މަސްޖިދުލް އަޤްޞާ ސުންނާފަތި ކޮށްލުމަށް ޔަހޫދީން ގޮވައިލަމުން ދާތީ ފަަލަސްޠީނުގެ ސަރުކާރުން ކަންބޮޑުވުން ފާޅު ކޮށްފިއެވެ.
ފަލަސްޠީނުގެ ޚަރިޖީ ވުޒާރާއިން ބުނީ ޔަހޫދީ އާއްމުންގެ ޖަމާޢަތްތަކުން މަސްޖިދުލް އަޤްޞާއަށް ޙަމަލާދީ ސުންނާފަތި ކޮށްލުމަށް މީސްމިޑިޔާގައި ގޮވައިލަަމުންދާ ކަމަށެވެ. އިބްރާހިމީ ބަހުން ލިޔެފައިވާ މި ޕޯސްޓުތަކުގައި މިސްކިތް ސުންނާފަތިކޮށް، އެ ބިމުގައި ޔަހޫދީންގެ ފައްޅިއެއް އެޅުމަށް އެ ޖަމާޢަތްތަކުން ވަނީ ގޮވައިލައިފައެވެ.
ބައިތުލްމަޤްދިސަށް ޔަހޫދީން އަތްގަދަ ކޮށްފައި ވަނީ 1967 ވަނަ އަހަރުގެ މެދުއިރުމަތީގެ ހަނގުރާމައިގައެވެ. އެއަށްފަހު, ޔަހޫދީން ދަނީ މުސްލިމުންގެ އެ ބިމުގައި އިސްތިޢުމާރީ ވެރިކަމެއް ހިންގަމުންނެވެ. މަސްޖިދުލް އަޤްޞާ ވެސް އޮތީ އެ މީހުންގެ ބާރުގެ ދަށުގައެވެ. އިރުމަތީ ޤުދުސްގައި ހުންނަ މަސްޖިދުލް އަޤްޞާއަކީ މުސްލިމުންގެ ތިންވަނައަށް އެންމެ މުޤައްދަސް މިސްކިތެވެ. އަދި ފަލަސްޠީނުގެ އަމިއްލަވަންތަކަން ރަމްޒު ކޮށްދޭ ނިޝާނެކެވެ.
މަސްޖިދުލް އަޤްޞާ ހުންނަ ސަރަޙައްދު ބަލަހައްޓަނީ އުރުދުނުންނެވެ. ނަމަ ވެސް އެ ސަރަޙައްދަށް ވަދެނިކުމެ އުޅުމުގެ ކަންކަން ބަލަހައްޓަނީ ޔަހޫދީ ސިފައިންނެވެ. ޔަހޫދީ ފައުޖުގެ ސިފައިންނާއި ފުލުހުން ދަނީ ދޭތެރެދޭތެރެއިން މިސްކިތް ތެރެއަށް ވަދެ, ޢުދުވާން ހިންގައި, މުސްލިމުންގެ ލޭ އޮހޮރުވައިލާ, އެ ތަނުގެ ޙުރުމަތް ކަނޑަމުންނެވެ.
މި ހަފުތާގެ ކުރީ ކޮޅު ޔަހޫދީ ބައިގަނޑުތަކުން ވަނީ އަންނަ އަހަރު މަސްޖިދުލް އަޤްޞާއަށް ވާނެ ގޮތް ކަމަށް ބުނެ އޭއައި ބޭނުން ކޮށްގެން ތައްޔާރު ކޮށްފައިވާ ‘ނެކްސްޓް އިޔަރ އިން ޖެރުސަލެމް’، މި ސުރުޚީގެ ވީޑިޔޯއެއް ޢާންމު ކޮށްފައެވެ. މިސްކިތް ތަޅާލައި އެ ތަނުގައި ފައްޅިއެއް އަޅާ މަންޒަރު އެ ވީޑިޔޯ މީސްމީޑިޔާގައި ދަނީ ދައުރު ކުރަމުންނެވެ.
