ފާރުގަނޑުތަކަށް ޚާއްސަ ފަރުވާދިނުމަށް އެޑްވާންސްޑް ވުންޑް ކެއަރ ކްލިނިކެއް ހުޅުމާލޭ ހޮސްޕިޓަލުގައި ހުޅުވައިފިއެވެ.
މި ކްލިނިކް އިފްތިތާހުކޮށްދެއްވީ ހުޅުމާލެ ހޮސްޕިޓަލުގައި ބޭއްވި ރަސްމިއްޔާތެއްގައި މާލެސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމްއެވެ.
މި ރަސްމިއްޔާތުގައި މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ހަލީމް ވިދާޅުވީ މިފަދަ ކްލިނިކެއް ހުޅުމާލެފަދަ އިތުރުވަމުންދާ އާބާދީއެއް ހިމެނޭ ސަރަޙައްދެއްގައި ހުޅުވިގެން ދިއުމަކީ ލިބިގެންދިޔަ ކުރިއެރުމެއްކަމަށެވެ.
ހުޅުމާލެ ހޮސްޕިޓަލުން މިހާރުވެސް ފާރުގަނޑުތަކަށް ފަރުވާ ދިނުމުގެ މަސައްކަތް ކުރަމުންދާކަމަށާއި، އެގޮތުން މިއަހަރުގެ މިހާތަނަށް އެކަނިވެސް 5000އަށްވުރެ ގިނަ މީހަކަށް ފަރުވާދީފައިވާކަން ސީއީއޯ ފާހަގަކުރެއްވިއެވެ.
ޒަމާނީ ވަސީލަތްތަކާއެކު، ހުޅުމާލެ ހޮސްިޓަލުގައި ހުޅުވުނު މިކްލިނިކްގެ ކަންކަން ބަލަހައްޓައި ހިންގާނީ ވަކިގޮތަކަށް މެނޭޖްކުރެވިގެންކަމަށްވެސް ސީއީއޯ އިބްރާހިމް އަބްދުއްރައްޒާގު ޙަލީމް ވިދާޅުވިއެވެ.
މިކްލިނިކް ހުޅުވުމުގެ ރަސްމިއްޔާތަށްފަހު މީޑިއާއަށް މައުލޫމާތު ދެއްވަމުން އައިޖީއެމްއެޗްގެ ކޮންސަލްޓަންޓް ސަބް ސުޕެޝަލިސްޓް އިން ޕްލާސްޓިކް ސަރޖަރީ ޑރ. މުޙައްމަދު ވަހީދު ވިދާޅުވީ މީގެ ކުރިން ހުޅުމާލޭގައި ދިރިއުޅޭ ގިނަ ބަޔަކު ފަރުވާ ހޯދުމަށް ދާންޖެހެނީ މާލެއަށްކަމަށާއި، ހުޅުމާލޭގައި މި ކްލިނިކް ހުޅުވިގެން ދިއުމުން އޭގެ ފަސޭހަކަން އެތައްބަޔަކަށް ލިބިގެންދާނެކަމަށެވެ.
"ފައި ތަނެއްގަ ގިނަދުވަހު ފާރުކޮޅެއް ޖަހާފަ ހުންނަ ބޭފުޅަކު ފަރުވާ ހޯދަން ދާންމިޖެހެނީ ވަރަށް ދުރަށް. އައިޖީއެމްއެޗުން ހަފްތާއަކު ދެ ފަހަރު ވުންޑް ކެއާ ކްލިނިކްގެ ހިދުމަތް މި ހޯދަނީ. މި ކްލިނިކް ހުޅުމާލޭ ހޮސްޕިޓަލްގަ ފެށުމުން އެބޭފުޅުންނަށް ވަރަށް ބޮޑު ފަސޭހައެއް ލިބިގެން ދާނެ" ޑރ. މުޙައްމަދު ވަހީދު ވިދާޅުވިއެވެ.
ގިނަދުވަސްވީ ފާރުތަކަށް ފަރުވާ ހޯދާ މީހުންގެ ތެރޭގައި ހަކުރު ބަލި ހުންނަ މީހުންގެ ތެރެއިން ފާރުކޮޅެއް ހުރެއްޖެނަމަ ގިނަ ދުވަހުން ރަނަގަޅުވާ މީހުންނާއި، ބޮޑެތި އެކްސިޑެންޓުތަކުގެ ސަބަބުން ލިބޭ އަނިޔާތަކުގައި ގިނަ ދުވަސްވަންދެން ފަރުވާދޭންޖެހޭ މީހުން ހިމެނެއެވެ. އަދި އެނދުމަތިވެ ގިނަ ދުވަސްވެފައިވާ މީހުންނަށްވެސް ބައެއް ހާލަތްތަކުގައި ފާރަށް ފަރުވާ ދޭންޖެހެއެވެ.
މީގެ ކުރިން ހުޅުމާލެ ހޮސްޕިޓަލުގައި ފާރުތަކަށް ފަރުވާ ހޯދުމަށް ބަލިމީހާ ދައްކަން ބޭނުންވާ ކޮންމެ ފަހަރަކު އެޕޮއިންޓްމެންޓް ހައްދަން ޖެހުނު ނަމަވެސް އެޑްވާންސްޑް ވޫންޑް ކެއާ ކްލިނިކް ހުޅުވުމުން ބަލިމީހާ ކްލިނިކުގައި ރަޖިސްޓްރީކުރެވި އެކްލިނިކުން ބަލިމީހާއަށް ދޭނެ ފަރުވާ އާއި ބަލާނެ ދުވަސްވެސް ކްލިނިކުން ހަމަޖައްސާނެއެވެ.
ހުޅުމާލޭ ހޮސްޕިޓަލުން ވަނީ މިއަހަރުގެ މިހާތަނަށް ޖުމްލަ 5،076 މީހެއްގެ ފާރުގަނޑުތަކަށް ފަރުވާ ދީފައެވެ.