ޚަބަރު

ރާއްޖޭގައި ޝައިޢުކުރެވޭ ފޮތްތަކުގެ އަދަދު އިތުރުވެއްޖެ


ރާއްޖޭގައި ޝައިޢުކުރެވޭ ފޮތް ތަކުގެ އަދަދު އިތުރުވަމުންދާކަމަށް ނެޝަނަލް ލައިބްރަރީން ހާމަކުރައްވައިފިއެވެ.

ނެޝަނަލް ލައިބްރަރީން ވިދާޅުވީ ރާއްޖޭގައި ޝާއިޢުކުރެވޭ ތަކެތީގެ ޢަދަދު އިތުރުވަމުން ދިޔަ ނަމަވެސް ކުޠުބުޚާނާއަށް ތަކެތި ޖަމާކުރުމަށް އޮންނަ ޤާނޫނަށް ތަކެތި ޝާއިޢުކުރާ ފަރާތްތަކުން ހޭލުންތެރިވަފައިވާ މިންވަރު ކުޑަ ކަމަށެވެ. ޤައުމީ ކުޠުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖޭގައި ޝާއިޢުކުރާ ކޮންމެ އެއްޗެއްގެ ކޮޕީ ނެޝަނަލް ލައިބްރަރީއަށް ހުށައަޅަންޖެހެއެވެ. ނަމަވެސް ޝާއިޢުކުރާ ފަރާތްތަކުން އެތަކެތީގެ ކޮޕީ ނެޝަނަލް ލައިބްރަރީއަށް ހުށައަޅާއިރު ބޭނުންވާ މުހިންމު  ބައެއް މަޢުލޫމާތު ފުރިހަމަނުވެ ހުންނަކަން ނެޝަނަލް ލައިބްރަރީން ފާހަގަކުރައްވައެވެ.

ރާއްޖޭގައި ޝާއިޢުކުރެވޭތަކެތި ޖަމާކޮށް އަންނަންއޮތް ޖީލުތަކަށް އެތަކެތި ރާއްކާތެރިކުރުމުގެ ބުރަ މަސްޢޫލިއްޔަތު ޙަވާލުވެފައިވާ ފަރާތަކީ ޤައުމީ ކުޠުބުޚާނާއެވެ. ކުޠުބުޚާނާއަށް ތަކެތި ޖަމާކުރުމުގެ ޤާނޫނުގައިވާގޮތުން ލިޔެ ޗާޕްކޮށްފައިވާ ، ފޮތް، ސީރީސް، ޗާޓް އަދި ޕޯސްޓަރު ފަދަ ތަކެތި، އެ އެއްޗެއް ޝާއިޢުކުރާތާ 1 މަސްދުވަހުގެ ތެރޭގައި އެ އެއްޗެއްގެ ދެ ކޮޕީއެއް ކުޠުބުޚާނާއަށް ހުށައަޅަންޖެހެއެވެ. އަދި ލިޔެޗާޕްކޮށްފައި ނުހުންނަ ތަކެތީގެ ތެރޭގައި ހިމެނޭ، މައިކްރޯ ފޯމް، ފޯނު ރެކޯޑްސް، ވީޑިއޯ އަދި އޯޑިއޯ ރިކޯޑިންގްސް، އަދި އެހެނިހެން އިލެކްޓްރޯނިކް މީޑިޔާތަކުގެ ތަކެތި ޝާއިޢުކުރާތާ 1 މަސްދުވަހުގެ ތެރޭގައި އެ އެއްޗެއްގެ ކޮޕީއެއް ކުޠުބުޚާނާއަށް ހުށައަޅަންޖެހެއެވެ.