ދީން

މާލޭގެ މިސްކިތްތަކުގެ އިމާމުން ތާޒާކުރުމުގެ ކޯހެއް ފަށަނީ


މާލޭގެ މިސްކިތްތަކުގެ އިމާމުން ތާޒާކުރުމުގެ ކޯހެއް މި ޖުލައިމަހުގެ 17ގައި ފެއްޓެވުމަށް ކީރިތި ޤުރުއާނާބެހޭ މަރުކަޒުން ހަމަޖައްސަވައިފިއެވެ.

މިއީ މިސްކިތްތަކުގެ އިމާމުންނަކީ ބަދަލުވަމުންދާ ދުނިޔެއަށް ހޭލުންތެރި، މުޖްތަމަޢު ބިނާކުރުމުގައި ބައިވެރިވާންޖެހޭ ބަޔަކަށްވާތީ، އެކަންކަމަށް އިމާމުން ތައްޔާރުކުރެއްވުމަށް ހިންގަވާ ކޯހެއްކަމަށް ޤުރުއާނާބެހޭ މަރުކަޒުން މަރުކަޒުން ހާމަކުރައްވައެވެ.

ޒަމާނީ މުވާޞަލާތީ ހުނަރުތަކަށާއި މެތަޑޯލޮޖީއަށް އިމާމުން އަހްލުވެރިކުރެއްވުމަށް މި ކޯހުގައި މަސައްކަތްކުރައްވާނެއެވެ. އަދި ދީނީ ހޭލުންތެރިކަން އިތުރުކުރެއްވުމުގެ މަސައްކަތުގައި އިމާމުންގެ ދައުރު ފުޅާކުރައްވައި ހަރުދަނާކުރެއްވުމާއި އިމާމުން ދީނީ މަޢުލޫމާތު އިތުރުކުރެއްވުމަކީވެސް މި ކޯސް ހިންގެވުމުގެ މުހިންމު އަމާޒެއްކަމަށް ޤުރުއާނާއިބެހޭ މަރުކަޒުން ހާމަކުރައްވައެވެ. އަދި މިސްކިތުގެ ދައުރު އަދާކުރުމުގެ ޤާބިލުކަން ލިބިފައިވާ ބަޔަކަށް އިމާމުން ވާންޖެހޭތީ އެމީހުންނަށް މެދުނުކެނޑި ތަންރީންދެއްވަންޖެހިވަޑައިގަންނަވާ ކަމަށްވެސް ޤުރުއާނާބެހޭ މަރުކަޒް ވިދާޅުވިއެވެ.

މި ކޯހުގެ ފުރަތަމަ ބުރުގައި ބައިވެރިކުރެއްވުމަށް ހަމަޖެހިފައިވަނީ ވިހި އިމާމުންނެވެ. މިއީ 4 ހަފްތާގެ ކޯހެކެވެ.