ޚަބަރު

ރާއްޖޭގެ އިމްޕޯޓް އެކްސްޕޯޓް ޑިޖިޓަލް ޕްލެޓްފޯމް "ޓްރޭޑިއަން" ބޭނުން ކުރަން ފަށަނީ


  • ޓްރޭޑިއަން ޕްލެޓްފޯމަށް ކަސްޓަމްސް އާއި އެމްޕީއެލްގެ ޚިދުމަތްތައް ބަދަލުކުރާނެ

  • އެމްޕީއެލްއިން އަންނަ ޖޫން މަހާ ހަމައަށް ޚިދުމަތް ދޭނީ މިހާރުވެސް ދޭގޮތަށް

ރާއްޖެއަށް މުދާ އިމްޕޯޓްކޮށް އެކްސްޕޯޓް ކުރާ ފަރާތްތަކަށް ފަސޭހަކަމާއެކު، އެއް ޕްލެޓްފޯމަކުން މުހިންމު ޚިދުމަތްތައް ހޯދޭގޮތަށް ފަރުމާކޮށްފައިވާ ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" އަންނަ އާދިއްތަ ދުވަހު ބޭނުން ކުރަން ނިންމައިފިއެވެ.

ނެޝަނަލް ސިންގަލް ވިންޑޯ "ޓްރޭޑިއަން" ޕްލެޓްފޯމަކީ ދިވެހި ވިޔަފާރިވެރިންނަށް ލުއި ގޮތްތަކެއް މަގުފަހިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު ގެންގުޅުއްވާ ތަޞައްވުރުގެ ދަށުން، ފަރުމާކޮށްފައިވާ ޕްލެޓްފޯމެކެވެ. މިއީ އިމްޕޯޓް، އެކްސްޕޯޓް ވިޔަފާރީގެ ބޭނުންތަކަށް އެކި އިދާރާތަކުން ހޯދަމުން އައި ޚިދުމަތްތައް، އޮންލައިންކޮށް އެއް ޕްލެޓްފޯމެއްގެ ތެރެއިން ހޯދޭނެގޮތަށް ފަރުމާކޮށްފައިވާ ޕްލެޓްފޯމެއް ކަމަށް ސަރުކާރުން ވިދާޅުވެއެވެ.

މޯލްޑިވްސް ޕޯޓްސް ލިމިޓެޑް، އެމްޕީއެލްއިން ވިދާޅުވީ މިދިޔަ ފެބްރުއަރީ މަހުގެ 2 ވަނަ ދުވަހު ބޭއްވި ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމުގައި ނިންމެވުމާ އެއްގޮތަށް، އިމްޕޯޓް އެކްސްޕޯޓާއި ގުޅުންހުރި އިދާރާތައް އެއް ވިއުގައަކުން ގުޅާލުމަށް އުފައްދާފައިވާ ޓްރޭޑިއަން ޕްލެޓްފޯމް އަންނަ އާދީއްތަ ދުވަހު ބޭނުން ކުރަން ފަށަން ނިންމާފައިވާ ކަމަށެވެ. މިއާއެކު އެއިދާރާއިން ފޯރުކޮށްދެމުންދާ ބައެއް ޚިދުމަތްތައް އެ ޕްލެޓްފޯމަށް ބަދަލުކުރެވޭނެ ކަމަށް އެމްޕީއެލްއިން ވިދާޅުވިއެވެ. އަދި ޖޫން މަހުގެ 1 ވަނަ ދުވަހުން ފެށިގެން އެޚިދުމަތްތައް ފޯރުކޮށްދޭނީ ހަމައެކަނި އެޕްލެޓްފޯމް މެދުވެރިކޮށް ކަމަށް އެމްޕީއެލްއިން ވިދާޅުވެއެވެ.

އެމްޕީއެލްއިން ޓްރޭޑިއަން މެދުވެރިކޮށް ދޭ ޚިދުމަތްތައް

* ފޮރިން ވެސަލް ރަޖިސްޓްރީކުރުން
* ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން
* ސީ ކާގޯ އިމްޕޯޓް މެނިފެސްޓް ހުށަހެޅުން

އެމްޕީއެލްގެ އިތުރުން މޯލްޑިވްސް ކަސްޓަމްސް ސަރވިސްގެ ޚިދުމަތްތައްވެސް އަންނަ އާދިއްތަ ދުވަހުން ފެށިގެން ދޭނީ "ޓްރޭޑިއަން" ޕްލެޓްފޯމް މެދުވެރިކޮށް ކަމަށް ކަސްޓަމްސްއިންވެސްވަނީ ވިދާޅުވެފައެވެ. އަދި އަންނަ ޖޫން މަހުގެ 1 ވަނަ ދުވަހާއި ހަމައަށް ޓްރޭޑިއަންގައި ރަޖިސްޓްރީ ނުވާ ފަރާތްތަކަށް ކާގޯ މެނިފެސްޓް ހުށަހެޅުމާއި ވެސަލް އެރައިވަލް އިންފޮމޭޝަން ކަސްޓަމްސް އަށް ހުށަހެޅުމުގެ ޚިދުމަތެއް މިހާރެކޭ އެއްގޮތަށް ލިބޭނެކަމަށް ކަސްޓަމްސްއިން ވިދާޅުވެއެވެ.

ކަސްޓަމްސްއިން ޓްރޭޑިއަން މެދުވެރިކޮށް ދޭ ޚިދުމަތްތައް

* ޝިޕިންގ އޭޖެންޓުން ރަޖިސްޓްރީކުރުން
* ފޮރިން ގޮއިން ވެސަލް ރަޖިސްޓްރީކުރުން
* ފްރައިޓް ފޯވާޑަރުން ރަޖިސްޓްރީކުރުން
* ވެސަލް އެރައިވަލް އިންފޮމޭޝަން ހުށަހެޅުން
* ސީ ކާގޯ މެނިފެސްޓް ހުށަހެޅުން

ޓްރޭޑިއަން ފަރުމާކޮށްފައިވަނީ އިޤްތިޞާދީ ދާއިރާގެ ފަރާތްތަކާއި ރާއްޖޭގެ ވިޔަފާރިވެރިންގެ ޚިޔާލާއި މަޝްވަރާ ހޯދައިގެންނެވެ. މިކަމާއި ގުޅޭ ގިނަ ބައްދަލުވުންތަކެއް ޓްރޭޑް ނެޓްގެ ފަރާތުން ވަނީ ބާއްވާފައެވެ. މި ޕްލެޓްފޯމް ރަސްމީކޮށް އިފްތިތާޙްކޮށްފައިވަނީ މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުއެވެ.