ސިއްހަތު

ރާއްޖެއިން ދަނީ ޞިއްޙީ ދާއިރާއިން ގިނަ ކާމިޔާބީތަކެއް ހޯދަމުން


މުޅި އޭޝިޔާ ސަރަޙައްދުގައިވެސް ސިއްޙީގޮތުން އެންމެ ބާރަށް ކުރިއަރަމުންދާ އެއް ޤައުމަކީ ދިވެހިރާއްޖެއެވެ.

ސިއްޙީ ނިޒާމުގެ ކުރިއެރުން ވަޒަން ކުރުމަށް  ބޭނުންކުރާ އެންމެ މުހިންމު މިންގަނޑަކީ އުފަންވުމުގެ ތެރޭގައި ކުދިން މަރުވާ ރޭޓް މަދުކުރުން ނުވަތަ އިންފެންޓް މޯޓާލިޓީ ރޭޓް މަދުކުރުމެވެ. ރާއްޖެއިން ވަނީ މި ރޭޓް މަދުކޮށް، ސާސްކަފުގެ ލަނޑުދަނޑިތަކަށް ވާސިލްވެފައެވެ. މީގެ 40 އަހަރު ކުރިން ރާއްޖޭގައި އުފަންވާ ކޮންމެ 1000 ކުއްޖެއްގެ ތެރެއިން 100 އަށްވުރެ ގިނަ ކުދިން މަރުވާ ކަމަށް ރެކޯޑްތަކުން ދައްކައެވެ. ނަމަވެސް މިހާރު މި ރޭޓް ހުރީ ކޮންމެ 1000 އަކުން 5 ކުދިންގެ ރޭޓްގައެވެ.

މި ލަނޑުދަނޑި ހާސިލްކުރުމަށްފަހު، ރާއްޖެއިން މިހާރު އަމާޒު ހިފާފައިވަނީ އުފަންވުމުގައި އުނިކަން ހުންނަ ކުދިން މަދު ކުރުމަށެވެ. އެގޮތުން އުފެދުމުގައި އުނިކަން ހުންނަ ކުދިން މަދުކުރުމާއި ބެހޭ މަސައްކަތު ބައްދަލްވުމެއް މިއަދު ފައްޓަވާފައިވެއެވެ. މާދަމާގެ ނިޔަލަށް  ޕެރަޑައިސް އައިލެންޑް ރިޒޯޓްގައި  ކުރިޔަށްދާ މި މަސައްކަތު ބައްދަލްވުމަކީ މި ދާއިރާގެ ފަންނީ ބޭފުޅުން ރާއްޖެވަޑައިގެން އެކަމުގެ މަޢުލޫމާތު ސިއްޙީ ދާއިރާގައި ޙަރަކާތްތެރިވާ ފަރާތްތަކަށް ދިނުމުގެ މަޤްޞަދުގައި ހިންގަވާ ބައްދަލުވުމެކެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީން އިސް ނަންގަވައިގެން ކުރިއަށްގެންދަވާ މި ބައްދަލުވުމުގައި، ރާއްޖޭގެ ކަމާގުޅޭ ޑޮކްޓަރުންނާއި، ހޮސްޕިޓަލްތަކުގެ ފަރާތުން ބައިވެރިވެއެވެ. އެގޮތުން އައިޖީއެމް.އެޗާއި، އޭ.ޑީ.ކޭ ހޮސްޕިޓަލާއި، ރީޖިނަލް އަދި އަތޮޅު ހޮސްޕިޓަލްތަކުގެ ތެރެއިން 8 އަތޮޅަކުން ބައިވެރިވެއެވެ.

