ޚަބަރު

ފެންބޮޑުވެ ހޮޅުދޫގެ ބައެއް ގެތަކަށް ގެއްލުން ވެއްޖެ


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައިގައި ނ.ހޮޅުދޫގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންވަދެ ގެއްލުންތަކެއް ލިބިފައިވާކަމަށް ހޮޅުދޫ ކައުންސިލުން ވިދާޅުވެއްޖެއެވެ.

ޕީއެސްއެމްއަށް މަޢުލޫމަތުދެއްވާމުން ހޮޅުދޫ ކައުންސިލުން ވިދާޅުވީ ހޮޅުދުއަކީ ޢާންމުކޮށްވެސް ބޯކޮށް ވާރޭވެހިއްޖެނަމަ ފެންބޮޑުވާ ރަށެއްކަމަށާއި ނަމަވެސް މިއަދު ހެނދުނު 9:35 އެހާކަންހާއިރު ބޯކޮށް ވާރޭ ވެހެންފެށި ގޮތަށް މެދުނުކެނޑި ވާރޭވެހޭތީ އެރަށުގެ 3 ގެއަކަށް ފެންވަދެ 2 ގެއެއްގައި ހިފާގެންގުޅޭ ސާމާނަށް ގެއްލުންތަކެއް ލިބިފައިވާކަމަށެވެ.

ވާރޭ ވެހެން ފެށުމާއެކު ޢާންމުކޮށްވެސް ހޮޅުދޫ ރައްޔިތުން ރައްކާތެރިކަމުގެ ފިޔަވަޅު އަޅާކަމަށާއި ނަމަވެސް ފެން ހިންދަން މިހާރު ބޭނުންކުރަމުންދާ 2 ޕަމްޕުން އެންމެ އެދެވޭ ގޮތުގައި މިކަން ނުކުރެވޭތީ މިހާރު އެންމެއެންޑީއެފްގެ އެހީތެރިކަން ހޯދާފައިވާކަމަށް އެރަށު ކައުންސިލުން ވިދާޅުވެއެވެ.

ކުރިއަށް އޮތް ސައުވީސް ގަޑިއިރުވެސް ރާއްޖޭގެ ބޮޑު ބަޔަކަށް މިއަދުވެސް ވިއްސާރަ ކުރާނެކަމަށް ލަފާކުރެއްވޭކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ލަފާކުރައްވާފައިވާތީ، ކަނޑު ދަތުރުފަތުރު ކުރުމުގައި ސަމާލުވުމަށް ޤައުމީ ދިފާޢީ ބާރުންވަނީ އިލްތިމާސް ކުރައްވާފައެވެ.

އެމް.އެން.ޑީ.އެފުން ވަނީ ކަނޑު ދަތުރުފަތުރުކުރާ ފަރާތްތަކުން މޫސުމާބެހޭ މަޢުލޫމާތު ހޯދައި، ދަތުރާގުޅޭ މަޢުލޫމާތު ކަމާބެހޭ ފަރާތްތަކާ ޙިއްޞާކުރުމަށް އިލްތިމާސްކުރައްވާފައެވެ. އަދި ދަތުރުކުރާ އުޅަނދުގައި ސަލާމަތީ ގޮތުން ފުރިހަމަކުރަންޖެހޭ ކަންކަން ފުރިހަމަނުކޮށް ދަތުރަށް ނުފެށުމަށްވެސް އެމް.އެން.ޑީ.އެފުންވަނީ އިލްތިމާސް ކުރައްވާފައެވެ.