ޚަބަރު

އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ގިނަ މައްސަލަތައް ނިމިއްޖެ


ސިވިލް ކޯޓަށް ހުށައެޅި އެއް އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ މައްސަލަތަކުގެ ތެރެއިން 3 މައްސަލަ ފިޔަވައި ހުރިހާ މައްސަލައެއް ނިންމަވާފައިވާ ކަމަށް ސިވިލް ކޯޓުން ހާމަކުރައްވައިފިއެވެ. މިއީ ސިވިލް ކޯޓް ވުޖޫދަށް އައުމަށްފަހު މިހާތަނަށް ޙާޞިލްކުރެއްވިފައި ނުވާވަރުގެ ބޮޑު ކާމިޔާބީއެއްގެ ގޮތުގައި ސިވިލްކޯޓުން ސިފަކުރައްވައެވެ.

ސިވިލްކޯޓަށް ހުށައެޅި ބައްލަވަމުން ގެންދަވާ މައްސަލަތަކުގެ ތެރެއިން ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމެވުމާއި، އެކޯޓަށް ހުށައެޅޭ މައްސަލަތައް ވީއެންމެ އަވަހަކަށް ނިންމެވުމަށް ގެންގުޅުއްވާ ސިޔާޞަތުގެ ދަށުން މިއަހަރުގެ ފުރަތަމަ 6 މަސްދުވަސް ނިމުނުއިރު އެކޯޓުގައި ނުނިމިހުރި މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކާ އަޅައިބަލާއިރު ދަށްކުރެވިފައިވާ ކަމަށް ސިވިލް ކޯޓުން ހާމަކުރައްވައެވެ. މިއަހަރުގެ ފުރަތަމަ 6 މަސްދުވަހަށް ސިވިލް ކޯޓުން ޢަޒުމް ކަނޑައަޅުއްވައިފައިވަނީ އެކޯޓަށް ހުށައެޅި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމެވުމަށެވެ. އެގޮތުން މިއަހަރުގެ ޖުލައިމަހުގެ 5 ވަނަ ދުވަހާ ހަމައަށް އެކޯޓުގައި ހުރި މައްސަލަތަކުގެ ތެރެއިން ގޮތެއް ކަނޑަނޭޅި 1 އަހަށްވުރެ ގިނަދުވަސްވެފައި އޮތީ 3 މައްސަލަ ކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ. މިއާއެކު 2016 ވަނައަހަރުގެ ދެވަނަ 3 މަސްދުވަހަށް އެކޯޓުން ކަނޑައަޅުއްވައިފައިވާ ލަނޑުދަނޑި ޙާޞިލްކުރެއްވިފައިވާ ކަމަށް ސިވިލްކޯޓުން ވިދާޅުވެއެވެ.

ތަފާސްހިސާބުތައް ދައްކާގޮތުން 2015 ވަނަ އަހަރު ނިމުނުއިރު ސިވިލްކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 1 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަތަކުގެ ޢަދަދު ހުރީ 191 ގައެވެ. އެހެންނަމަވެސް މިހާރު އެކޯޓުގައި 1 އަހަރަށްވުރެ ގިނަދުވަސްވެފައިވާ މައްސަލަ ވަނީ 3 އަކަށް ތިރިކުރެވިފަ އެވެ. 2015 ވަނައަހަރުގެ ތެރޭގައި ސިވިލްކޯޓަށް ހުށައެޅުނު މައްސަލައިގެ ޢަދަދަކީ 2377 އެވެ. މި މައްސަލަތަކުގެ ތެރެއިން 96 އިންސައްތަ އެ އަހަރުގެ ތެރޭގައި ވަނީ ނިންމަވާފައެވެ. އެއީ 2283 މައްސަލައެވެ.

މިއަހަރު ފެށުނީއްސުރެ ޖުލައި މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް ޖުމްލަ 1427 މައްސަލަ އެކޯޓަށް ހުށައެޅިފައިވެއެވެ. އަދި މިމުއްދަތުގައި 1696 މައްސަލަ އެކޯޓުން ނިންމަވާފައިވެއެވެ.

ސިވިލްކޯޓުން މިއަހަރުގެ 3 ވަނަ ތިންމަސްދުވަހަށް އަމާޒުކުރައްވައިފައިވަނީ އެކޯޓަށް ހުށައެޅިފައިވާ މައްސަލަތަކުގެ ތެރެއިން 8 މަސްދުވަހަށްވުރެ ގިނަދުވަސްވެފައިވާ ހުރިހާ މައްސަލައެއް ނިންމަވައި، އެއްވެސް ޤާޟީއެއްގެ ޙަވާލުގައި 40 މައްސަލައަށްވުރެ ގިނަ މައްސަލަ ނުހުންނާނެ ގޮތަށް މަސައްކަތް ކުރެއްވުމަށް އެކޯޓުން ވަނީ ޢަޒުމް ކަނޑައަޅުއްވާފައެވެ.

ޝަރުޢީ ދާއިރާ އިތުރަށް ހަރުދަނާކުރައްވާ، މައްސަލަތައް ނިންމެވުން އަވަސްކުރެއްވުމަށް، ޝަރުޢީ ކޯޓްތަކުގެ ބެލެނިވެރި ފަރާތް، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ މުހިންމު ފިޔަވަޅުތަކެއް އަޅުއްވާފައެވެ. އެގޮތުން ދަށުކޯޓުތަކުން ނިންމަވާ ނިންމެވުންތައް އިސްތިޢުނާފަށް ހުށައަޅުއްވަންޖެހޭ މުއްދަތުވަނީ ކުޑަކުރައްވާފައިވެއެވެ. ޚާއްޞަގޮތެއްގައި ޝަރުޢީ ކޯޓުތަކަށް ހުށައެޅި ގިނަދުވަސްވެފައިވާ މައްސަލަތައް އަވަހަށް ނިންމެވުމަށް ޚާއްޞަ ފިޔަވަޅުތަކެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ އަޅުއްވާފައެވެ.