ތަޢުލީމު

ކީރިތި ޤުރުއާން ކިޔަވައިދިނުމަށް 213 ސްކޫލެއްގައި 266 ޓީޗަރުން!


އިސްލާމްދީނަށާއި ޤައުމިއްޔަތަށް ލޯބިކުރާ، ދީނީ އަދި ޤައުމީ ވާޖިބުތަކަށް އަހުލުވެރި ދަރިވަރުން އުފެއްދުމަކީ މިސަރުކާރުގެ ތަޢުލީމީ މައިގަނޑު އެއް ސިޔާސަތެވެ.

މިސިޔާސަތު ތަންފީޒުކުރެއްވުމަށްޓަކައި ރާއްޖޭގެ ސްކޫލްތަކުގައި އިސްލާމް، ޤުރުއާން އަދި ޢަރަބި ކިޔަވައިދިނުމުގައި އަށްސަތޭކައަށްވުރެ ގިނަ ޓީޗަރުން ޙަރަކާތްތެރިވަމުންދެއެވެ.

އިސްލާމީ އަޤީދާއާއި އަގުތަކާއި އަސާސްތަކާއި ޢަމަލީގޮތުން އިސްލާމްދީނުގެ ކަންތައްތައް ކުރުމަށް ރާއްޖޭގެ ޤައުމީ މަންހަޖުގައި ބާރުއަޅައެވެ. އަދި ދިވެހި މުޖުތަމަޢުގައި އިސްލާމް ދީނުގެ ދައުރު ފާހަގަކުރެވި، ހަރުދަނާ އަޤީދާއެއްގެ މަތީގައި ސާބިތުވެ ތިބެ، ކީރިތި ޤުރުޢާނާއި ރަސޫލާގެ ސުންނަތަށް ޢަމަލުކުރާ ދަރިވަރުންތަކެއް އުފެއްދުމަށްވެސް ޤައުމީ މަންހަޖުން ބާރުއަޅައެވެ. މިކަންކަން ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމަށްޓަކައި ސްކޫލް ހުރިހާ މަރުޙަލާއެއްގައި އިސްލާމް އަދި ޤުރުއާން ދަނީ ކިޔަވައިދެމުންނެވެ. އެގޮތުން ސްކޫލު ހުރިހާ މަރުޙަލާއެއްގައި ޤުރުއާނާއި ޤުރުއާންގެ އިލްމް އުގަންނައިދިނުމުގެ ގޮތުން ގްރޭޑް 1 އިން 7 އަށް ޤުރުއާން މަޖުބޫރު މާއްދާއެއްގެ ގޮތުގައި 2014 ވަނަ އަހަރު ވަނީ ކަނޑައެޅި އަމަލުކުރައްވަން ފައްޓަވާފައެވެ.

img:http://s4.psmnews.mv/images/660x400/8052.jpg|އިމާދުއްދީން ސްކޫލް / ފޮޓޯ: ޕީއެސްއެމް

އަތޮޅުތެރޭގެ 199 ސްކޫލަކާއި، މާލޭގެ 14 ސްކޫލަކާއެކު މުޅި ޖުމްލަ 213 ސްކޫލްގައި ދަނީ ކިޔަވައިދެމުންނެވެ. މިސްކޫލްތަކުގައި ޖުމްލަ 9570 ޓީޗަރުން ކިޔަވައިދެމުންދެއެވެ. އެޑިޔުކޭޝަން މިނިސްޓްރީގެ ތަފާސް ހިސާބުތައް ދައްކާގޮތުން މީގެތެރެއިން އިސްލާމް މާއްދާ ކިޔަވައިދިނުމަށް 593 ޓީޗަރުން ޙަރަކާތެރިވަމުންދެއެވެ. މިއީ އަތޮޅުތެރޭގައި ކިޔަވައިދެމުންދާ  ހަތަރުސަތޭކަ ހަތްދިހަ އެއް ޓީޗަރުންނާއި މާލޭގައި ކިޔަވައިދެމުންދާ 122 ޓީޗަރުންނެވެ. ސްކޫލްތަކުގެ ދަރިވަރުންނަށް ޤުރުއާން ކިޔަވައިދެމުންދާ 266 ޓީޗަރުން ތިބެއެވެ. މީގެތެރެއިން އަތޮޅުތެރޭގައި 206 ޓީޗަރުން އަދި މާލޭގެ ސްކޫލްތަކުގައި ފަސްދޮޅަސް ޓީޗަރުން ޤުރުއާން ކިޔަވައިދެމުންދެއެވެ.

img:http://s1.psmnews.mv/images/660x400/8046.jpg|ށ.ކޮމަންޑޫ ސްކޫލްގައި ބޭއްވި އެސެމްބްލީއެއްގެ ތެރެއިން / ފައިލް ފޮޓޯ: ކޮމަންޑޫ ސްކޫލް

މީގެ އިތުރަށް އަރަބި އިސްލާމީ ތަޢުލީމު ފުޅާކުރުމުގެ ގޮތުން ޤައުމީ އާ މަންހަޖުގެ ދަށުން އިތުރު ބަހެއްގެ ގޮތުގައި ސްކޫލްތަކުގައި އަރަބި ބަސް ކިޔަވައިދިނުމަށް ނިންމާ 2014 ވަނަ އަހަރު ވަނީ ތަންފީޒުކުރަން ފަށްޓަވާފައެވެ. މާލެއާއި އަތޮޅުތެރޭގެ ސާޅީހަށްވުރެގިނަ ސްކޫލްގައި މިހާރު ޢަރަބި ބަސް ކިޔަވައިދެމުން ދެއެވެ. އިޚްތިޔާރީ މާއްދާއެއްގެ ގޮތުގައި ކަނޑައަޅާފައިވާ އަރަބި ބަސް ސްކޫލްތަކުގައި ކިޔަވައިދޭން ފަށަނީ ގްރޭޑް އެކަކުން ފެށިގެންނެވެ. އެއަށްފަހު ގްރޭޑަކަށްފަހު ގްރޭޑެއްގައި އަރަބި ބަސް ތަޢާރަފްކުރެވިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

އަރަބި ބަސް ކިޔަވައިދިނުމަށް 5 ޢަރަބި ޓީޗަރަކު ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވަމުންދެއެވެ. މީގެ އިތުރަށް ރާއްޖޭގެ އުތުރާއި ދެކުނުގައި އަރަބި މީޑިއަމަށް ކިޔަވައިދޭ 2 ސްކޫލް ޤާއިމުކުރުމަށް ނިންމާ، އައްޑޫ ސިޓީގެ ނޫރާނީ ސްކޫލްއާއި ހދ. އަތޮޅު ތަޢުލީމީ މަރުކަޒުގައި ވަނީ އަރަބި މީޑިއަމަށް ކިޔަވައިދޭން ފަށާފައެވެ.

ސްކޫލް ތަކަށް އިތުރަށް ބޭނުންވާ ޓީޗަރުން ތަމްރީން ކުރުމަށް އިސްލާމިކް ޔުނިވަރސިޓީއާއެކު  އެޑިޔުކޭޝަން މިނިސްޓްރީން ވަނީ އެއްބަސް ވުމެއްގައި ސޮއިކޮށް އަމަލީ މަސައްކަތް ފަށާފައެވެ. މި އެއްބަސްވުމުގެ ދަށުން އަރަބި، އިސްލާމް އަދި ޤުރުއާން މާއްދާ ތަކަށް 5000 ޓީޗަރުން ތަމްރީން ކުރެވިގެންދާނެކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.