ތިމާވެށި

ކުނި މެނޭޖްކުރުމަށް 100 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް


ކުނި މެނޭޖްކުރުމަށްޓަކައި ސަރުކާރުން ކުރައްވަމުންގެންދަވާ މަސައްކަތުގެ ދަށުން، 100 މިލިއަން ޑޮލަރުގެ ބޮޑު މަޝްރޫއެއް ފެއްޓެވުމަށް ތައްޔާރުވަމުންދާކަމަށް ފިނޭންސް މިނިސްޓަރ އަހުމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 ފައްޓަވާފައިވަނީ ދަރުބާރުގޭގައެވެ. މި މަހާސިންތާގައި ރާއްޖޭގެ އެކި ހިސާބުތަކުން 265 މީހަކު ބައިވެރިވެފައިވާއިރު، މީގެ ތެރޭގައި ރަށްރަށުގެ ކައުންސިލް މެމްބަރުންނާއި ކަމާގުޅޭ ދާއިރާތަކުގެ ބޭފުޅުންވެސް ހިމެނިވަޑައިގަންނަވައެވެ. ތިން ދުވަހަށް ކުރިޔަށްދާ މި މަހާސިންތާގައިވަނީ ކުނި މެނޭޖްކުރުމާ ބެހޭ ޕްލޭން ތައްޔާރުކުރުމަށް އެހީއެއް މި ނަމުގައި އަތްމަތީ ފޮތެއްވެސް ނެރުއްވާފައެވެ.

ސާފު ރާއްޖެ ޤައުމީ މަހާސިންތާ 2016 ހުޅުއްވައިދިނުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާ ވާހަކަފުޅުދައްކަވަމުން މިނިސްޓަރ މުނައްވަރު ވިދާޅުވީ ކުނި މެނޭޖްކުރުމުގެ މަސައްކަތަކީ ސަރުކާރުން ވަރަށްބޮޑު އިސްކަމެއްދެއްވައިގެން ކުރައްވަމުންގެންދަވާ މަސައްކަތެއް ކަމަށެވެ. މިނިސްޓަރ ވިދާޅުވީ ކުނި މެނޭޖްކުރުމަކީ އިސްކަމެއް ދެއްވައިގެން ރާއްޖޭގައި ކުރަންޖެހިފައިވާ ކަމެއްކަމަށާއި، ކުނި މެނޭޖްކުރެއްވުމަށްޓަކައި ޚާއްސަ އިސްކަމެއް ދެއްވައިގެން ބަޖެޓެއް އެކުލަވާލައްވާނެ ކަމަށެވެ. ކުނި މެނޭޖްކުރެއްވުމަށް ހިންގެވުމަށް އިއުލާންކުރެއްވި 100 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓަށް އަލިއަޅުއްވާލައްވަމުން މިނިސްޓަރ ވިދާޅުވީ، މި ޕްރޮޖެކްޓްގެ ދަށުން ތިލަފުށީގެ މައްސަލައަށް 2018 ވަނަ އަހަރުގެ ކުރިން ޙައްލެއް ގެނެވޭނެ ކަމުގެ ޔަގީންކަން އެބައޮތްކަމަށެވެ.

މާލެ ސަރަޙައްދުގެ ކުނި މެނޭޖްކުރެއްވުމަށް 100 މިލިއަން ޑޮލަރުގެ މަޝްރޫޢު ހިންގެވުމަށް ފަންޑު ހޯއްދަވާނީ އޭޑީބީ އޭ.އައި.އައި.ބީ އަދި ވޯލްޑް ބޭންކުން ކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އަދި މި ޕްރޮޖެކްޓް އަންނަ އަހަރު ތެރޭގައި ފައްޓަވާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ. މީގެ އިތުރުން އަންނަ އަހަރުގެ ބަޖެޓުގައި ކުނި މެނޭޖްކުރުމަށްޓަކައި ސަރުކާރުން ކުރައްވާ އެކި މަޝްރޫޢުތަކަށް 370 މިލިއަން ރުފިޔާ ހިމަނުއްވާނެކަންވެސް ވަނީ އިޢުލާންކުރައްވާފައެވެ.