ފިރިހެނުންގެ ލޯންގްކޯސް 50 މީޓަރ ބަޓަރފްލައި އިވެންޓުގެ ގައުމީ ރިކޯޑު މުޙައްމަދު އާން ޙުސައިން މުގުރާލައިފިއެވެ.
ހަންގޭރީގައި ކުރިއަށްދިޔަ އެ ގައުމުގެ 127 ވަނަ ނެޝަނަލް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އާން މި ރިކޯޑު މުގުރާލީ 26.77 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު މީގެ ކުރިން އޮތީ މުޙައްމަދު ރިޙާން ޝިހާމްގެ އަތުގައެވެ. އެއީ މިދިޔަ އަހަރު ބޭއްވި 59 ވަނަ މައިލޯ/އެމްއޭއެސް މެލޭޝިއާ އިންވިޓޭޝަނަލް އޭޖް ގްރޫޕް ސްވިމިންގ ޗެމްޕިއަންޝިޕްސްގައި ވާދަކޮށް 26.98 ސިކުންތުން ރޭސް ނިންމައިގެންނެވެ.
ހަންގޭރީގައި ކުރިއަށްދާ މުބާރާތުގައި ވާދަކޮށް އާން ގައުމީ ރިކޯޑެއް ގާއިމުކުރިއިރު، މީގެ ކުރިން ހަމްނާ އަޙްމަދު ވަނީ އެ މުބާރާތުގައި ވާދަކޮށް އަންހެނުންގެ ލޯންގްކޯސް 100 މީޓަރު ބްރެސްޓްސްޓްރޯކް އިވެންޓުގެ ގައުމީ ރިކޯޑު މުގުރާލާފައެވެ. ހަމްނާ އެ ރިކޯޑު މުގުރާލާފައިވަނީ އެއް މިނެޓު 23.38 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.
މި އިވެންޓުގެ ގައުމީ ރިކޯޑު މީގެ 9 އަހަރު ކުރިން ގާއިމުކޮށްފައިވަނީ އައިޝަތު ސާޖިނާއެވެ. އެއީ 2016 ވަނަ އަހަރު ބޭއްވި ސައުތު އޭޝިއަން އެކުއަޓިކްސް ޗެމްޕިއަންޝިޕްސްގައި ވާދަކޮށް އެއް މިނެޓު 24.65 ސިކުންތުން ރޭސް ފުރިހަމަކޮށްގެންނެވެ.