ތިމާވެށި

ކުނި މެނޭޖްކުރުމަށް 370 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓަށް!


ރާއްޖޭގައި ކުނި މެނޭޖްކުރެއްވުމަށްޓަކައި 370 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށް ފިނޭންސް މިނިސްޓަރ އަޙްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ސާފު ރާއްޖެ ޤައުމީ މަހާސިންތާ ހުޅުއްވައިދެއްވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ އެކި ހިސާބުތަކުގައި ދިމާވަމުންދާ އެއް އިޖްތިމާއީ މައްސަލައިގެ ގޮތުގައި ފާހަގަވެގެންދަނީ ކުނީގެ މައްސަލައެވެ. އަދި މިކަން ހައްލުކޮށްދެއްވުމަށްޓަކައި ސަރުކާރުން ގެންދަވަނީ ތަފާތު މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 ގެ ނަމުގައި ފެށި ބޮޑު ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވީ، ރާއްޖޭގައި ކުނި މެނޭޖްކުރެއްވުމަށްޓަކައި ސަރުކާރުން ކުރިޔަށްގެންދަވާ މަސައްކަތްތަކަށް 370 މިލިއަން ރުފިޔާ އަންނަ އަހަރުގެ ބަޖެޓުގައި ހިމަނުއްވާނެ ކަމަށެވެ.

ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 ގައި ވާހަކަފުޅުދައްކަވަމުން އެންވަޔަރމަންޓް މިނިސްޓަރ ތާރިޤް އިބްރާހިމް ވިދާޅުވީ ކުނި މެނޭޖްކުރެއްވުމަށްޓަކައި ސަރުކާރުން ވަރަށްބޮޑު އިސްކަމެއް ދެއްވައިގެން މިކަމަށް ހާއްސަކޮށް މީހުން ތަމްރީނު ކުރެއްވުމުގެ މަސައްކަތް ކުރައްވަމުން ގެންދަވާކަމަށެވެ. އަދި މި މަސައްކަތުގެ ދަށުން 70 މީހަކު ރާއްޖެއިން ބޭރަށް ފޮނުއްވައިގެން ތަމްރީނު ކުރައްވާފައިވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 ކުރިޔަށްދަނީ ދަރުބާރުގޭގައެވެ. މި މަހާސިންތާގައި ރާއްޖޭގެ އެކި ހިސާބުތަކުން 265 މީހަކު ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. ތިން ދުވަހުގެ މުއްދަތަށް ކުރިޔަށްދާ މި މަހާސިންތާގައިވަނީ ކުނި މެނޭޖްކުރުމާ ބެހޭ ޕްލޭން ތައްޔާރު ކުރުމަށް އެހީއެއް މި ނަމުގައި އަތްމަތީ ފޮތެއްވެސް ނެރުއްވާފައެވެ.