މަސްވެރިކަމުގެ ދާއިރާގެ ކުރިއެރުމަށް އެކިއެކި ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކުރަން ސަޢުދީ ފަންޑު ފޮރ ޑިވެލޮޕްމަންޓްގެ އިސްވެރިންނާއެކު މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާ ބެހޭ ވުޒާރާއިން މަޝްވަރާކުރައްވައިފިއެވެ.
މިމަޝްވަރާތައް ބާއްވާފައިވަނީ މިހާރު ރާއްޖެއަށް ޒިޔާރަތްކުރައްވަމުން ގެންދަވާ ސަޢުދީ ފަންޑުގެ ވަފުދާއި މަސްވެރިކަމާ ބެހޭ ވުޒާރާއާ އެކު ބޭއްވި ބައްދަލުކުރެއްވުމެއްގެ ތެރެއިންނެވެ.
މި ބައްދަލުވުމުގައި ސަޢުދީ ފަންޑުގެ އެހީތެރިކަމާއެކު ވުޒާރާއިން ކުރިއަށްގެންދާ މަޝްރޫޢުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ. އަދި މަސްވެރިކަމުގެ ދާއިރާގެ ޢުމްރާނީ ވަޞީލަތްތައް ތަރައްޤީކޮށް، ޤާބިލުކަން އިތުރުކުރުމަށް ސަޢުދީ ފަންޑާ ގުޅިގެން ކުރިއަށް ގެންދެވިދާނެ އިތުރު މަޝްރޫޢުތަކާ ބެހޭގޮތުންވެސް މަޝްވަރާކުރެއްވިއެވެ.
ސައުދީ ފަންޑުގެ އެހީތެރިކަމާއެކު ރާއްޖޭގައި ކުރިއަށްގެންދާ މަޝްރޫޢުތަކުގެ ތެރޭގައި ކޫއްޑޫގެ ހާބަރު ބޮޑު ކުރުމުގެ މަސައްކަތާއި 5 ރަށެއްގައި އައިސް ޕްލާންޓް އެޅުމުގެ މަސައްކަތުގެ އިތުރުން 2 ރަށެއްގައި ކޯލްޑް ސްޓޯރޭޖް އެޅުމުގެ މަސައްކަތް ހިމެނެއެވެ.