އިނގިރޭސި ޕްރިމިއަރ ލީގުގައި ރޭ ލެސްޓާ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުން 1-0 ގެ ނަތީޖާއަކުން ލިވަޕޫލް މޮޅުވެއްޖެ އެވެ.
މި ނަތީޖާއާއެކު ލެސްޓާ ސިޓީ ވަނީ ޕްރިމިއަރ ލީގުން ރެލިގޭޓުވެފައެވެ. އެ ޓީމަށް ލީގުގައި މިހާތަނަށް ކުޅުނު 33 މެޗުން ލިބިފައިވަނީ އެންމެ 18 ޕޮއިންޓެވެ. މީގެ ކުރިން ސައުތެމްޓަންވެސް ވަނީ ރެލިގޭޓުވެފައެވެ.
އަނެއްކޮޅުން މި މެޗުން މޮޅުވުމާއެކު ލިވަޕޫލްއަށް ލީގު ޗެމްޕިއަންކަން ހޯދުމަށް ކުރިއަށް އޮތް ފަސް މެޗުން ބޭނުންވަނީ އެންމެ ތިން ޕޮއިންޓެވެ. އެ ޓީމަށް ވަނީ 33 މެޗުން 79 ޕޮއިންޓް ލިބިފައެވެ. ދެވަނައިގައި އޮތް އާސެނަލްއަށް ލިބިފައިވަނީ 66 ޕޮއިންޓެވެ.
ލެސްޓާ ސިޓީގެ ކިންގް ޕަވަރ ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު މެޗުގެ 76 ވަނަ މިނިޓުގައި ލިވަޕޫލްއަށް ކާމިޔާބުކޮށްދީފައިވަނީ ބަދަލަކަށް ކުޅެން އެރި އެ ޓީމުގެ ޑިފެންޑަރު ޓްރެންޓް އެލެކްޒެންޑަރ-އާނޯލްޑެވެ. ލިވަޕޫލް އާއެކު ހަދާފައިވާ އެއްބަސްވުމުގެ މުއްދަތު މި ސީޒަނުގެ ނިޔަލަށް ހަމަވާ އާނޯލްޑް މި ލަނޑު ޖަހާފައިވަނީ މުޙައްމަދު ސަލާހު އާއި ޑިއޭގޯ ޖޮޓާ ފޮނުވާލި ބޯޅަތައް ގޯލުގެ ހުރަސް ދަނޑީގައި ޖެހިފައި ބޭރަށް ނުކުތް ވަގުތު، އޭރިއާ ތެރޭގައި ހުރެ ގޯލުގެ ތެރެއަށް ފޮނުވާލައިގެންނެވެ.
މިދިޔަ މާޗު މަހު ލިބުނު އަނިޔާއިން ރަނގަޅުވުމަށްފަހު އާނޯލްޑް އަލުން ކުޅުމުގެ ތެރެއަށް އައިސް ކާމިޔާބުކުރި މި ލަނޑަކީ ލީގު ޗެމްޕިއަންކަން ހޯދުމަށް އެ ޓީމަށް ވަރަށް މުހިންމު ލަނޑެކެވެ. އަދި މި ސީޒަނަށްފަހު އޭނާ ލިވަޕޫލް ދޫކޮށްލާނެކަމަށް ގިނަ މީޑިއާ ރިޕޯޓްތަކެއް ބުނެފައިވާއިރު، އެ ކަމާ ގުޅޭ ގޮތުން އޭނާގެ ފަރާތުންވެސް އަދި ލިވަޕޫލްއިންވެސް ކޮމެންޓެއް ކޮށްފައެއް ނުވެއެވެ.
ދެ ޓީމުގެ ފަރާތުންވެސް ވާދަވެރި ކުޅުމެއް ފެނިގެސް ގޮސްފައިވާ މި މެޗުގެ ފުރަތަމަ ހާފުގައިވެސް ދެ ޓީމަށް ވަނީ ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެން ގޮސްފައެވެ. އެގޮތުން ސަލާހު ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑީގައި ޖެހިފައިވާއިރު، ލެސްޓާ ސިޓީގެ ހަމަލައެއްވެސް ވަނީ ލިވަޕޫލްގެ ގޯލުގެ ދަނޑިއަށް އަމާޒުވެފައެވެ.
ލެސްޓާ ސިޓީ ރެލިގޭޓުވެފައިވާއިރު، އެ ޓީމުގެ ކޯޗުކަމާ ސީޒަނުގެ މެދު ތެރެއިން ހަވާލުވި ރޫޑް ވެން ނިސްޓެލްރޫއީގެ އިރުޝާދުގެ ދަށުން ކުޅުނު 20 މެޗުން ލިބިފައިވަނި އެންމެ އަށް ޕޮއިންޓެވެ.