އަނެއްކާވެސް ކުޅިވަރު ގާނޫނަށް ބަދަލުތަކެއް ގެނައުމަށް އެ ގާނޫނުގެ ބިލު ދިރާސާ ކުރައްވާ މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ފާސްކޮށްފިއެވެ.
މަޖިލީހުގެ އިޖްތިމާއީ ކޮމިޓީން ވަނީ ކުޅިވަރު ގާނޫނަށް ގެންނަށް ފެންނަ އިސްލާހުތަކުގެ ގޮތުގައި އާ މާއްދާތަކެއް އިތުރުކުރުމަށް ހުށަހަޅާ ފާސްކޮށްފައެވެ.
އެގޮތުން އިތުރުކުރާ މާއްދާތަކަށް ކުޅިވަރު ގާނޫނަށް ކޮމިޓީން އިސްލާހުތަކެއް ވަނީ ހުށަހަޅާފައެވެ. އެގޮތުން ކުޅިވަރުގެ އެންމެހާ ސިޔާސަތުތައް ކަނޑާއަޅާނީ ކުޅިވަރާއި ބެހޭ ވަޒީރުކަމަށް ގާނޫނުގައި ބުނާ ހަތަރުވަނަ މާއްދާގެ ފަހަތަށް ބައެއް އިތުރުކުރުމަށް ވަނީ ހުށަހަޅާފައެވެ.
އެގޮތުން މިގާނޫނު ތަންފީޒު ކުރުމުގެ މަސްއޫލިއްޔަތު ހަވާލުކުރެވިފައިވާ ފަރާތްތަކުން މި ގާނޫނުގައި ވާ ކަންކަން ހިންގުމުގައި ގާނޫނުގެ ހަތަރުވަނަ މާއްދާގެ ހ ގެ ދަށުން ކަނޑައަޅާ ސިޔާސަތު ތަކާއި އެއްގޮތަށް އަމަލު ކުރަންވާނެ ކަމަށާއި، ރާއްޖޭގައި ކުޅިވަރާއި ކުޅިވަރު ތަރައްޤީކުރުމާއި ގުޅޭ އެންމެހާ ކަންކަން ހިންގާ ކަނޑައަޅާ ސިޔާސަތުތައް އެއް ހަމައެއްގައި ހިފަހައްޓާ އަދި ދަމަހައްޓާ ކުޅިވަރާއިބެހޭ ވުޒާރާގެ މުވައްޒަފުން އަމަލުކުރޭތޯ ބެލުމާއި، މިގާނޫނާއި އެއްގޮތްވާގޮތުގެ މަތިން އެ ސިޔާސަތުތަކުގެ ދަށުން ކުރަންޖެހޭ އެންމެހާ ކަންކަން ކުރުމުގައި ކުޅިވަރާއި ބެހޭ ވަޒީރާއި ހަވާލުވެފައިވާ އެންމެހާ ޒިންމާތައް ވަޒީރު އަދާކުރަންވާނެ ކަމަށް ބުނާ މާއްދާގެ ގާނޫނުގެ 4 ވަނަ މާއްދާގެ ފަހަތަށް އިސްލާހު ކުރުމަށް ވަނީ ކޮމިޓީން ނިންމާފައެވެ.
މޯލްޑިވްސް ޕެރައޮލިމްޕިކް ކޮމިޓީގެ ހިންގާ ކޮމިޓީއަށް މެންބަރަކު އިތުރުކުރުމަށް ހިންގާ ކޮމިޓީން ކަނޑައަޅާ އެއް މެންބަރަކު އެ ކޮމިޓީގެ ހިމަނަންވާނެ ކަމަށް ބުނާ މާއްދާއެއް އިތުރުކުރުމަށްވެސް ކޮމިޓީން ވަނީ ފާސްކޮށްފައެވެ.
ގާނޫނޫގެ 13 ވަނަ މާއްދާގައި މިހާރު އޮތް އިބާރާތް އެހެންގޮތަކަށް ބަދަލުކުރުމަށްވެސް ވަނީ އިސްލާހެއް ހުޅަހަޅާފައެވެ. އަދި ހަމަ އެމާއްދާގައިވާ މޯލްޑިވްސް އޮލިމްޕިކް ކޮމިޓީއާއި ޕެރަލިމްޕިކް ކޮމިޓީއާއި ގައުމީ ކުޅިވަރު ފެޑެރޭޝަންތަކަށް ސަރުކާރުން ކަނޑައަޅާ ބަޖެޓްގެ ތެރެއިން ވަކިވަކި ފަރާތްތަކަށްދޭނެ ފައިސާގެ މިންވަރު ކަނޑައެޅުމާއި ބެހޭ މާއްދާއަށްވެސް ވަނީ އިސްލާހެއް ހުށަހަޅާފައެވެ.
މީގެ އިތުރުންވެސް އިތުރު އިސްލާހުތަކެއް ގެނައުމަށް ކޮމިޓީގެ މެންބަރުން ވަނީ ހުށަހަޅާ ފާސްކޮށްފައެވެ. ކުޅިވަރާއި ބެހޭ ގައުމީ މަޖިލީހުގެ ދައުރަކީ 5 އަހަރު ދުވަސްކަމަށް އެ މަޖިލީހަށް އައްޔަނުކުރާ މެންބަރުންގެ ތެރެއިން މި ގާނޫނުގެ ތެރެއިން ވަކި ކުރާ މެންބަރުން ފިޔަވާ ކޮންމެ މެންބަރަކަށް ގިނަވެގެން އިތުރު ދެ ދައުރު ކަނޑަނާޅަން ކުޅިވަރާއި ބެހޭ ވުޒާރާއިން ލަފާދިން ނަމަވެސް ބަންޑާރަނައިބުގެ އޮފީހުގެ ރައުޔަށް ބަލާ ކުޅިވަރާ ބެހޭ މަޖިލީހުގެ މެންބަރުކަމުގައި ހުރެވޭނީ 5 އަހަރު ދުވަހުގެ ދެ ދައުރަށް ކަމަށް ކަނޑައެޅުމަށްވެސް ވަނީ އިސްލާހެއް ހުށަހަޅާ ފާސްކޮށްފައެވެ.
މި ހުރިހާ އިސްލާހެއްވެސް ފާސްކޮށްފައިވަނީ ކޮމިޓީގެ އިއްތިފާގުންނެވެ. ކުޅިވަރު ގާނޫނަކީ ރާއްޖޭގެ އެތުލީޓުންނަށް ގިނަ ކަންތައްތަކެއް މަގުފަހިވެގެންދާނެ ގާނޫނަކަށް ވެގެންދާނެ ކަމަށް ކުޅިވަރު ވުޒާރާއިން ބުނެއެވެ.
ކުޅިވަރު ގާނޫނު ދިރާސާ ކުރުން ދިގުލައިގެން ގޮސްފައިވާއިރު މީގެ ކުރިން ސަރުކާރުން އަންދާޒާކުރީ މެއި މަހުގެތެރޭގައި މި ބިލު ފާސްކޮށް ތަސްދީގު ކުރެއްވޭނެ ކަމަށެވެ. އަދި މިގާނޫނޫގެ ދަށުން ރާއްޖޭގެ ކުޅިވަރުތަކުގެ ފެންވަރު މަތިކުރުމަށް އެތުލީޓުންނަށް ރާއްޖޭން ބޭރުން ތަމްރީނުތައް ހެދުމުގެ މަގުތައް އިތުރަށް ފަހިވެގެންދާނެ ކަމަށްވެސް ކުޅިވަރު ވުޒާރާއިން ބުނެއެވެ.