ނުކުޅެދުންތެރިކަން ހުންނަ ފަރާތަކުގެ ހައްޤުތައް ކަށަވަރުކުރުމަށްޓަކައި އެކުލަވާލައިފައިވާ ޕްލޭނާއެކު އެމީހުންގެ ޞިއްޙީ ދުޅަހެޔޮކަން އިތުރަށް ކަށަވަރުކުރެވޭނެކަމަށް އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ.
"ނޭޝަލަން އެކްޝަން ޕެލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން"އަކީ ނުކުޅެދުންތެރިކަން ހުންނަ މިހުންގެ ބޭނުންތައް ދެނެގަނެ، ހުނަރު ތަރައްޤީކޮށް، މަސައްކަތުގެ ތަޖުރިބާއާއި، އިޤްތިޞާދީ މިނިވަންކަމަށް މަގުފަހިކޮށްދޭ ފުރުޞަތުތައް އެފަރާތްތަކަށް ހޯދައިދިނުމަށްޓަކައި އެކުލަވައިލެވިފައިވާ ޕްލޭންއެކެވެ.
މި އެކްޝަން ޕްލޭން އެކުލަވާލެވިފައިވަނީ ސަރުކާރުގެ އިދާރާތަކުގެ އިތުރުން ކުންފުނިތަކާއި އަމިއްލަ ޖަމްޢިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަމާއެކުގައެވެ. އަދި އަދި އެ ފަރާތްތަކުގެ ޚިޔާލާއެކު، މި ޕްލޭން ފައިނަލްކުރެވި، ކުރު މުއްދަތެއްގެ ތެރޭގައި މި ޕްލޭން ތަންފީޒުކުރުމަށް އެ ވުޒާރާއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.
މި އެކްޝަން ޕްލޭނާ ގުޅޭގޮތުން ޕީއެސްއެމް ނިއެސްގެ ރާއްޖެ މިއަދު ޕްރޮގްރާމުގައި ވާހަކަފުޅުދައްކަވަމުން، އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ވިދާޅުވީ، ނެޝަނަލް އެކްޝަން ޕެލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަން އެކުލަވާލުމުގައި އެންމެ ބޮޑު އިސްކަމެއް ދެވިފައިއޮންނާނީ ޞިއްޙީ ދާއިރާއިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ދިމާވާ ދަތިތައް ހައްލުކުރުމަށްޓަކައިކަމަށެވެ.
އެގޮތުން މި ޕްލޭންގެ ދަށުން ޞިއްޙީ ދާއިރާއިން އެފަދަ ފަރާތްތަކަށް ފޯރުކޮށްދެވިދާނެ ޚިދުމަތްތައް ހަރުދަނާކުރުމުގެ އިތުރުން އެމީހުން ޢާންމު ހާލަތައް ގެނައުމަށްޓަކައި ގިނަ މަސައްކަތްތަކެއް ކުރެވިގެންދާނެކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
"އެންމެ ފުރަތަމަ ކަމެއްގެ ގޮތުގައިވެސް މި ޕްލޭނުގަ އޮންނާނީ، ވީހާވެސް ޅަފަތުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ދެނެގަތުން. އެންމެ ފުރަތަމަ ކައިވެނިކުރާ ދުވަހުން ފެށިގެން އޭނައަށް މި ލިބޭ ކައުންސިލިންއާއި، ފެމިލީ ޕްލޭނިންގެ ތެރެއިން ކުރަންޖެހޭ ކަންކަމާއި މިއީ އަޅުގަނޑުމެން ނިޒާމެއްގެ ތެރެއިން ވަކި ގޮތަކަށް މި ކަންކުރެވިއްޖެއްޔާމު އެކަށީގެންވާ ނަތީޖާއެއްފެންނާނެ. އެހެންވީމަ މި ޕްލޭންގައި ވަރަށް ބޮޑަށް އިސްކަންދީފައިވާނެ ނުކުޅެދުންތެރިކަމުގެ ޕްރިވެންޓިވް ބަޔަށްވެސް. އަދި ޅަފަތުގައި ދޭންޖެހޭ ފަރުވާއަށްވެސް" ސްޓޭޓް މިނިސްޓަރ އަޙްމަދު ޢާޠިފް ވިދާޅުވިއެވެ.
ނެޝަނަލް އެކްޝަން ޕެލޭން އޮން ޑިސްއެބިލިޓީ އިންކްލޫޝަނަކީ އިޖްތިމާޢީ ވުޒާރާއާއި ޔުނައިޓެޑް ނޭޝަންސް ޑިވެލޮޕްމެންޓް ޕްރޮގްރާމް، ޔޫއެންޑީޕީ ގުޅިގެން އެކުލަވާލައިފައިވާ ޕްލޭނެކެވެ. މި އެކްޝަން ޕްލޭންގައި މައިގަނޑު 5 ދާއިރާއެއްގެ މައްޗަށް އުސޫލުތައް އެކުލެވިގެންވެއެވެ. އެއީ ޞިއްޙީ ދާއިރާއާއި، ތަޢުލީމީ ދާއިރާއާއި، މާލީ ދާއިރާއާއި، އިންކްލޫސެބިލިޓީގެ އިތުރުން އެކްސެސް ޓު ޖަސްޓިސް ދާއިރާއެވެ.
އިޖުތިމާޢީ ވުޒާރާއިން ވިދާޅުވީ، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތައް ބާރުވެރިކުރުމާއި މުޖްތަމަޢުގައި އެފަރާތްތަކުގެ ބައިވެރިވުން އިތުރުކުރުމަށް އެކުލަވާލައިފައިވާ ޕްލޭނުގެ ސަބަބުން ދިރިއުޅުމުގެ ހުރިހާ މައިދާނެއްގައިވެސް ނުކުޅެދުންތެރިކަން ހުންނަ ފަރާތްކަށް ކުރިމަތިވަމުންދާ ހުރަސްތައް ދެނެގަނެވިގެންދާނެކަމަށެވެ. މީގެ އިތުރުން މި ޕްލޭންގެ ސަބަބުން އެހެން ފަރާތްތަކަށް ބަރޯސާވުން ކުޑަކޮށް އަމިއްލިއަށް ދިރިއުޅުމެއް އާރާސްތުކުރުމުގެ މަގު ފަހުކޮށްދެވިގެންދާނެކަމަށްވެސް އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ފާހަގަކުރެއްވިއެވެ.