ބައްދަލުވުން ޝަރަފްވެރިކޮށްދެއްވާ ވާހަކަދައްކަވަމުން، ހެލްތް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރ ޑރ މުހައްމަދު ހަބީބު ވިދާޅުވީ، އުފަންވުމުގައި އުނިކަން ހުންނަ ކުދިން ހާލަތު ރާއްޖޭގައި އޮތް ހިސާބެއް ބެލުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށެވެ. އަދި ވިސްނުންތެރި ކަމާއެކު ފިޔަވަޅުތަކެއް އެޅިއްޖެނަމަ އެ އަދަދުތައްވެސް ދަށް ކުރެވޭނެ ކަމަށް ހަބީބު ވިދާޅުވިއެވެ.

މި ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ދުނިޔޭގެ ޞިއްޙަތު ޖަމްޢިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައިވާ މަންދޫބް ޑރ.އަރްވިންދު މާތުރު ވަނީ މި ދާއިރާއިން ރާއްޖެއިން ހޯދާފައިވާ ކާމިޔާބީތައް ހިއްސާކުރައްވާ، ރާއްޖޭގެ ޞިއްޙީ ނިޒާމް ކުރިއަރައިގެން މިދަނީ ހަރުދަނާ ނިޒާމްތަކެއްގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ.

ސަރަޙައްދުގެ ޤައުމުތަކުގެ ތެރެއިން ސްރީލަންކާ އަދި ތައިލެންޑުންވެސް ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިވާކަމަށާއި، ނަމަވެސް ގޮންޖެހުންތަކެއް ކުރިމަތިވެފައިވަނީ އާބާދީ ބޮޑެތި ޤައުމުތަކަށް ކަމަށް މާތުރް ވިދާޅުވިއެވެ. އަދި އެޤައުމުތަކުން މާބޮޑު ކުރިއެރުންތަކެއް ނުފެންނަ ކަމަށާއި، ރާއްޖެ ކުރިއަށްދިޔަ މަގުން އެޤައުމުތައްވެސް ކުރިއަށްދާން ޖެހޭ ކަމަށް މާތުރް ވިދާޅުވިއެވެ.

ވިހެއުމުގެ ތެރޭގައި އުނިކަން ހުންނަ ކުދިންގެ އަދަދު މަދުކުރުމާ ގުޅޭގޮތުން ބައިވެރިންނަށް މަޢުލޫމާތު ދެއްވަނީ މިދާއިރާގެ މަޝްހޫރު ޑޮކްޓަރެއް ކަމުގައިވާ ޑރ ރާޖޭސްއެވެ. ރާޖޭސް ވަނީ ރާއްޖޭގައި މިކަން އޮތް ހިސާބު ތަފްސީލްކޮށްދެއްވާފައެވެ. ރާޖޭސް ވިދާޅުވީ، ރާއްޖޭގައި އެންމެ ގިނަ ކަމަށް ދައްކަނީ، އުފަންވުމުގައި ހިތުގެ މައްސަލަތައް ހުންނަ ކުދިން ކަމަށެވެ. އެގޮތުން ވިހެއުމުގައި އުނިކަން ހުރި ކުދިންގެ ތެރެއިން 27 އިންސައްތަ ކުދިންނަކީ ހިތުގެ މައްސަލަތައްކަން ފާހަގަކުރެއްވިއެވެ. އަދި ކަށީގެ މައްސަލަތައްވެސް ގިނަކަން ފާހަގަކުރެއްވިއެވެ.

ޑރ ރާޖޭސްގެ ތަޖުރިބާގެ އަލީގައި ބައިވެރިންނަށް މަޢުލޫމާތު ދެއްވާ ބައިތަކުގެ ތެރޭގައި މާބަނޑު ދުވަސްވަރު ޢަމަލުކުރަންޖެހޭ ގޮތްތަކާއި، ވެކްސިން ދިނުމުގެ މުހިންމުކަން ހިމެނެއެވެ. އަދި  ދިރިއުޅުމުގެ އާދަތަކުގެ ތެރޭގައި ހިމެނޭ ނުރަގަނޅު އާދަތައްވެސް ބަޔާންކޮށްދެއްވާނެއެވެ.