ކުޅިވަރު

ސަލާހަކީ ސައޫދީ ލީގަށް ބޭނުން ހިފޭނެ ކުޅުންތެރިއެއް: ވަޒީރު


ލިވަޕޫލާއެކު އިތުރު ދެ އަހަރު ސޮއިކުރި ނަމަވެސް މިސުރުގެ ފޯވަޑް މުހައްމަދު ސަލާހަކީ އަދިވެސް ސައޫދީ ލީގަށް ބޭނުން ހިފިދާނެ ކުޅުންތެރިއެއް ކަމަށް އެ ގައުމުން ބުނެފި އެވެ.

ސައޫދީ އަރަބިއާގެ ކުޅިވަރާ ބެހޭ ވަޒީރު ޕްރިންސް އަބްދުލް އަޒީޒް ބިން ތުރްކީ އަލް ފައިސަލް ވިދާޅުވީ ސަލާހް ސައޫދީ ލީގަށް ގެންނަން ނޫޅުނަސް އޭނާ އެ ލީގަށް ބަދަލުވާނެ ވާހަކަ ދައްކަނީ ނޫސްވެރިން ކަމަށެވެ.

އުމުރުން މިހާރު 32 އަހަރުގެ ފޯވަޑް ލިވަޕޫލާއެކު ދެ އަހަރުގެ އެއްބަސްވުމެއްގައި ސޮއި ކުރީ މި ސީޒަނަކާއެކު އޭނާގެ ކޮންޓްރެކްޓް ހަމަވުމުން ސައޫދީގެ ގަދަ ހަތަރު ޓީމު ކުރެ ޓީމަކަށް ބަދަލުވާނެ ކަމަށް ވަރަށް ބޮޑަށް ވާހަކަ ދެކެވިފައިވަނިކޮށެވެ. ލިވަޕޫލާއެކު އޭނާ ކޮންޓްރެކްޓް އައު ކުރި ނަމަވެސް ސައޫދީ ކުޅިވަރު ވަޒީރު ވިދާޅުވީ މިއީ ސަލާހް ސައޫދޫ ލީގަށް ގެނައުން ކަފުން ވުން ނޫން ކަމަށެވެ.

"އަހަރެން މި ބުނާ ވާހަކަ އަކީ އޭނާ ސުޕް ސްޓާރެއްގެ ވާހަކަ. އަދި އޭނާ އަކީ އަރަބި މުސްލިމެއް. މިހެންވީމާ އޭނާ އަކީ ސައޫދީ ލީގުގައި ކުޅެން ވަރަށް އެކަށޭނެ އަދި އެ ލީގުން ބޭނުންވާނެ ކުޅުންތެރިއެއް. އޭނާގެ ކަމެއް ކޮންޓްރެކްޓް އައު ކުރުމާއި ނުކުރުމަކީ. އޭނާ އާއި ސައޫދީ އަރަބިއާއިން ގުޅުމުގެ ކުރިން އޭނާއާ ސައޫދީއާ ގުޅުވަން ފެށީ ފުރަތަމަ ދުވަހުން ފެށިގެން މީޑިޔާތަކުން،" ވަޒީރު ވިދާޅުވި އެވެ.

އިތުރަށް އޭނާ ވިދާޅުވީ ސައޫދީ ލީގުން މިހާރު ކުޅުންތެރިން ގަންނަނީ ރޭވުންތެރިކަމާއެކުގައި ކަމަށެވެ. މި ގޮތުން އެ ލީގަށް ޒުވާން ކުޅުންތެރިން ގެނައުމަކީ އެންމެ އިސްކަންދޭ ކަންތައް ކަމަށެވެ.

"މިފަހުން ސޮއިކުރުވާފައި ތިބި ކުޅުންތެރިންނާ ބަލާލުމުން ވެސް އެނގޭނެ މިއީ ހަމަ ތިބެފައި ކުޅުންތެރިންތަކެއް ގެންނަނީކީ ނޫންކަން. އަހަރުމެން މި ފަހުން ގެނައީ ވަރަށް ޒުވާން ކުޅުންތެރިން. ލީގު ވާދަވަރި ކުރުވުމަށްޓަކައި ޒުވާން ކުޅުންތެރިން ގެނައުން ވަރަށް މުހިންމު. ލީގުގެ ވާދަވެރިކަމަށް ބަލާއިރު ހާއްސަކޮށް ފުރަތަމަ ހަތަރު ޓީމަށް ބަލާއިރު ވާދަވެރިކަން ވަރަށް ބޮޑު،" ވަޒީރު ވިދާޅުވި އެވެ.

އޭނާ އަދި ބުނީ ދުނިޔޭގެ ތަރިންނާއި ހާއްސަކޮށް އަރަބި ގައުމުތަކަށް ނިސްބަތްވާ ކުޅުންތެރިން ސައޫދީ ލީގަށް ގެނައުމަކީ އަބަދުވެސް ވިސްނާ ކަމެއް ކަމަށެވެ. އަދި ސަލާހް ފަދަ ތަރިންނަށް ސައޫދީ ލީގުން މަރުހަބާ ކިޔަން ނުޖެހޭނެ ސަބަބެއް ނޯންނާނެ ކަމަށެވެ.