުގެ ސަބަބުން ކަމަށް ކަމާބެހޭ އިދާރާތަކުން ވަނީ ނިންމައިފައެވެ. ފާއިތުވި ކައިރި މާޒީގައި ހިނގާފައިވާ ބައެއް ހާދިޘާތަކުގެ ތެރޭގައި ތެޔޮ ރިފައިނަރީތަކުގައި ހިނގާފައިވާ އަލިފާނުގެ ހާދިޘާތަކާއި މައިނެއްގައި ގޭސް ގޮވުން ހިމެނެއެވެ.
އީރާނުން ވަނީ މި ފަދަ ބައެއް ހާދިޘާތަކަކީ ޔަހޫދީން ދީފައިވާ ޙަމަލާތައް ކަމުގައި ބުނެފައެވެ. ފާއިތުވި އަހަރުތަކުގައި ޔަހޫދީން ވަނީ އީރާނުގެ ނިޔުލްލިއަރ މަޝްރޫޢުއަށް އަމާޒު ކޮށް އެ ޤައުމަށް ޙަމަލާތަކެއް ދީފައެވެ. މިދިޔަ އަހަރުގެ ތެރޭގައި އީރާނުގެ ވައިގެ ދިފާޢުތަކަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވެއެވެ. އީރާނުން ބުނީ މިިިދިޔަ އަހަރުގެ ފެބްރުވަރީ މަހުގެ ތެރޭގައި އެ ޤައުމުގެ ގޭސް ހޮޅިތަކަކަށް ވެސް ޔަހޫދީން ޙަމަލާ ދީފައިވާ ކަމަށެވެ. އޭގެ އިތުރުން، 2020ވަނަ އަހަރުގެ ތެރޭގައި ޝާހިދު ރަޖައީގެ ކޮމްޕިޔުޓަރުތަކަށް ސައިބާ ޙަމަލާއެއް ވެސް ދީފައިވެއެވެ. އެ ޙަމަލާއަކީ ވެސް ޔަހޫދީން ދީފައިވާ ޙަމަލާއެއް ކަމަށް ބެެލެވެއެވެ. ބަންދަރު ޢައްބާސްގައި ހިނގާަފައިވާ ގޮވުމުގައި އިޒްރޭލުގެ އަތެއް ވޭތޯ ސުވާލު ކުރުމުން އެ ޤައުމުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންތާހޫގެ އިދާރާއިން މިހާތަނަށް ޖަވާބެއް ދީފައެއް ނުވެއެވެ.
ޔަހޫދީން ވަނީ އީރަނުގެ ނިޔުކްލިއަރ މަޝްރޫޢުއާ ގުޅޭގޮތުން އީރާނާއި އެމެރިކާއާ ދެމެދު ކުރަމުންދާ މަޝްވަރާތަކާ މެދު ނުތަނަވަސްވާ ކަމަށް ބުނެފައެވެ. ޔަހޫދީން ބޭނުން ވަނީ އީރާނުގެ ނިޔުކްލިއަރ މަޝްރޫޢު ދާއިމީކޮށް ހުއްޓުމަކަށް ގެންނާށެެވެ. ނަމަވެސް އީރާނުން ބުނަމުން ދަނީ އެ ޤައުމުގެ ނިޔުކްލިއަރ މަޝްރޫޢުއަކީ ޞުލްޙަވެރި މަޝްރޫޢުއެއް ކަމަށެވެ.