ޚަބަރު

ސަލްމާން މިސްކިތުގައި މިރޭ މަޣްރިބު ނަމާދާއި އިޝާ ނަމާދު އިމާމުވެ ކުރައްވާނީ ޑރ. ޞަލާހުލްބުދައިރު


  • މާދަމާރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ އިޝާ ނަމާދު ކުރައްވާނެ

  • އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދު ކުރައްވާނެ

ސަލްމާން ރަސްގެފާނު މިސްކިތުގައި އިމާމްވެ މަޣްރިބް ނަމާދާއި އިޝާ ނަމާދު މިރޭ ކުރައްވާނީ މަސްޖިދުއްނަބަވީގެ އިމާމް އަދި ޚަތީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާހުލް ބުދައިރުކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.

އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، ޑރ. ޞަލާހުލް ބުދައިރު މިރޭ ސަލްމާން މިސްކިތުގައި މަޣްރިބް ނަމާދާއި އިޝާނަމާދުގެ އިތުރުން މާދަމާރޭ އިސްލާމީ މަރުކަޒުގައި އިޝާ ނަމާދު ކުރައްވާނީވެސް ޑރ. ޞަލާހުލް ބުދައިރުކަމަށް އެވުޒާރާއިން ވިދާޅުވިއެވެ. އަދި އެމަނިކުފާނުގެ ޚާއްޞަ ދަރުހެއްވެސް އޮންނާނެކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވިއެވެ. މީގެއިތުރުން މިމަހުގެ 25ވާ ހުކުރުދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ނަމާދުވެސް އެމަނިކުފާނު ކުރެއްވުމަށް ހަމަޖެހިފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

ސަރުކާރުގެ ދަޢުވަތަކަށް ޑރ. ސަލާޙުލް ބުދައިރު ރާއްޖެ ވަޑައިގަތީ މިމަހުގެ 21 ވަނަ ދުވަހުއެވެ. މި ދަތުރުފުޅުގައި ޑރ.ޞަލާހުލް ބުދައިރުވަނީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމދު މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުވުމުގައި ދެ ޤައުމުގެ ގުޅުމާއި ގުޅޭގޮތުން ފުޅާދާއިރާއެއްގައި މުހިންމު މަޝްވަރާތަކެއް ވަނީ ކުރައްވާފައެވެ.

މީގެއިތުރުން، އެމަނިކުފާނުވަނީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުހައްމަދު ޝަހީމް ޢަލީ ސަޢީދާއި އެވުޒާރާގެ މުވައްޒަފުންނާވެސް ބައްދަލުކުރައްވާފައެވެ. އަދި އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖިލީހުގެ މެމްބަރުންނާވެސްވަނީ ބައްދަލު ކުރައްވާފައެވެ. މީގެއިތުރުންވެސް އެމަނިކުފާނުވަނީ ގިނަ ބައްދަލުވުންތަކެއްގައި ބައިވެރިވެވަޑައިގެންފައެވެ.

މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރަކީ މިވަގުތު ދުނިޔޭގައި ތިއްބެވި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން އެންމެ ވަރުގަދަ އެއް ދީނީ ޝަޚްސިއްޔަތެވެ. މަސްޖިދުލް ނަބަވީގެ އިމާމްކަން ކުރެއްވުމުގެ އިތުރުން އެމަނިކުފާނު ގެންދަވަނީ މަދީނާގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ މައްކާގައި ހުންނަ މާތްވެގެންވާ ޙަރަމްފުޅުގައި 2005ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ތަރާވީޙު ނަމާދު އިމާމްވެ ކުރައްވާފައެވެ.