ޚަބަރު

އިދިކޮޅު ޕާޓީތަކުގެ ހަރަކާތްތަކާއި ޢަމަލުތައް މިހާރަށްވުރެ ޒިންމާދާރުވާންޖެހޭ: މެންބަރު ޒަރީރު


  • ޕާޓީތަކުގެ ޢަމަލުތައް ޒިންމާދާރުކަން ކުޑަވާގޮތަށް ބަހައްޓާނަމަ ޤައުމަށް ގެއްލުން ލިބޭ

  • ހުރިހާ ޤައުމަކާއެކުވެސް ރާއްޖެއިން ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިންމުކަމެއް

އިދިކޮޅު ޕާޓީތަކާއި ވެރިންގެ ހަރަކާތްތަކާއި ޢަމަލުތައް މިހާރަށްވުރެ ޒިންމާދާރުވާންޖެހޭކަމަށް ރައްޔިތުންގެ މަޖިލީހުގެ މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވެއްޖެއެވެ.

ޕީއެސްއެމް ނިއުސްގެ "ބާބު" ޕްރޮގުރާމްގައި ވާހަކަދައްކަވަމުން މަތިވެރި ދާއިރާގެ މެންބަރު ޙަސަން ޒަރީރު ވިދާޅުވީ ސިޔާސީ ގޮތުން މަސައްކަތްކުރާއިރު، އިދިކޮޅު ފަރާތްތައް ޒިންމާދާރުކަން ކުޑަވާ ގޮތަށް ޢަމަލުތައް ބެހެއްޓުމަކީ އޭގެ ސަބަބުން ޤައުމަށް ބޮޑު ގެއްލުންތަކެއް ލިބިދާނެ ކަމެއް ކަމަށެވެ. އަދި ޤައުމުގެ އިޤުތިޞާދަށް ދިމާވެފައިވާ ދަތިތަކުން އަރައިގަތުމަށް އަދުގެ ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރައްވާއިރު، ޤައުމަށް ގެއްލުން ލިބޭ ފަދަ ޢަމަލުތަކުން ދުރުވުމަކީ މުހިންމުކަމެއްކަމަށް ޒަރީރު ވިދާޅުވިއެވެ. ކަން މިހެން އޮތްއިރު، ބައެއް ސިޔާސީ ލީޑަރުންނާއި ސިޔާސީ ޕާޓީތަކުން ޒިންމާދާރުކަން ކުޑަ ޢަމަލުތައް ފެންނަމުންދާކަމަށް ޒަރީރު ވިދާޅުވިއެވެ.

މެންބަރުން މިފަދައިން ވިދާޅުވެފައިމިވަނީ، ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އާއިލާގެ އަބުރަށް އަރައިގަނެ ބައެއް ސިޔާސީ ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ.

ރައްޔިތުންގެ މަޖިލީހުގެ ޚާރިޖީ ގުޅުންތަކާ ބެހޭ ކޮމިޓީގެ މުޤައްރިރުކަންވެސް ކުރައްވަމުން ގެންދަވާ ޙަސަން ޒަރީރު ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގެންގުޅުއްވަނީ ވަރަށް ހަރުދަނާ ޚާރިޖީ ސިޔާސަތެއް ކަމަށެވެ. އެ ގޮތުން ރައީސް މުޢިއްޒަކީ ކޮންމެ ޤައުމަކާވެސް އެއްހަމަ ގުޅުމެއް ބޭއްވުމުގެ ސިޔާސަތެއް ގެންގުޅުއްވަމުން އަންނަ ވެރިއެއްކަމަށް ޒަރީރު ވިދާޅުވިއެވެ. އަދި ރާއްޖޭގައި ދިމިޤުރާތީ އިންތިޚާބެއް ފަހުން މިފަދަ ސިޔާސަތެއް ފެނުނީ ރައީސް މުޢިއްޒުގެ ކިބައިން އެކަނިކަން ޒަރީރު ފާހަގަކުރެއްވިއެވެ.

"އަޅުގަނޑުމެންނަށް ފެނިގެންގޮއްސި ރައީސް ޔާމީނުގެ ވެރިކަންވެސް. ރައީސް ޔާމީނުގެ ވެރިކަމުގައި ފެނުނީ ސީނުކަރައާ ބޮޑަށް ގުޅުން ބަދަހިވެގެން ދިޔަތަން. ރައީސް ޞާލިހުގެ ވެރިކަމުގައި ފެނުނީ އިންޑިޔާއާ ވަރަށް ބޮޑަށް ގުޅުން ބަދަހިވެގެންދިޔަތަން. މި ދެ ޤައުމާ އެއްވަރަކަށް ގުޅުން ބާއްވަން އެނގިވަޑައިގަތީ ރައީސް މުޢިއްޒަށް އެކަނި." ޒަރީރު ވިދާޅުވިއެވެ.

ޒަރީރު ވިދާޅުވީ ހުރިހާ ޤައުމަކާއެކުވެސް ރާއްޖެއިން ގުޅުން ބަދަހިކުރުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. މީގެ އިތުރުން ޒަރީރުގެ ވާހަކަފުޅުގައި ސަފީރުން އައްޔަންކުރެއްވުމާ ބެހޭގޮތުންވެސް ވާހަކަދެއްކެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު އަބަދުވެސް ވިދާޅުވަމުން ގެންދަވާ އެއް ވާހަކައަކީ ދިވެހިންގެ މިނިވަންކަމާއި ސިޔާދަތަށް އިޙްތިރާމްކުރާ ކޮންމެ ޤައުމަކާއެކުވެސް ގުޅުން ބާއްވާނެކަންކަމެވެ. އެކަން އެމަނިކުފާނު ދަނީ މިހާރު ސާބިތުކޮށްދެއްވަމުންނެވެ.