ޚަބަރު

އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ޚަރާބުކޮށް އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާ: ޚުޠުބާ


  • ތިބާއީ އަމިއްލަ ނަފުސަށާއި އެހެން މީހުންނަށް އޯގާތެރި އަޅަކަށް ވުމަށް ގޮވާލައްވާފައިވޭ

  • އަނެކާއަށް ކަމެއް ކޮށްދޭން މަސައްކަތްކުރުމަކީ މަސްޖިދުއްނަބަވީގައި އިޢުތިކާފަށް އިނުމަށް ވުރެ ހެޔޮކަން ބޮޑުކަމެއް

އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ޙަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގައިލައި އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާކަމަށް މިއަދުގެ ހުކުރު ޚުތުބާގައި ވިދާޅުވެއްޖެއެވެ. މިއަދު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރެއްވީ މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރެވެ.

މިއަދުގެ ހުކުރު ޚުތުބާގެ މައުޟޫއަކީ "ތިޔަބައިމީހުންނީ ލޯބިވާ އަޚުންތަކެއްކަމުގައިވާށެވެ" މި މައުޟޫއެވެ. ޚުތުބާގައި ވިދާޅުވީ، ދުނިޔެމަތީގައި އެންމެ ނުބައި މީހަކީ އެމީހެއްގެ ޤައުމު ހަރާބުކޮށް އަމާންކަމާއި ސަލާމަތްކަން ނަގައިލައި، އަމިއްލަ މީހުންނާ ދެކޮޅަށް ހަނގުރާމަކުރާ މީހާކަމަށެވެ. އަދި އެއްބަސްވުމާއި ދެކޮޅުވެރިކަމުގެ އަލިފާން ރޯކުރާ ޖާހިލަކަށް، ޤައުމެއްގެ ރައްޔިތުން އެއްގަލަކަށް ނޭރުވޭނެކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ ހަރުކަށިކަމާއި ނަފުރަތުން މީސްތަކުން ދީނާ ދުރުކުރާ މީހުންނާއި، މީސްތަކުންނާއި ހުތުރުބަހުން މުޚާތަބުކޮށް އަނިޔާވެރިވާ މީހުންނާއި، އަނިޔާވެރިކަމާއި ފާޖިރުމަކުން ސިފަލިބިގެންވާ ބަޔަކަށް ޤައުމު އެއްގަލަކަށް ނޭރުވޭނެކަމަށެވެ.

މީގެއިތުރުން ޚުތުބާގައިވަނީ ތިބާއީ އަމިއްލަ ނަފުސަށާއި އެހެން މީހުންގެ މައްޗަށް އޯގާވެރި އަޅަކަށް ވުމަށް ގޮވާލައްވާފައެވެ. އަދި އެފަދަ މީހުންނަށް މާތް ﷲ ރަހްމަތް ލައްވައި، ކަށްވަޅުގެ ޢަޛާބާއި ނަރަކައިގެ ގިނި ހޫނުން މިންޖުކުރައްވާނެކަންހަނދާންކޮށްދެއްވާ ޚުތުބާގައިވަނީ ޤިޔާމަތްދުވަހުގެ ބިރުވެރިކަމުން އަމާންކަން ދެއްވައި އެކަލާނގެ ހިޔާވަހިކަން ދެއްވާނެކަން ހަނދާންކޮށްދެއްވާފައެވެ.

"ތިބާގެ ޢިލްމުން ނުދަންނަ މީހުންނަށް އުގަންނައިދީ، އެ މީހުންގެ މައްޗަށް އޯގާވެރިވާށެވެ! ތިބާގެ މުދަލުން ފަޤީރުންނަށް ހޭދަކުރާށެވެ! ބޮޑެތިމީހުންނަށް އިޙްތިރާމުކުރާށެވެ! ކުޑަކުދީންނަށް އޯގާވެރިވާށެވެ! ކުށުގެ ވެށީގައި އުޅޭ މީހުންނަށް މަގުދައްކާށެވެ! ޖަނަވާރުންނަށް ދާންދެން ތިބާ އޯގާވެރިވާށެވެ! ﷲގެ ރަހްމަތާ ކުއްތަންވެގެންވާ މީހުންނީ، އެ ކަލާނގެ ޚަލްޤުތަކުގެ މައްޗަށް އޯގާވެރިވާ މީހުންކަން ދަންނާށެވެ!" ޚުތުބާގައި ވިދާޅުވިއެވެ.

އަނެކާއަށް ބޭނުންޖެހިފައިވާ ކަމެއް ކޮށްދޭން މަސައްކަތްކުރުމަކީ މަސްޖިދުއްނަބަވީގައި އިޢުތިކާފަށް އިނުމަށް ވުރެ ހެޔޮކަން ބޮޑުކަމެއްކަން ފާހަގަކުރައްވާ ޚުތުބާގައި ވިދާޅުވީ މުއުމިނުންނަކީ އަނެކުންގެ ބޭނުންތައް ފުއްދައިދޭ ބަޔަކަށް ވާންޖެހޭކަމަށެވެ.

"ތިބާގެ އެހީތެރިކަމާއި، ދީލަތިކަމާއި، ހޭދަކުރުން ދޫކޮށްނުލާށެވެ! ތިބާ މުށްބާރުނުކުރާށެވެ! ބޭނުމެއް ޖެހިގެން އަތްދިއްކޮށްލާ މީހާއަށް ކުޑަނަމަވެސް ހެޔޮކަމުގެ އަތެއް ދިއްކޮށްލާށެވެ! ނުވަތަ ހިތްހެޔޮކަމާއެކު ރީތިކޮށް އޭނާއަށް ޖަވާބުދޭށެވެ! އޭނާގެ ނިކަމެތިކަމާހެދި ސަލާންޖެހުމުން ހުސްއަތާ ދާންޖެހުމާއި، ތިބާގެ ހަރުކަށިކަމާއި ނުރުހުން އެކުވިޔަނުދޭށެވެ. މާތްމީހާގެ ވަޢުދު އަވަހަށް ފުއްދާނެއެވެ. ބަޚީލުމީހާ ބުނާނީ މާދަން އަންނާށޭއެވެ." ޚުތުބާގައި ވިދާޅުވިއެވެ.

އެންމެ މަތިވެރި ޚުލްޤަކީ މާތްﷲގެ އަޅުތަކުންނަށް ފައިދާއެއް ކޮށްދިނުންކަން ހަނދާންކޮށްދެއްވާ ޚުތުބާގައި ވިދާޅުވީ، މީސްތަކުންނަށް ހެޔޮކޮށް ކަންތައްކުރާ މީހުން ދިރިއުޅޭނީ ޢިއްޒަތާއި ޝަރަފާއި ޤަދަރުވެރިކަމުގައިކަމަށެވެ. އަދި ތިބާއީ މީސްތަކުންނަށް ފައިދާހުރި، ހެޔޮފޯރުވައި އުޅޭ މީހަކަށް ވުމަށް ޚުތުބާގައިވަނީ ގޮވާލައްވާފައެވެ.