ވިޔަފާރި

މުސްލިމް ފަތުރުވެރިންގެ އެންމެ މަޤްބޫލް މަންޒިލްތަކުގެތެރޭ ރާއްޖެ


މުސްލިމް ފަތުރުވެރިންގެ މެދުގައި އެންމެ މަޤްބޫލް މަންޒިލްތަކުގެ ތެރޭގައި ރާއްޖެ ހިމެނޭކަމަށް ގްލޯބަލް މުސްލިމް ޓްރެވަލް އިންޑެކްސް ރިޕޯޓުން ދައްކައިފިއެވެ.

އެ ރިޕޯޓުގައިވާ ގޮތުން އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީގެ ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް މުސްލިމުން ޗުއްޓީ ހޭދަކުރާ 20 ޤައުމުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.

މާސްޓަރ ކަރޑް- ކްރެސެންޓް ރޭޓިންގ، ގްލޯބަލް މުސްލިމް ޓްރެވަލް އިންޑެކްސް ރިޕޯޓުން ރާއްޖެއަށް ލިބިފައިވަނީ 61.8 މަރކްސްގެ ސްކޯރއެކެވެ. ޤައުމުތަކަށް ސްކޯރ ދިނުމުގައި ބަލާފައިވާ ކަންތައްތަކުގެ ތެރޭގައި، ޤައުމުގެ އަމާންކަމާއި ރައްކާތެރިކަން ހުރި މިންވަރާއި، ނަމާދުކުރާނެ ތަނެއް ހޯދުމުގައި ހުރި ފައްސޭހަތަކާއި، އެޤައުމެއްގެ އެއަރޕޯޓުން ލިބެންހުރި ޚިދުމަތްތަކުގެ އިތުރުން މުސްލިމު ފަތުރުވެރިން އެ ޤައުމަކަށް ދަތުރުކުރާ މިންވަރު ފަދަ ކަންތައްތައް ހިމެނެއެވެ.

މުސްލިމް ފަތުރުވެރިން ޢާއްމުގޮތެއްގައި ޗުއްޓީހޭދަކުރުމަށް ތަންތަނަށް ދަނީ ޢާއިލާގެ މެންބަރުން އެކުގައެވެ. އަދި ޗުއްޓީގައި ހޭދަކުރާ މުއްދަތުވެސް ދިގުވުމުން، މުސްލިމު ފަތުރުވެރިންގެ މަރކެޓަކީ ވަރަށް ފައިދާހުރި މާރކެޓެއް ކަމަށް އެ ރިޕޯޓު އެކުލަވާލި ފަރާތުން ފާހަގަކޮށްފައިވެއެވެ.

އޮގަނައިޒޭޝަން އޮފް އިސްލާމިކް ކޯރޕަރޭޝަން، އޯ.އައި.ސީގެ މެންބަރު ނޫން ޤައުމުތަކުގެ ތެރެއިން އެންމެ ގިނަ ޢަދަދަކަށް ފަތުރުވެރިން ޒިޔާރަތްކުރާ ޤައުމުތަކުގެ ތެރޭގައި،  ސިންގަޕޫރު، ތައިލެންޑް، އިނގިރޭސިވިލާތް،  ސައުތު އެފްރިކާ ހިމެނެއެވެ. ގްލޯބަލް މުސްލިމް ޓްރެވަލް އިންޑެކްސްގައި ހިމަނާފައިވަނީ 136 ޤައުމެވެ.

މެދުއިރުމަތީގެ ޤައުމުތަކުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ ޢަދަދު އަންނަނީ އިތުރުވަމުންނެވެ. ރާއްޖޭގެ ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބްތައް ދައްކާގޮތުން، މިއަހަރުގެ މެއި މަހުގެ ނިޔަލަށް މެދުއިރުމަތިން ރާއްޖެއަށް އައި ފަތުރުވެރިންގެ ޢަދަދު ވަނީ 20،000 އަށް އަރާފައެވެ. މިއީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު، 22 އިންސައްތަ އިތުރު ޢަދަދެކެވެ.