ޚަބަރު

ރަސޫލާ ﷺ ގެ މިސްކިތް، މަސްޖިދުއްނަބަވީގެ އިމާމު ޑރ. ޞަލާޙުލް ބުދައިރު ރާއްޖޭގައި: ދިވެހިންނަށް ލިބުނު ބޮޑު ފަޚުރެއް


  • ޑރ. ޞަލާޙުލްބުދައިރުގެ މިދަތުރުފުޅަކީ ސަޢުދީ ރަސްގެފާނުގެ އިޒުނަފުޅާއެކު ކުރައްވާ ދަތުރުފުޅެއް

  • ޙަރަމްފުޅެއްގެ އިމާމަކު ރާއްޖެ ވަޑައިގެންފައި މިވަނީ 40 އަހަރު ފަހުން

ދިވެހިރާއްޖެއަކީ ދުނިޔޭގައި ސައްތައިންސައްތަ މުސްލިމު ޤައުމުތަކުގެ ތެރޭގައި ހިމެނޭ މަދު ޤައުމުތަކުގެ ތެރެއިން ޤައުމެވެ. މީލާދީން 1153ވަނަ އަހަރުން ފެށިގެން ދިވެހިން ތަބާވެ، ސާބިތުވެ މިތިބީ މާތްވެގެންވާ އިސްލާމް ދީނުގެ ހިދާޔަތުގައި، އިސްލާމީ އުޞޫލްތަކުގެ މަތިންނެވެ.

އިސްލާމް ދީނުގެ މަތިވެރި ނޫރުން އުޖާލާވެފައިވާ އަޅުގަނޑުމެންގެ މި ލޮބުވެތި ފަސްގަނޑަށް އިސްލާމީ ދުިޔޭގައި ނަންހިނގާ ނުފޫޒުގަދަ ވަރުގަދަ ޝަޚުސިއްޔަތުންނާއި ބޮޑެތި ޢިލްމުވެރިން ޒިޔާރަތްކުރާ ކަމީކޮންމެ ދިވެއްސަކަށްމެ ލިބޭ ނުހަނު ބޮޑު ހިންހަމަޖެހުމެކެވެ. މި ވޭތުވެދިޔަ އަހަރުތަކުގައި ފުންނާބު އުސް، ތަފާތު އެތައް ޢިލްމުވެރިނެއް ރާއްޖެއަށް ޒިޔާރަތްކުރައްވާފައިވާފައިވެއެވެ. އެބޭބޭފުޅުން ރާއްޖެ ވަޑައިގެން ދީނީ ދަރުސްތައް ދެއްވައި، ރާއްޖޭގެ ބޮޑެތި މިސްކިތްތަކުގައި އިމާމްވެސް ނަމާދުކުރައްވާފައިވެއެވެ. މިއީ ދިވެހިން އަބަދުވެސް އުފާވެރިކަމާއެކު ބަލައިގަންނަ، އަދި ފަޚުރުވެރިވާ ކަމެކެވެ.

މި ގޮތުން އެންމެ ފާހަގަކޮށްލެވެނީ ކުރީގެ ރައީސް، އަލްއުސްތާޛު މަޢުމޫން ޢަބްދުލް ޤައްޔޫމްގެ ވެރިކަމުގައި އިސްލާމީ މަރުކަޒު ހުޅުވުމުގެ ރަސްމިްޔާތަށް ދެއްވި ދައުވަތު ގަބޫލުފުޅުކުރައްވައި މުސްލިމުންގެ އެންމެ މުޤައްދަސް އެއް މިސްކިތްކަމަށްވާ މަސްޖިދުލް ޙަރާމްގެ އިމާމް އަދި ޚަތީބު ފަޟީލަތުއްޝައިޚް މުޙައްމަދު އައްސުބައްޔިލް ރާއްޖެއަށް ކުރެއްވި ޒިޔާރަތެވެ. އެއީ މާތްވެގެންވާ ދެ ޙަރަމްފުޅުގެ ތެރެއިން ހަރަމްފުޅެއްގެ އިމާމަކު ރާއްޖެއަށް ޒިޔާރަތްކުރެއްވި ފުރަތަމަފަހަރެވެ.

އޭގެ ފަހުން ރާއްޖެއަށް ޙަރަމްފުޅުގެ އިމާމެއް ޒިޔާރަތްނުކުރައްވާތާ މިވަނީ 40 އަހަރުވެފައެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު، އަޚުވަންތަ ޢަރަބި އިސްލާމީ ޤައުމުތަކާއެކު ގުޅުން ބަދަހިކުރެއްވުމަށް ކުރެއްވި މަސައްކަތްތަކުގެ ތެރެއިން އެމަނިކުފާނުގެ ލަފާފުޅާއެކު އިސްލާމީ އުންމަތުގެ މަތީ އިސްލާމީ ޝަޚްޞިއްޔަތުތައް ރާއްޖެ ގެނައުމަށް ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

މަސްޖިދުއްނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު ރާއްޖެ ވަޑައިގެންނެވުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ދަޢުވަތު އެރުއްވުމުން ސަޢުދީ ޢަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން ޢަބްދުލްޢަޒީޒްގެ އިޒުނަފުޅާއެކު، ކީރިތި މާތް ނަބިއްޔާ މުޙައްމަދު ﷺ ގެ މިސްކިތް، މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑޮކްޓަރ ޞަލާޙުލްބުދައިރު ރާއްޖެ ވަޑައިގެންނެވީ އިއްޔެއެވެ.

މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ރާއްޖޭގެ ރަޢީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައި، އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދާއި ބައްދަލުކުރައްވާފައެވެ. މީގެ އިތުރުން އިސްލާމީ ފަތުވާދޭ އެންމެ މަތީ މަޖީލީހާއި ވަނީ ބައްދަލު ކުރައްވާފައެވެ. އަދި ޒުވާން ޚަޠީބުންނާއި ޙާފިޡުންނާއި އިމާމުންނާއި ބައްދަލުކުރެއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިވެހިރާއްޖޭގެ ދީނީ ޢިލްމުވެރިންނާއި ބައްދަލުކުރެއްވުމާއި ކީރިތި ޤުރުއާނާއި ބެހޭ ޤައުމީ މަރުކަޒާއި އަމިއްލަ މުއައްސަސާތަކުގައި ޤުރުއާން ހިތުދަސްކުރާ ދަރިވަރުންނާއި ބައްދަލު ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ. ހަމައެއާއެކު ސަޢުދީ ރަސްގެފާނުގެ ހިލޭއެހީގައި ބިނާ ކުރައްވާފައިވާ ސަލްމާން ރަސްގެފާނު މިސްކިތަށްވެސް ރަސްމީ ޒިޔާރަތެއް ކުރައްވާ ގޮތަށްވެސް ވަނީ ހަމަޖެހިފައެވެ.

ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު، މާދަމާ ރޭ ސަލްމާނު މިސްކިތުގައި އިމާމުވެ މަޣްރިބް ނަމާދާއި ޢިޝާ ނަމާދު ކުރައްވާ ގޮތަށް ވަނީ ހަމަޖެހިފައެވެ. މީގެ އިތުރުން ބުރާސްފަތި ދުވަހުގެ ރޭ އިސްލާމީ މަރުކަޒުގައި އިމާމުވެ ޢިޝާ ނަމާދު ކުރައްވާނީވެސް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުރައިދުއެވެ. އަދި ޢިޝާ ނަމާދަށްފަހު ޚާއްސަ ދަރުހެއް ދިނުމަށް ހަމަޖެހިފައިވާއިރު ހުކުރު ދުވަހު އިސްލާމީ މަރުކަޒުގައި އިމާމުވެ ހުކުރު ކުރައްވާނީ ވެސް އިމާމު ޑރ. ޞަލާޙުލް ބުދައިރުއެވެ.

މަސްޖިދުލް ނަބަވީގެ އިމާމް އަދި ޚަޠީބް ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލްބުދައިރަކީ މިވަގުތު ދުނިޔޭގައި ތިއްބެވި އިސްލާމީ ޢިލްމުވެރިންގެ ތެރެއިން އެންމެ ވަރުގަދަ އެއް ދީނީ ޝަޚްސިއްޔަތެވެ. މަސްޖިދުލް ނަބަވީގެ އިމާމްކަން ކުރެއްވުމުގެ އިތުރުން އެމަނިކުފާނު ގެންދަވަނީ މަދީނާގެ ހައިކޯޓުގެ ފަނޑިޔާރުކަންވެސް ކުރައްވަމުންނެވެ. އެމަނިކުފާނު ވަނީ މައްކާގައި ހުންނަ މާތްވެގެންވާ ޙަރަމްފުޅުގައި 2005ވަނަ އަހަރާއި 2006 ވަނަ އަހަރުގެ ތަރާވީޙު ނަމާދު އިމާމްވެ ކުރައްވާފައެވެ.

ހަމައެއާއެކު ވަރަށް ރީތިކޮށް ޤުރުއާން ކިޔަވާ ބޭފުޅެއްގެ ގޮތުގައިވެސް ޞަލާޙުލްބުދައިރު ފާހަގަކޮށްލެވެއެވެ. އަދި އެމަނިކުފާނުގެ އިސްލާމީ ޝަރީޢަތާއި ޤާނޫނު ވަރަށް ރަނގަޅަށް ދެނެވަޑައިގަންނަވާ ބޭފުޅެއްވެސްމެއެވެ. ޕީއެޗްޑީ ޙާސިލުކުރެއްވީ އިސްލާމީ ފިޤުހުންނެވެ.

ދީނީ މިފަދަ ވަރުގަދަ ޝަޚުޞިއްޔަތެއް ރާއްޖެއަށް ވަޑައިގަތުމުން ދޭހަކޮށްދެނީ އިސްލާމީ ބޮޑެތި ޤައުމުތަކާ ރާއްޖެއާ ދެމެދު އޮތް ގުޅުން ވަރުގަދަ ކުރެއްވުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވުން ގެންދަވާކަމެވެ. މިއީ އެ މަސައްކަތްތަކުގެ ފޮނި ނަތީޖާއެވެ. ކޮންމެއަކަސް 40 އަހަރު ފަހުން މާތްވެގެންވާ ޙަރަމްފުޅުގެ އިމާމަކަށް މަރުޙަބާ ކިޔުމުގެ ފުރުޞަތު އަޅުގަނޑުމެންނަށް ލިބުމަކީ އެކަމާ ފަޚުރުވެރިވާންޖެހޭ ކަމެކެވެ.