ޚަބަރު

އެއްވެސް ބަޣާވާތެއް ބަލައެއް ނުގަނެވޭނެ- ޑިފެންސް މިނިސްޓަރ


ތުރުކީގައި ގެންނަ މަސައްކަތްކުރި ފަދަ ބަޣާވާތްތައް ގެނައުމާ ދިވެހި ސަރުކާރު ދެކޮޅުހަދާކަން ރާއްޖޭގެ ދިފާޢީ ވަޒީރު ހާމަކުރައްވައިފިއެވެ.

ތުރުކީވިލާތުގެ ރައީސް ރަޖަބު ތޮއްޔިބް އުރުދުޣާންގެ ވެރިކަމާ ދެކޮޅަށް އެޤައުމުގެ ސިފައިންގެ ބަޔަކު ގެންނަން އުޅުނު ބަޣާވާތް އެޤައުމުގެ ރައްޔިތުން ނިކުމެ ވަނީ، ނާކާމިޔާބު ކޮށްލާފައެވެ. ތުރުކީގައި ބަޣާވާތަކުން އަސްކަރީ ވެރިކަމެއް ޤާއިމްކުރަން މަސައްކަތްކުރި ކުރުމަށް އިޝާރާތްކުރައްވައި ރާއްޖޭގެ ދިފާޢީ ވަޒީރު އާދަމް ޝަރީފް ޢުމަރު ކުރެއްވި ޓްވީޓްގައި ވިދާޅުވެފައިވަނީ، އެއްވެސް ތަނެއްގައި އެއްވެސްބަޔަކު ހިންގާ ބަޣާވާތަކީ ބަލައިގަނެވޭނޭ ކަމެއް ނޫންކަމަށެވެ.

tw:https://twitter.com/Adamshareefz/status/754110935858577408

ވަޒީރުގެ މިޓްވީޓާ ގުޅިގެން ބައެއް ޢާނުންމުން 7 ފެބުރުއަރީ 2012 އާ ގުޅޭގޮތުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން އާދަމް ޝަރީފް ވިދާޅުވީ، އެ ދުވަހު ހިނގައިދިޔަ ކަންތައްތަކަށް އެމަނިކުފާނު އެއްވެސް ވަރަކަށް ހިތްވަރު ނުދެއްވާކަމަށެވެ. 7 ފެބުރުއަރީ 2012 ގައި އެއިރުގެ ސަރުކާރު ބަދަލުވެގެން ދިޔައީ ބަޣާވާތަކުން ނޫންކަމަށް ހަމަނުޖެހުންތައް ތަޙްޤީޤްކުރި ކޯނީއާއި އެނޫންވެސް މުސްތަޤިއްލު ޖަމާޢަތްތަކުން ވަނީ ވިދާޅުވެފައެވެ.

ޑިފެންސް މިނިސްޓަރ އާދަމް ޝަރީފްގެ ވާހަކަފުޅުން ފާހަގަކުރެވިގެން ދިޔައީ، ޤާނޫނުގައިވާ ގޮތުގެ މަތީން ސަރުކާރުތައް ޤާއިމްކުރުމާއި ސަރުކާރުތައް ނިމިދިއުން ނޫން އުޞޫލުތައް ދިވެހި ސަރުކާރުން ޤަބޫލުނުކުރާކަމެވެ. އަދި ތުރުކީވިލާތުގެ ވެރިކަން ޣައިރުޤާނޫނީ މަގުން ބަދަލުކުރަން އުޅުނު އުޅުމާ ދިވެހިސަރުކާރު ފާޅުގައި ދެކޮޅުހަދާކަމެވެ.

ތުރުކީވިލާތުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން މިހާތަނަށް އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައިނުވާކަމުގެ ޔަޤީންކަން ދިވެހި ޚާރިޖިއްޔާއިންވެސް ވަނީ ދިވެހިރައްޔިތުންނަށް ދެއްވާފައެވެ. ޚާރިޖީ ވުޒާރާއިން ވިދާޅުވީ، ތުރުކީވިލާތުގެ ޙާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށެވެ.

ދިވެހިރާއްޖޭގެ ބައެއް ދަރިވަރުން ތުރުކީވިލާތުގެ ބައެއް ޔުނިވަރސިޓީތަކުގައި ތަޢުލީމް ޙާޞިލްކުރަމުން ގެންދެއެވެ.