ޚަބަރު

ނިމުނު ހަފުތާ: ބޯހިޔާވަހިކަމުގެ ބިޔަ މަޝްރޫޢަކާއި އެކު ރައްޔިތުންނަށް އައު އުއްމީދުތަކެއް


  • މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސްގެ ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފެއްދެވި

  • ރާއްޖޭގެ 57 ރަށެއްގައި 12040 ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް އިޢުލާންކޮށްފައިވޭ

ނިމުނު ހަފުތާގައިވެސް އެކިއެކި ދާއިރާތަކުން ފާހަގަކޮށްލެވޭ ކަންތައްތަކެއް ހިނގައިދިޔައެވެ. މިގޮތުން ފާހަގަކޮށްލެވޭ އެއް ކަމަކީ ރައްޔިތުންނާ ގާތުން ހާމަކަން ބޮޑު ގޮތެއްގައި މަޢުލޫމާތު ހިއްސާކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ރަސްމީ ވަޓްސްއެޕް ޗެނަލެއް އުފެއްދެވުމެވެ. މި ޗެނަލްގައި ސަރުކާރުގެ ސިޔާސަތުތަކާ ގުޅޭ މުހިންމު މަޢުލޫމާތުތައް ދަނީ ހިއްސާކުރައްވަމުންނެވެ.

ސިފައިންގެ 133 ވަނަ އަހަރަ ދުވަސްވެސް ފާހަގަކޮށްފައިވަނީ ނިމުނު ހަފުތާގައެވެ. މި މުނާސަބާ ފާހަގަކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ އާމީ، ނޭވީ އަދި އެއަރފޯސްގެ މައްޗަށް އެކުލެވޭ ޔުނިފައިޑް އާމްޑް ފޯސްއަކަށް ދިވެހި އަސްކަރިއްޔާ ތަރައްޤީކުރެއްވުމަކީ ސަރުކާރުގެ ތަސައްވުރެއްކަން ހާމަކުރައްވާފައެވެ. އަދި މި ރަސްމިއްޔާތުގައި ދިވެހި ޤައުމީ ދިފާޢީ ބާރަށް މުޅިން އަލަށް "ހަށިހެޔޮކަމުގެ ކުލަ"ގެ ނަމުގައި ޝަރަފުގެ ނިޝާނެއްވެސް ރައީސުލްޖުމްހޫރިއްޔާ އިފްތިތާޙުކޮށްދެއްވިއެވެ.

ހަމައެއާއެކު އެއްބުރުން ރިޔާސީ އިންތިޚާބު ނިމޭގޮތަށް، ޕްރިފަރެންޝަލް ވޯޓިން ނިޒާމެއް ގާއިމުކުރަން ތާޢީދުކުރައްވާކަން ރައީސް ހާމަކުރެއްވީ ނިމުނު ހަފުތާގެ ހޯމަ ދުވަހުއެވެ. އަދި ޖެހިގެން އައި އަންގާރަ ދުވަހު ރައީސް ވަނީ ޑޮލަރު މައްސަލަ ހައްލުކޮށް 2027ވަނަ އަހަރުގެ ނިޔަލަށް ބޭންކު ރޭޓުގައި ކޮންމެ ދިވެއްސަކަށްވެސް ޑޮލަރު ލިބޭނެ އިންތިޒާމު ހަމަޖެހޭނެކަން ހާމަކުރައްވާފައެވެ.

މީގެ އިތުރުން ފުލުހުން ތަޙުޤީޤުކުރަމުންދާ މައްސަލައަކާ ގުޅިގެން ގިނަ ބަޔަކު އެކި ކަންބޮޑުވުން ފާޅުކުރަމުންދާ ދަނޑިވަޅެއްގައި ޤާނޫނުގެ ވެރިކަން ހިންގުމުގައި އެއްވެސް މީހަކު ތަފާތު ނުކުރާނެކަމުގެ ޔަޤީންކަން ރައީސް ދެއްވީ ނިމުނު ބުރާސްފަތި ދުވަހުއެވެ.

ނިމުނު ހަފުތާގައި ހިނގި މުހިންމު އެހެން ކަންކަމަށް ބަލާލާއިރު، މި ސަރުކާރުން އެންމެ އިސްކަންދީގެން ކުރިއަށްގެންދާ ޢުމްރާނީ ތަރައްޤީގެ މަޝްރޫޢުތަކުގެ އަދާހަމަ މަޢުލޫމާތު ޙިއްޞާކުރުމަށް ވަޒީރުންގެ މަޖިލީހުގެ މަސައްކަތު ބައްދަލުވުމެއް ނިމުނު ހަފުތާގައި ބާއްވާފައިވެއެވެ. އަދި އިސްލާމީ ދުނިޔޭޣެ އެންމެ ވަރުގަދަ އެއް ޝަޚުޞިއްޔަތުކަމަށްވާ ކީރިތި ރަސޫލާގެ މިސްކިތްފުޅު މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެވަޑައިގަތީވެސް ނިމުނު ހަފުތާގައެވެ.

