ވިޔަފާރި

ރައްޔިތުންނަށް ހެޔޮ އަގެއްގައި ތެޔޮ ލިބޭނެ ގޮތް ހަމަޖައްސަވަނީ


ރާއްޖެއަށް ސަޢޫދި ޢަރަބިއްޔާއިން ތެޔޮ އެތެރެކުރުމަށްޓަކައި ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައްވަމުން އަންނަކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވެއްޖެއެވެ.

ރާއްޖެއަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމަށް ސަރުކާރުން ބޮޑު ހޭދައެއް ކުރައްވައެވެ. އެހެންކަމުން އަހަރެއްގެ މައްޗަށް ތެލަށް ކުރައްވާ ހޭދަ ދުވަހުން ދުވަހަށް އިތުރުވަމުންދާއިރު މިކަމަށް ޙައްލެއް ގެންނެވުމަށް ސަރުކާރުން ގެންދަވަނީ ގިނަ މަސައްކަތްތަކެއް ކުރައްވަމުންނެވެ. އެގޮތުން ތަލަށް ކުރައްވާ ހޭދަ ކުޑަކުރެއްވުމަށްޓަކައި ވީހާވެސް ހެޔޮ އަގެއްގައި ތެޔޮ ރާއްޖެއަށް އެތެރެކުރައްވައި ވިއްކެވުމަށްވެސް ސަރުކާރުން ގެންދަވަނީ މަސައްކަތްކުރައްވަމުންނެވެ.

މި ހުރިހާ މަސައްކަތްތަކަކީވެސް ސީދާ ރައްޔިތުންގެ ޖީބަށްވެސް ލުއިކޮށްދީ އަދި ޤައުމުގެ އިޤްތިޞާދުވެސް ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކެކެވެ.

މީގެ ކުރިން ސަޢޫދީޢަރަބިއްޔާއިން ސާފުނުކުރާ ތެޔޮ ގަތުމަށްފަހު އެހެން ތަނަކަށް އެތެޔޮ ގެންގޮސް ސާފުކުރުމަށްފަހު ރާއްޖޭގެ ބާޒާރަށް ގެންނަގޮތަށް ވާހަކަދެކެވުނުނަމަވެސް މިހާރު މިކަންމިވަނީ ބަދަލުވެފައެވެ. ސަރުކާރުން މިހާރު މަސައްކަތްކުރައްވަމުން ގެންދަވަނީ ސީދާ ސަޢޫދީ އަރަބިއްޔާއިން ސާފުކުރި ތެޔޮ ހެޔޮ އަގެއްގައި ހޯއްދަވައި ރާއްޖެއަށް އެތެރެކުރެއްވުމަށެވެ. މިގޮތަށް ނިންމެވީ ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެޔޮ ލިބެން ހުރި އަގުތަކަށް އައި ބަދަލާ ގުޅިގެން ސަޢޫދީގައިވެސް ރައްކާކޮށްފައިވާ ތެލުގެ މިންވަރު ގިނަވުމާ ގުޅިގެން ސާފުކުރި ތެޔޮ ލިބޭއަގު ހެޔޮވުމުންކަމަށް ފިޝަރީޒް މިނިސްޓަރ ވިދާޅުވިއެވެ.

ސާފުކުރި ތެޔޮ ސަޢޫދީޢަރަބިއްޔާއިން ރާއްޖެއަށް އެތެރެކުރައްވަން ފެއްޓެވުމާއެކު މިހާރު ރާއްޖޭގައި ތެޔޮ ވިއްކަވަމުން އަންނަ އަގު ވަރަށް ބޮޑަށް ދަށްވުން އެކަށީގެންވާކަމަށް ފިޝަރީޒް މިނިސްޓަރ ޑރ. މުޙައްމަދު ޝައިނީ ވިދާޅުވިއެވެ. އަދި ރާއްޖެއަށް ތެޔޮ އެތެރެކުރުމުގައި މެދުވެރިއަކަށްވާ ކުންފުނި އެސްޓީއޯ މިކަމަށް ރަޖިސްޓްރީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ ސަޢޫދީން ރާއްޖެއަށް ތެޔޮ އެތެރެކުރައްވަން ފެއްޓެވުމުން މިހާރު ތެޔޮ ވިއްކަވާ އަގު އެއް ހަމައެއްގައި ހިފެހެއްޓޭނެކަމަށެވެ. އަދި މިކަމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށް ވަރަށްބޮޑު ފައިދާއެއްކުރާނެކަމަށެވެ. އެގޮތުން ރާއްޖެއިން ތެލަށް ކުރާ ހޭދަ ކުޑަވެގެން ދިއުމުން ޤައުމުގެ ތަރައްޤީގެ އެހެން ޕްރޮޖެކްޓްތަކަށް ހޭދަކުރުމުގެ ފުރުޞަތު ފަހިވެގެންދާނެކަމަށްވެސް މިނިސްޓަރ ޝައިނީ ވިދާޅުވިއެވެ.

ދުނިޔޭގެ ބާޒާރުގައި މިހާރު ސާފުނުކުރާ ތެޔޮފީފާއެއްގެ އަގު ހުރީ 50 ޑޮލަރާއި 60 ޑޮލަރާ ދެމެދުގައެވެ. ދުނިޔޭގެ ބާޒާރުގެ ތެލުގެ އަގުތައް ދަށްވެގެން ގޮސްފައިވާއިރު މިހާރު އަނެއްކާވެސް ތެލުގެ އަގު މަތިވަމުން އަންނަކަމަށް ޚަބަރުތައް ބުނެއެވެ.