މަސްތުވާތަކެތީގެ ވިޔަފާރިކުރާ ފަރާތްތަކުން އެކަން ވަގުތުން ހުއްޓާލުމަށާއި، ހުއްޓާނުލައިފިނަ ހައްޔަރުކޮށް މަސްތުވާތަކެތީގެ ވަބާއިން ރާއްޖެ ސަލާމަތް ކުރައްވާނެކަމަށް ވިދާޅުވެ ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޚްސާން އިންޒާރު ދެއްވައިފިއެވެ. ވަޒީރު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި މެންބަރުންގެ ސުވާލުތަކަށް ޖަވާބުދެއްވަމުންނެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލައަކީ ފާއިތުވި 30އަކަށް އަހަރުގެތެރޭގައި ރާއްޖޭގައި ބޮޑުވެފައިވާ މައްސަލައެއް ކަމަށެވެ. އެ މައްސަލަ ޙައްލުކުރުމަށް މިސަރުކާރުން އަމާޒު ހިފައިގެން މަސައްކަތްކުރައްވާކަަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން، މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
ދާޚިލީ ވަޒީރު ވިދާޅުވީ މަސްތުވާތަކެތީގެ މައްސަލަ ހައްލުކުރުމަށް ފުރަތަމަ ޓާގެޓް ކުރަނީ އެތަކެތީގެ ވިޔަފާރިކުރާ މީހުންނަށް ކަމަށާއި، އެކި ސަރަހައްދުތަކުގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރާ މީހުންނަށް ފާރަލައި، ތަހުގީގުކޮށް، ހައްޔަރުކުރަމުންދާ ކަމަށެވެ. އަދި މި މަސައްކަަތަށް ފުރިހަމަ ކަމެއް ލިބިގެންދާނީ މަސްތުވާތަކެތީގެ ޤާނޫނު ފާސްވުމުން ކަަމަށްވެސް ވަޒީރު ވިދާޅުވިއެވެ.
"އަޅުގަނޑުމެން ވާނެ ސެކްޓޯރަލްކޮށް ބަހާފަ ބަލާފައި އެތަންތަނުގައި ތިބި (މަސްތުވާތަކެތީގެ) ވިޔަފާރިކުރާ މީހުން ހިފާ ހައްޔަރުކޮށް ޤާނޫނު ކުރިމައްޗަށް އެ މީހުން ގެނައުމުގެ މަސައްކަތް ފަށާފައި. މި މަސައްކަތަށް އަސްލު ލިބެންޖެހޭ ބާރު އަޅުގަނޑުމެންނަށް ލިބިގެންދާނީ މިހާރު ހުށަހަޅާފައިވާ މަސްތުވާތަކެތީގެ ޤާނޫނު މަޖިލީހުން ފާސްވާ ހިސާބުން. އެހެން ނަމަވެސް މިވަގުތު ލިބިފައި ހުރި ޤާނޫނުތަކުގެ ބާރުގައި ފުވައްމުލައް އެއީ މިސާލެއް. އަޅުގަނޑުމެންވާނެ އެތަނުގައި އޮތް އެންމެ ބޮޑު ނެޓްވޯކުތައް ނަގާ ހައްޔަރުކޮށްފައި،" ދާޚިލީ ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ވިދާޅުވީ މިހާރުވެސް މަސްތުވާކެތި ވިއްކުމުގެ ވިޔަފާރި ކުރާ ބަޔަކު ހައްޔަރު ކުރުމުގެ މަސައްކަތް ރާއްޖޭގެ ދެ ސަރަހައްދެއްގައި ކުރިއަށްދާ ކަމަށެވެ. އެކަންކަން ހުއްޓާނުލާނަމަ ހައްޔަރުކޮށް، ރާއްޖެ ސާފު ކުރާނެކަމުގެ އިންޒާރު ވަޒީރު ދެއްވިއެވެ.
"މަސްތުވާތެކީގެ ވިޔަފާރި ކުރާ މީހުންނަށް އަޅުގަނޑު އިންޒާރުދެން އެކަންކަން ހުއްޓާލަން. ހުއްޓާނުލާނަމަ ހިފާ ހައްޔަރުކޮށް މި ރާއްޖެ ސާފުކުރާނަން. އަދި ރައްޔިތުންނަށް އެ ފަރާތްތަކުން ދެމުންދާ ގެއްލުމަށް ޒިންމާ ކުރުވާނަން." ދާޚިލީ ވަޒީރު އިޙްސާން ވިދާޅުވިއެވެ.
ދާޚިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވަޒީރު ވިދާޅުވީ މި ސަރުކާރުގެ ފަސް އަހަރުގެ ދައުރު ނިމޭއިރު މަސްތުވާތަކެތީގެ މައްސަލައަށް ޖުމްލަ ޙައްލެއް ގެންނަވާނެކަމަށެވެ.