ލުބުނާނުގެ ވެރިރަށް ބައިރޫތުގެ ދެކުނުގެ ސަރަޙައްދަކަށް ޔަހޫދީން ދިން ވަރުގަދަ ޙަމަލާއެއްގައި ލުބުނާނުގެ ހަތިޔާރު އެޅި ޖަމާޢަތެއް ކަމަށްވާ ޖަމާޢާ އިސްލާމިއްޔާގެ އިސް ކޮމާންޑަރެއް ޝަހީދު ކޮށްލައިފިއެވެ. ޔަހޫދީ ފައުޖުން ވެސް ވަނީ ލުބުނާނަށް ދިން ޑްރޯން ޙަމަލާއެއްގައި ޖަމާޢާ އިސްލާމިއްޔާގެ ކޮމާންޑަރު ޙުސައިން އަތާވީ ޝަހީދު ކޮށްލިކަން ކަށަވަރު ކޮށްދީފައެވެ.
އަތާވީއަކީ ޖަމާޢާ އިސްލާމިއްޔާގެ ހަތިޔާރުއެޅި ފައުޖު، ފަޖްރު ފޯރސަސްެގެ އިސް ކޮމާންޑަރެކެވެ. އޭނާ ޝަހީދު ކޮށްލީ ބައިރޫތުގައި ހުންނަ އޭނާގެ އޮފީހުން ގެއަށް ދިޔަ މަގުމަތީގައި ދިން ޙަމަލާއެެއްގައި ކަމަށް ޖަމާޢާ އިސްލާމިއްޔާއިން ނެރެފައިވާ ބަޔާނެއްގައި ވަނީ ބުނެފައެވެ.
މިދިޔަ އަހަރުގެ ތެރޭގައި ލުބުނާނާއި ޔަހޫދީންނާ ދެމެދު ކުރި ހަނގުރާމައިގައި ފަޖުރު ފޯރސަސުން ވަނީ އިޒްރޭލަށް އަމާޒު ކޮށް ރޮކެޓު ޙަމަލާތައް ދީފައެވެ. ހަނގުރާމައިގެ ދުވަސްވަރު ޔަހޫދީން ދިން ވައިގެ ޙަމަލާތަކުގައި ޖަމާޢާ އިސްލާމިއްޔާގެ ގިނަ މެންބަރުންތަކެއް ވަނީ ޝަހީދު ވެފައެވެ.
ލުބުނާނާއި ޔަހޫދީންނާ ދެމެދު މިދިޔަ އަހަރު ކުރި ހަނގުރާމަ ހުއްޓާލީ ޔަހޫދީންނާއި ލުބުނާނުގެ ހަތިޔާރުއެޅި ޖަމާޢަތް ޙިޒްބުاللهއާއެކު ޤާއިމުކުރި ޙަމަލާ ބަދަލުކުރުން ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުންނެވެ. އެއްބަސްވުމެއް އޮތް ނަމަ ވެސް ޔަހޫދީން އަދި ވެސް ދަނީ ލުބުނާނުގެ ސަރަޙައްދުތަކަށް ޙަމަލާތައް ދެމުންނެވެ. ދެކުނު ލުބުނާނުގެ ފަސް އުސް ބިމެއް ވެސް އަދި ވެސް އޮތީ ޔަހޫދީ ފައުޖުގެ ބާރުގެ ދަށުގައެވެ.
ލުބުނާނާއި ޙިޒްބުاللهއާއި ޖަމާޢާ އިސްލާމިއްޔާއިން ވަނީ ޔަހޫދީންގެ ޙަމަލާތައް ކުށްވެރި ކޮށްފައެވެ. އަދި ލުބުނާނުގެ ސަރަޙައްދުތަކުގައި ޔަހޫދީ ފައުޖު ޤާއިމުވެ ތިބި ތިބުން ވެސް ވަނީ ކުށްވެރި ކޮށްފައެވެ. ޙަމަލާ ބަދަލު ކުރުން ހުއްޓާލުމުގެ އެއްބަސްވުމާ ދެ ޢަމަލު ވެސް ޚިލާފުވާ ކަމަށް ލުބުނާނާއި ދެ ޖަމާޢަތުން ވެސް ވަނީ ފާހަގަ ކޮށްފައެވެ.