ސިޔާސީ ދާއިރާ:

ސިޔާސީ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ސިވިލް ސަރވިސް ކޮމިޝަނުގެ ނައިބު ރައީސްގެ މަޤާމަށް މުޙައްމަދު މުޖުތާޒް ރައީސުލްޖުމްހޫރިއްޔާ އައްޔަނުކުރެއްވީ ނިމުނު ބުދަ ދުވަހުއެވެ.

ހަމައެއާއެކު މި މަހުގެ 18 ވަނަ ދުވަހު ގެއެއްގެ ފުރާޅު މައްޗަށް އަންހެނަކު ވެއްޓުމާ ގުޅިގެން ފުލުހުން ހިންގަމުންދާ ތަޙުޤީޤާ ގުޅޭ މުހިންމު ކަންތައްތަކެއް ފުލުހުން ހާމަކުރެއްވީވެސް ނިމުނު ހަފުތާގައެވެ. އެ ގިތުން މި މައްސަލާގައި ހިމެނޭ 8 މީހަކު ހޯދައި، އެ މީހުންގެ ފަރާތުން ބަޔާން ނަގައި ޕާސްޕޯޓް ހިފަހައްޓާފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި މި މައްސަލާގައި މީހަކު ހައްޔަރުކުރީވެސް ނިމުނު ހަފުތާގައެވެ.

އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާ:

އިޤުތިޞާދާއި ވިޔަފާރީގެ ދާއިރާއިން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، އެކުއަކަލްޗަރގެ މަސައްކަތް ކުރުމަށް އިޚްތިޞާސްގެ ތެރޭގައި ނުހިމެނޭ ސަރަޙައްދުތައް ރަށްރަށަށް ކުއްޔަށްދޭގޮތަށް ގަވާއިދު އިސްލާޙުކުރީ ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ.

އަދި ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓްކުރުގެ ޚިދުމަތްތައް ރަސްމީކޮށް ޓްރޭޑިއަން ޕްލެތްފޯމުން ބޭނުންކުރަން ފެށުންވެސް އިޤުތިޞާދީ ދާއިރާއިން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މޫދުވިނަ އެކްސްޕޯޓްކޮށްގެން އާމްދަނީ ހޯދުމަށް ބ. ފެހެންދޫގައި އަމިއްލަފަރާތަކުން މަޝްރޫޢެއް ފަށްޓަވާފައިވަނީވެސް ނިމުނު ހަފުތާގައެވެ.

އެހެނިހެން ދާއިރާތައް:

އެހެނިހެން ދާއިރާތަކުން ފާހަގަކޮށްލެވޭ ޚަބަރުތަކަށް ބަލާލާއިރު، ދިވެހިރާއްޖޭގެ މަތީ ތަޢުލީމުގެ މަރުކަޒަކުން އެރުވި ފުރަތަމަ އޮނަރަރީ ޑޮކްޓަރޭޓް، ފަޟީލަތުއްޝައިޚް އިސްމާޢިލް މުޙައްމަދަށް އެރުއްވީ ނިމުނު ހަފުތާގެ ހޮނިހިރު ދުވަހުއެވެ.

ހަމައެއާއެކު ރާއްޖޭގެ 57 ރަށެއްގައި 12040 ހައުސިން ޔުނިޓް އިމާރާތްކުރާނެ ބަޔަކު ހޯދުމަށް މާލީ ވުޒާރާއިން މިދިޔަ އަންގާރަ ދުވަހު އިޢުލާނުކުރިއިރު، 3 ރަށެއްގެ ހޮސްޕިޓަލްތައް އަޕްގްރޭޑްކުރުމުގެ މަސައްކަތް ރޯޑް ޑިވަލޮޕްމެންޓް ކޯޕަރޭޝަން، އާރުޑީސީއާއި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮންޕެނީ، އެމްޓީސީސީއާ ހަވާލުކޮށްފައިވަނީ ނިމުނު ހަފުތާގެ ބުދަ ދުވަހުއެވެ. ހޮސްޕިޓަލްތައް އަޕްގްރޭޑްކުރަން ހަމަޖެހިފައިވާ 3 ރަށަކީ ޅ. ނައިފަރާއި ރ. އުނގޫފާރުގެ އިތުރުން ތިނަދޫ ސިޓީގެ ހޮސްޕިޓަލްތަކެވެ.

މީގެ އިތުރުން ރޭޑިއޯގްރާފަރުން ތަމްރީނުކުރުމަށް ރާއްޖޭގައި ހިންގި ފުރަތަމަ ކޯހުން 23 ދަރިވަރުން ދަސްވެނިވީވެސް ނިމުނު ހަފުތާގައެވެ.

މި ޚަބަރުތަކާއެކު ނިމުނު ހަފުތާވެސް ފާހަގަކޮށްލެވެނީ ސިޔާސީ، އިޤުތިޞާދީ، ޢުމްރާނީ ތަރައްޤީގެ ދާއިރާއިން ކަންތައްތަކެއް ހިނގައިދިޔަ ހަފުތާއެއްގެ ގޮތުގައެވެ. އަދި ޚާއްސަ ގޮތެއްގައި ރައީސުލްޖުމްހޫރިއްޔާ ގިނަ ކަންތައްތަކެއް ހާމަކުރެއްވި ހަފުތާއެއްގެ ގޮތުގައެވެ.