ޚަބަރު

ވިއްސާރައިގައި ގެއްލުމެއް ލިބުނުކަމުގެ މަޢުލޫމާތު ލިބިފައެއް ނުވޭ


މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރައާ ގުޅިގެން ޢާއްމުންނަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރަށް ލިބިވަޑައިގެންފައިނުވާ ކަމަށް އެ ސެންޓަރުން ވިދާޅުވެއްޖެއެވެ.

އެ ސެންޓަރުން ވިދާޅުވީ ވިއްސާރައާ ގުޅިގެން މީޓިއޮރޮލޮޖިކަލް ސެންޓަރުން އެލާރޓް ނެރުއްވާފައިވާ އަތޮޅުތަކުގެ އަތޮޅު ކައުންސިލުތައް މެދުވެރިކުރައްވައި، އެސެންޓަރުން ރައްޔިތުންގެ ޙާލު ބައްލަވާފައިވާ ކަމަށާއި، ވައި ބާރުވުމާ ގުޅިގެން ޢާއްމުންނަށް އެއްވެސް ގެއްލުމެއް ލިބިފައިވާކަމުގެ ރިޕޯޓެއް ލިބިވަޑައިގެންފައިނުވާ ކަމަށެވެ.

މިރޭގެ ކުރިއަށް އޮތް ވަގުތުތަކަކީވެސް މޫސުން ގޯސްވުމުގެ ސަބަބުން ވައި ބާރުވާނެ ވަގުތުތަކެއް ކަމަށް މެޓް އޮފީހުން ލަފާކުރައްވާތީ، ކަނޑުދަތުރުކުރާ ފަރާތްތަކުން ސަމާލުވުމަށް އެ ސެންޓަރުން އިލްތިމާސް ކުރައްވައެވެ.

އެގޮތުން ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް މިވަގުތު ނުކުރުމަށާއި، އުޅަނދަށް އެކަށީގެންވާ މިންވަރަށްވުރެ އިތުރަށް މުދާ އަދި މީހުން ނޭރުވުން އަދި ދަތުރުކުރާއިރު މުވާޞަލާތީ ހުރިހާ ވަޞީލަތްތަކެއް ހަމަކޮށްގެން ދަތުރުކުރުމަށާއިި އުޅަނދުގެ ސަލާމަތީ ކަންކަން ކަށަވަރުނުކޮށް ދަތުރު ނުކުރުމަށް އެސެންޓަރުން އިލްތިމާސްކުރައްވައެވެ. މީގެ އިތުރުން ދަތުރުކުރާއިރު މޫސުމީ އިދާރާއިން، މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯސްގެ ކޯސްޓްގާރޑް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރުން ހިއްސާކުރާ މަޢުލޫމާތުތަކަށް ބަލައިގެން ދަތުރު ކުރުމަށް އެސެންޓަރުން އިލްތިމާސްކުރައްވައެވެ.