އެކްސްގައި ކުރި ޕޯސްޓެއްގައި ފަލަސްޠީނުގެ ޚާރިޖީ ވުޒާރާއިން ބުނީ ޔަހޫދީން މީސްމީޑިޔާގައި ދައުރު ކުރަމުންދާ ވީޑިޔޯތަކާއި ލިޔުންތަކަކީ އިރުމަތީ ޤުދުސްގައި ހުންނަ ނަޞާރާ ދީނާއި އިސްލާމް ދީނުގެ މުޤައްދަސް ތަންތަނަށް އަމާޒު ކޮށް ދޭ ޙަމަލާތައް އިތުރު ކުރުމަށް ހިތްވަރު ދިނުމަށް ދައުރު ކުރަމުންދާ ތަކެތި ކަމަށެވެ. ބައިނަލްއަޤްވާމީ މުޖުތަމަޢުއާއި ކަމާ ގުޅުންހުރި އދގެ މުއައްސަސާތަކުން އެއީ ބޮޑު މައްސަލައެއްގެ ގޮތުގައި ބަލައި ބައިނަލްއަޤްވާމީ ޤާނޫނުތަކާ އެއްގޮތަށް ފިޔަވަޅު އެޅުމަށް އެ ވުޒާރާއިން ވަނީ ގޮވައިލައިފައެވެ.
މަސްޖިދުލް އަޤްޞާ ހުންނަ ސަރަޙައްދަކީ ޔަހޫދީންނަށް ވެސް މުޤައްދަސް ބިމެކެވެ. އެ މީހުން ޤަބޫލު ކުރާ ގޮތުގައި އެ ބިމަކީ އެ މީހުންގެ ފައްޅިތަކެއް ކުރިން ހުރި ބިމެކެވެ. ޒަމާންވީ އެއްބަސްވުމެއްގެ ދަށުން ޔަހޫދީންނާއި ޣައިރު މުސްލިމުންނަށް މަސްޖިދުލް އަޤްޞާ ހުންނަ ބިމަށް ވަކި ގަޑިތަކެއްގަައި ޒިޔާރަތް ކުރެވެއެވެ. ނަމަ ވެސް އެ ސަރަޙައްދުގައި އަޅުކަން ކުރުމާއި ދީނީ ނިޝާންތައް ދެއްކުމުގެ ހުއްދައެއް ނުދެއެވެ.
ޔަހޫދީންގެ ކަނާތު ފިޔައިގެ ސިޔާސީ ވެރިންނާއި ވަޒަންވެރިން ޢާންމުކޮށް ޒިޔާރަތް ކުރާ ތަނަކަށް މަސްޖިދުލް އަޤްޞާ މިހާރު ވަނީ ވެފައެވެ. އެ މީހުން ހަފްތާއަކު އެއް ފަހަރުހެން އެ ސަރަޙާއްދަށް ވަދެގަނެއެވެ. އަދި ޔަހޫދީ ސިފައިންގެ ޙިމާޔަތުގައި އެ ތަނުގައި އެ މީހުންގެ އަޅުކަންތައް ކޮށް އުޅެއެވެ.
މިދިޔަ އަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ޔަހޫދީންގެ ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާ ބެންގިވާ ވަނީ މަސްޖިދުލް އަޤްޞާ ހިމެނޭ ސަރަޙައްދުގައި ޔަހޫދީންގެ ފައްޅިއެއް އަޅާނެ ކަމަށް ބުނެފައެވެެ. 2022ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައި ވަޒީރުކަމުގެ މަޤާމާ ޙަވާލުވި ހައްދުފަހަނައެޅި ބެންގިވާ، މަޤާމާ ޙަވާލުވި ފަހުން ހަ ފަހަރެއްގެ މަތިން އެ ސަރަޙައްދަށް ޒިޔާރަތް ކޮށްފައި ވެއެވެ