ރެއާލް މެޑްރިޑުގެ ކޯޗުކަމުން ކާލޯ އަންޗެލޯޓީ ވަކިކުރުމުގެ ކުރިން އެކަމާމެދު ދޭއް ނުވަތަ ތިން ފަހަރު ވިސްނުމަށް އިޓަލީގެ ތަޖުރިބާކާރު ކޯޗު އަރިގޯ ސާޗީ ގޮވާލައިފި އެވެ.
އުމުރުން މިހާރު 76 އަހަރުގެ ކޯޗު ބުނީ އަންޗެލޯޓީ ވަކިކުރުމުގެ ކުރިން އޭނާ އަކީ ކާކުކަން ރަނގަޅަށް ދެނެގަންނެޖެހޭ ކަމަށެވެ. އަދި އޭނާ އަށްވުރެ މޮޅަށް ދެން ކޯޗުކަން ކުރެވޭނީ ކާކަށްތޯ ވެސް ބަލަންޖެހޭ ކަމަށެވެ.
"އަހަރެން ދެރަވަނީ (ވަކިކުރުމަކީ)ފުޓްބޯޅައިގެ ބަޔަކަށްވާތީވެ. އެންމެން ވެސް ކާލޯ (އަންޗެލޯޓީ) އަށް ފާޑުކިޔައި ޗެމްޕިއަންސް ލީގުން ބަލިވުމުގެ ޒިންމާ އޭނާގެ ބޮލުގައި އަޅުވަމުންދަނީ. އެކަމަކު މި މީހުންނަށް އެނގޭބާ އަންޗެލޯޓީ އަކީ ކާކުކަން؟ އެނގޭބާ އޭނާ ހޯދި ކާމިޔާބީތައް؟ އަހަރެން ދެކޭ ގޮތުގައި އޭނާ އަކީ ހަގީގަތުގައި ވެސް ފުޓްބޯޅައިގެ މާސްޓަރެއް. ހަމައެކަނި އޭނާ ހޯދި ތަށިތަކަށް ބަލާފައި އެކަންޏެއްނޫން. އޭނާގެ އިންސާނީ ވަންތަކަމުގެ ކޮލިޓީތަކަށް ވެސް ބަލާފައި،" ސާޗީ ބުންޏެވެ.
1994 ވަނަ އަހަރުގެ ވޯލްޑްކަޕުގެ ފައިނަލުން އިޓަލީ ބަލިވިއިރު ބެންޗުގައި އިން ސާޗީ ބުނީ އަންޗެލޯޓީ ވަކިކުރުމުގެ ކުރިން ރެއާލް މެޑްރިޑުން ދޭއް ނުވަތަ ތިން ފަހަރު އެކަމާމެދު ވިސްނަންޖެހޭނެ ކަމަށެވެ.
ސާޗީ އަކީ އިޓަލީގެ އޭސީ މިލާނުގައި ކާމިޔާބު ކޯޗެކެވެ. އަންޗެލޯޓީ ފަދައިން އޭނާ ވެސް ވަނީ މިލާނުގައި ޗެމްޕިއަންސް ލީގު ދެ ފަހަރު ކާމިޔާބުކޮށްފަ އެވެ. އިޓަލީގެ ދެ ކޯޗުންނަށް ވުމުން އަންޗެލޯޓީ އާއި ސާޗީއާ ދެމަދު އަބަދުވެސް ވަރަށް ބޮޑު ގާތްކަމެއް އޮވެ އެވެ.