ޚަބަރު

ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލައިގެ އަޑުއެހުންތައް ފަށަނީ


ބ އަތޮޅު ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނާއިބު ރައީސް އަޙުމަދު އަދީބާއި އިތުރު ބައެއްގެ މައްޗަށް ދައުލަތުން އުފުއްލަވާފައިވާ ޓެރަރިޒަމްގެ ދައުވާ އަޑުއެހުންތައް މާދަމާ ފެއްޓެވުމަށް ކްރިމިނަލްކޯޓުން ތާވަލްކުރައްވައިފިއެވެ.

މި މައްސަލައިގައި އަދީބުގެ އިތުރުން ދައުލަތުން ދައުވާ އުފުއްލަވާފައިވަނީ ސިފައިންގެ ބަޑި ގުދަނުގެ ކުރީގެ ވެރިޔާ އަޙުމަދު  ފަޔާޒް އަލީއާއި އެމްއެމްޕީއާރްސީގެ ޚިޔާނާތުގެ މައްސަލާގައި ރެޑް ނޯޓިސް ނެރެފައިވާ މުޙައްމަދު އައްލާމް  ލަތީފާއި، އިސްފާހު ޢަލީއާއި މުޙައްމަދު ޙުސެއިންގެ މައްޗަށެވެ.

img:http://s1.psmnews.mv/images/660x400/5844.jpg|ސިފައިންނާއި ފުލުހުން ގުޅިގެން ހިންގި އޮޕަރޭޝަންގައި ހޯދި ބައެއް ހަތިޔާރު - ފައިލް ފޮޓޯ: ޕީއެސްއެމް ނިއުސް

މި މީހުންގެ ތެރެއިން އަޙުމަދު  ފަޔާޒްގެ މައްޗަށް ދައުވާކުރާ މައްސަލާގައިވަނީ 26 އޭޕްރީލް އިން ފެށިގެން ސިފައިންގެ ބަޑިގުދަނުގެ އިސްވެރިޔަކަށް އޭނާ ހުންނަވާ އެތަނުގެ ލިޔެކިޔުންތައް އޮޅުވާލައްވަން މަސައްކަތްކުރައްވާފައިވާކަމަށެވެ. އަދި ބަޑި ގުދަނުން ގެއްލިފައިވާ ބައެއް ހަތިޔާރު ހޯދުމުގެ މަސައްކަތް ކުރުމަށް ހުރަސްއަޅުއްވާ ކަނޑައެޅިފައިވާ އުސޫލާއި ޚިލާފަށް ބަޑި ގުދަނުން ހަތިޔާރު ނެރުއްވާފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.

ސިފައިންގެ ބަޑި ގުދަނުން ގެއްލުނު ބައެއް ހަތިޔާރު ބ ހިބަޅިދޫން ފެނިފައިވާކަމަށާއި އެކިދުވަސްމަތިން އަޙުމަދު އަދީބާއި މުޙައްމަދު ޙުސެއިން  އަދީބު ދިރިއުޅުއްވި ގ ހުމަށިގެއާއި ރެހެންދި ފްލެޓްގެ އެޕާރޓްމެންޓުން ގޮވާތަކެއްޗާއި ހަތިޔާރު ގެންގުޅުއްވާފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ. އަދި އަހުމަދު އަދީބާއި، އަޙުމަދު  ފަޔާޒް ޢަލީއާއި، މުޙައްމަދު އައްލާމް  ލަތީފާއި، އިސްފާހު ޢަލީއާއި މުޙައްމަދު ޙުސެއިން މި އެންމެން ބައިވެރިވެގެން ސިފައިންގެ ބަޑި ގުދަނުން ގެއްލުނުކަމަށް ބުނާ ބައެއް ތަކެތި ބ ހިބަޅިދޫއަށް ގެންގޮސްފައިވާކަމަށްވެސް ދައުލަތުގެ ދައުވާގައިވެއެވެ.

ހިބަޅިދޫން ހަތިޔާރު ފެނުނު މައްސަލާގައި ކުރީގެ ނައިބު ރައީސް އަޙުމަދު އަދީބުގެ މައްޗަށް ޓެރަރިޒަމްގެ އިތުރު ދައުވާ އެއް އުފުއްލަވާފައިވާއިރު އެނާ މިހާރުވެސް ގެންދަވަނީ 33 އަހަރުގެ ޖަލު ޙުކުމެއް ތަންފީޒުކުރައްވަމުންނެވެ.