ކުޅިވަރު

ކުޅުންތެރިން ވަނީ ވަރުބަލިވެފައި: އިންޒާގީ


ފުލުފުލުގައި ގިނަ މެޗުތަކެއް ކުޅެން ޖެހުމުން ކުޅުންތެރިން ދަނީ ވަރުބަލިކަން އިހުސާސްކުރަމުން ކަމަށް އިންޓަރ މިލާނުގެ ކޯޗު ސިމޯން އިންޒާގީ ބުނެފިއެވެ. އޭނާ މިހެން ބުނެފަވަނީ އިޓާލިއަން ކަޕުގެ ސެމީ ފައިނަލުގައި ވާދަވެރި އޭސީ މިލާން ވާދަކޮށް ބަލިވި މެޗަށްފަހު ނޫސްވެރިންނާ ވާހަކަދައްކަމުންނެވެ.

އޭސީ މިލާނުން ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައިވަނީ މި ދެ ޓީމުގެ ފުރަތަމަ ކުރިމަތިލުން 1-1 ގެ ނަތީޖާއަކުން އެއްވަރުވެފައިވަނިކޮށް، ބުދަ ދުވަހުގެރޭ ކުޅުނު ދެވަނަ ލެގުގައި 3-0 ގެ ނަތީޖާއަކުން ކުރި ހޯދުމުންނެވެ. އެހެންކަމުން ދެ ލެގުގެ ނަތީޖާއަށްފަހު އޭސީ މިލާނުން ތައްޓާ ގާތަށް ޖެހިލީ 4-1 ގެ އެގްރިގޭޓް ނަތީޖާއިންނެވެ.

އާދީއްތަ ދުވަހު ބޮލޯނިއާއާ ވާދަކޮށް ބަލިވި މެޗަށް އިޝާރާތްކުރަމުން އިންޒާގީ ބުނެފައިވަނީ ގާތްގާތުގައި ދެމެޗުން ބަލިވުމުން ކަންބޮޑުވެފައިވާ ކަމަށެވެ. އަދި ހިތްވަރާއެކު މަސައްކަތްކޮށް ނާކާމިޔާބީތަކުން އަރައިގަތުމަށް އޭނާވަނީ ކުޅުންތެރިންގެ ކިބައިން އެދިފައެވެ.

"ޖެހިޖެހިގެން ދެ މެޗުން ބަލިވުމަކީ ކަންބޮޑުވުމެއް. މިއީ އަހަރުމެންނަށް އާންމުކޮށް ދިމާވާކަމެއްވެސް ނޫން."

އިންޒާގީ ބުނީ ގާތްގާތުގައި ދެމެޗުން ބަލިވުމުން، އެ ދެމެޗު ވަރަށް ރަނގަޅަށް ދިރާސާކުރަން ވިސްނާފައިވާ ކަމަށެވެ. އަދި ބޮލޯނިއާ ފަދަ ޓީމެއްގެ އަތުން ބަލިވުމަކީ އޭނާއަށް ގަބޫލުކުރެވޭނެކަމެއް ނޫން ކަމަށާއި، ސީޒަނުގެ މިހާ ހިސާބަށް އައިއިރު، ކުޅުންތެރިން ވަނީ ވަރަށް ބޮޑަށް ވަރުބަލިވެފައި ކަމަށެވެ. ބުދަ ދުވަހުގެރޭގެ މެޗުގައި ޓީމުން ވާދަކުރީ ބުންވަރާ ހަކަތަނެތި ކަމަށާއި، އެގޮތަށް ދަނޑަށް އަރަންޖެހުމަކީ އޭނާގެ ކަންބޮޑުވުމެއް ކަމަށްވެސް ވަނީ ބުނެފައެވެ.

"ޖިސްމާނީ ވަރުބަލިކަމާ އެއްވަރަށް ނަފްސާނީ ގޮތުންވެސް ކުޅުންތެރިންވަނީ ވަރުބަލިވެފަ. އެހެންނަމަވެސް އަދިވެސް އެބަޖެހޭ ހިތްވަރުކޮށްލަން" އިންޒާގީ ބުނެފައިވެއެވެ.

މީގެ އިތުރުން އިންޒާގީ ބުނެފައިވަނީ އުފާވެރިކަމާ އެއްވަރަށް ހިތި ދުވަސްތައްވެސް ބައްދަލުވެއްޖެ ކަމަށެވެ. އަދި ބުދަ ދުވަހުގެރޭގެ މެޗަށް އިޝާރާތްކުރަމުން އޭނާ ބުނީ ޓީމަށް އެއަށްވުރެ ރަނގަޅަށް ކުޅެވެންޖެހޭނެ ކަމަށް އޭނާ ގަބޫލުކުރާ ކަމަށެވެ. އަދި މެޗުގެ މުހިންމު ވަގުތުތަކުގައި ކުޅުންތެރިންގެ ފޯކަސް ގެއްލުނުކަން އޭނާ ފާހަގަކުރިއެވެ.

އިންޒާގީ ބުނީ ބުރަ ޝެޑިއުލަކީ ބަހަނާއަކަށް އޭނާ ނުހަދާނެ ކަމަށެވެ. އަދި މިހާރު ހުރިހާ ފޯކަސްއެއް ހުރީ ސީޒަންގެ އެންމެ ފަހު މެޗަށް ކަމަށް އޭނާ ބުންޏެވެ. އެގޮތުން އޭއެސް ރޯމާއާ ދެކޮޅަށް އާދީއްތަ ދުވަހު ނުކުންނާނީ ވަރުގަދަ މެޗެއް ކުޅެ، މޮޅެއް ހޯދުމަށް ކަމަށް އޭނާ ވަނީ ބުނެފައެވެ.

"އަހަރުމެންގެ ޝެޑިއުލް އޮތީ ވަރަށް ބުރަކޮށް، އެހެންނަމަވެސް އެކަން ބަހަނާއަކަށް ނުހަދާ ތަށްޓަކާ ހަމައަށް ދިއުމަށް މަސައްކަތްކުރާނަން. އެކަން ހާސިލުނުވެއްޖެނަމަ އަހަރެން ގަބޫލުކުރާނީ އަހަރުމެންނަށް ފުރިހަމައަށް މަސައްކަތެއް ނުކުރެވުނުކަމަށް" އިންޒާގީ ބުނެފައިވެއެވެ.

ބާކީ އޮތް މަހެއްހާ ދުވަހުގެ ބޭނުން ވަރަށް ރަނގަޅަށް ހިފާނެކަން ފާހަގަކުރަމުން އިންޒާގީ ބުނީ ދެން ނުކުންނާނީ އައު ހިތްވަރަކާއެކު ކަމަށެވެ. އަދި އިޓާލިއަން ކަޕްގެ ފައިނަލަށް އޭސީ މިލާން ދަތުރުކުރުމުން އިންޒާގީ ވަނީ އެ ޓީމަށް މަރުހަބާ ކިޔާފައެވެ.

"އާދީއްތަ ދުވަހު ރޯމާއާ ދެކޮޅަށް ނުކުންނާނީ މޮޅުވާން" އިންޓަމިލާނުގެ ސަޕޯޓަރުންނަށް އުއްމީދެއް ދެމުން އިންޒާގީ ބުންޏެވެ.