ޚަބަރު

ސީނިއަރ ޓީމުގެ މައްސަލައިގެ ހައްލަކީ 23 އަހަރުން ދަށުގެ ޓީމުގެ ފަރިތަކުރުންތައް ފެށުން: ސާޖިދު


ވޮލީބޯޅައިގައި ރާއްޖޭގެ ސީނިއަރ ގައުމީ ޓީމަށް ދިމާވެފައި އޮތް މައްސަލައަށް ލިބޭ އެންމެ ބޮޑު ހައްލަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމެއް އެކުލަވާލައި، ފަރިތަކުރުންތައް ފެށިގެންދިޔުން ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) ގެ ސީނިއަރ ނައިބު ރައީސް މުހައްމަދު ސާޖިދު (ކާއްޓޭ) ބުނެފިއެވެ.

23 އަހަރުން ދަށުގެ ގައުމީ ޓީމު އެކުލަވާލުމަށް އިއްޔެ ފެށި ޕްރޮގްރާމާ ގުޅޭ މައުލޫމާތު ހިއްސާކުރުމަށް ޒުވާނުންގެ މަރުކަޒުގައި ވީއޭއެމް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ސާޖިދު ވިދާޅުވީ އިއްޔެ ހަގީގަތަކަށް ވެގެން މިދިޔައީ ވޮލީގެ މުޅި އާއިލާއިން އެންމެ ބޭނުންވި އަދި އެންމެ އުންމީދު ކުރަމުން އައި އެއް ދުވަސްކަމަށެވެ.

ސާޖިދު މިހެން ބުނީ ބައިނަލްއަގްވާމީ ދެ މުބާރާތުން ރާއްޖެއަށް މެޑަލް ހޯދުމުގެ އަމާޒުގައި 23 އަހަރުން ދަށުގެ ގައުމީ ޓީމުތައް އެކުލަވާލުމަށް އިއްޔެ ޒުވާނުންގެ މަރުކަޒުގައި ފެށިގެން ދިޔަ ޓްރައިއައުޓްސް ތަކަށް އިޝާރާތްކުރަމުންނެވެ.

"ދިވެހިރާއްޖޭގެ މުސްތަގުބަލުވެސް މިހާރު މި ބައްޓަން ކުރެވެނީ. ސީނިއާ ފިރިހެން ޓީމަކީ ދިވެހި ރާއްޖޭގެ މުސްތަގުބަލަށް ބަލައިގެން ހުރިހާކަމެއްވެސް ޓާގެޓް ކޮށްފައި މިއޮތީ، ހަގީގަގުތގައި ދިވެހި ސަރުކާރުގެވެސް ވަރަށް ބޮޑު އުންމީދެއް އައިއައިޖީގައި ރާއްޖޭއަށް މެޑަލްއެއް ލިބުން" ސާޖިދު ބުންޏެވެ.

23 އަހަރުން ދަށުގެ ގައުމީ ޓީމު އެކުލަވާލުމަށް ރާއްޖެ ގެނެސްފައިވަނީ ސަރަހައްދީ ތަޖުރިބާ ބޮޑު އަދި ކާމިޔާބީތައް ހޯދާފައިވާ އިރާނުގެ ކޯޗު އަލީ ޕޯރްއެވެ. އަލި ޕޯރްގެ ޓީމުގައި މަސައްކަތް ކުރުމުގެ ފުރުސަތު ލިބިފައިވާ އެއް ކޯޗު ސާޖިދު ބުނީ، މިއަދާ ހަމައަށް ސެންޓްރަލް އޭޝިއާ ވޮލީބޯލް (ކާވާ)ގެ ރައީސް އަދި ވީއޭއެމްގެ ރައީސް އެކި ގައުމުތަކާއި ގުޅިގެން ކުރި މަސައްކަތުން މި ލިބުނީ މި ސަރަހައްދުގައި މީގެ ދެތިން އަހަރު ކުރިން ހަމަ އެންމެ ބޮޑެތި ކާމިޔާތައް ހޯދަފައި ހުރި އެއް ކޯޗު ކަމަށެވެ.

"އެއީ ހަގީގަތުގައި ސެންޓްރަލް ޒޯނުގައި ބަނގްލަދޭޝް ގެނައި އެންމެ ބޮޑު ޗޭންޖެއް ގެނައީ މި ކޯޗު ހުރެގެން، އެގޮތަށް ބަލާއިރުގަ އަޅުގަނޑުމެންވެސް ބޭނުންވެގެން މިއުޅެނީ ރާއްޖެއަށް އެ ޖޭންޗް ގެންނަށް" ސާޖިދު ބުންޏެވެ.

އެހެންކަމުން އެބަދަލު ގެނެވޭނެ ފަދަ ކޯޗަކަށް އަޅުގަނޑުމެން އިންތިޒާރުކޮށްގެން ތިއްބާ ވިއޭއެމްގެ ރައީސް ލަތީފްގެ ވަރަށް ބުރަމަސައްކަތުން މި ކޯޗު ގެނެވޭނެ ގޮތް ހަމަޖައްސައިދެއްވުމުން ވަރަށް ބޮޑަށް ވީއޭއެމްގެ އެކްސްކޯއާއި ރައީސްއަށް ޝުކުރު އަދާ ކުރާ ކަމަށް ސާޖިދު ބުންޏެވެ.

ސާޖިދަކީ 23 އަހަރުން ދަށުގެ ގައުމީ ޓީމާއެކު އިރާންގެ ކޯޗު އަލީ ޕޯރްގެ ދަށުން އެންމެ އިސްކޮށް މަސައްކަތް ކުރުމަށް ހަމަޖައްސާފައިވާ އެއް ކޯޗެވެ.