ޚަބަރު

ރައީސްގެ ދަރިކަލުންގެ ހައްޤުތަކަށް އަރައިގަތް މައްސަލަ ސިވިލް ކޯޓާއި، ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްފި


  • ދައުވާކޮށްފައި ވަނީ މަރިޔަމް ޒުބައިރާއި އެމްޑީޕީ އަދި ފައްޔާޒުގެ މައްޗަށް

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ފިރިހެން ދަރިކަލުންގެ ހައްޤުތަކަށް އަރައިގަތް މައްސަލަ ސިވިލް ކޯޓާއި، ފެމިލީ ކޯޓުގައި ރަޖިސްޓްރީކޮށްފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދަރިކަލުންގެ ކަރާމާތަށް އަރައިގަނެ، ދޮގު ވާހަކަތަކެއް ފަތުރާފައިވާކަމަށް ތުހުމަތުކޮށްފައިވަނީ ގަލޮޅު ދެކުނު ދާއިރާގެ މެމްބަރު މީކާއިލް އަހުމަދު ނަސީމްގެ މަންމާފުޅު، އަދި އެމްޑީޕީގެ އިސް އެކްޓިވިސްޓެއްކަމަށްވާ މަރިޔަމް ޒުބައިރު، މަންދީއަށެވެ. އޭނާގެ އިތުރުން އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލާ ދެކޮޅަށްވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދުގެ ފަރާތްޕުޅުން ވަނީ މައްސަލަ ހުށަހަޅުއްވާފައެވެ.

މި މައްސަލައާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އާއިލާ ތަމްސީލުކުރައްވާ ޤާނޫނީ ވަކީލުންގެ ފަރާތުން ނެރުއްވި ބަޔާނުގައި ވިދާޅުވީ، ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން، ފާއިތުވި މާރޗްމަހުގެ ތެރޭގައި މާލޭގައި ބާއްވަމުންގެންދިޔަ ސިލްސިލާ މުޒާހަރާތަކުގެ ތެރޭގައި، އެޕާޓީގެ އެކްޓިވިސްޓެއް ކަމުގައިވާ މަރިޔަމް ޒުބައިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުންނަށް ނިސްބަތްކޮށް ދައްކާފައިވާ ވާހަކަތަކުގެ ސަބަބުން، ދަރިކަލުންގެ ނަފްސަށާއި ފުރާނައަށް ނުރައްކާވާނޭ ޙާލަތެއް މެދުވެރިކުރުވައި، އެކުއްޖާގެ ކިޔެވުމާއި މުސްތަޤުބަލަށް ބޮޑެތި ގެއްލުންތަކެއް ކުރިމަތިވާނޭ ޙާލަތެއް މެދުވެރިކުރުވި ކަމަށެވެ. އެހެންވެ އެކުއްޖާގެ މަންމަ އަދި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖީދާ މުޙައްމަދުގެ ފަރާތްޕުޅުން ދެ ކޯޓަކަށް މައްސަލަ ހުށަހަޅުއްވާފައިވާ ކަމަށާއި އެ މައްސަލަތައްވެސް ކޯޓުގައި ރަޖިސްޓްރީކޮށްފައިވާކަމަށް ބަޔާނުގައިވެއެވެ.

އެ ބަޔާނުގައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ފަރާތްޕުޅުން ސިވިލް ކޯޓަށް ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީން ކަށަވަރުކޮށްދީފައިވާ ނަމާއި އަބުރު ރައްކާތެރިކުރެވިފައިއޮތުމުގެ ޙައްޤު ނިގުޅައިގެންފައިވާ މައްސަލައެކެވެ. މި މައްސަލައިގައި ދައުވާކޮށްފައިވަނީ މަރިޔަމް ޒުބައިރާއި އެމްޑީޕީ އަދި އެ ޕާޓީގެ ޗެއަރޕަރސަން އަލްއުސްތާޛު ފައްޔާޒު އިސްމާޢީލްގެ މައްޗަށެވެ.

ފެމިލީ ކޯޓަށް ހުށަހަޅުއްވާފައިވަނީ ޤާނޫނުއަސާސީއާއި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކަމުގެ ޤާނޫނު އަދި ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކޮށްދިނުމާބެހޭ ބައިނަލްއަޤްވާމީ މުޢާހަދާއިން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަން ނިގުޅައިގެންފައިވާ މައްސަލައެކެވެ. މި މައްސަލައިގައިވެސް ދައުވާ އުފުލާފައިވަނީ މަރިޔަމް ޒުބައިރާ އެމްޑީޕީ އަދި ފައްޔާޒުގެ މައްޗަށެވެ.

މި މައްސަލަތައް ހުށައަޅާފައި މިވަނީ، ޤާނޫނުއަސާސީއާއި ޤާނޫނުތަކުން ކުޑަކުދިންނަށް ކަށަވަރުކޮށްދީފައިވާ ކަރާމާތާއި ރައްކާތެރިކަމުގެ ޙައްޤު ސިޔާސީ ދެކޮޅުވެރިކަމާއި ވާދަވެރިކަމުގެ ތެރެއިންވިޔަސް، ނިގުޅައި ނުގަނެވޭނޭކަން ކަށަވަރުކޮށް، އެކުދިންގެ ތަޢުލީމާއި މުސްތަޤްބަލު އަދި ނަފްސު، ގަނާ ކުރުމާއި ފުރައްސާރަކުރުމާއި އަދި ނުރައްކަލުގެ ތެރެއަށް ހުށަހެޅުމަށްކުރެވޭ މަސައްކަތްތަކުން ސަލާމަތްކޮށް ރައްކާތެރިކަން ކަށަވަރުކުރުމުގެ މަގުސަދުގައިކަމަށް ޤާނޫނީ ވަކީލުން ނެރުއްވި ބަޔާނުގައިވެއެވެ.

އެ ބަޔާނުގައި ވިދާޅުވެފައިވާގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ފަރާތްޕުޅުން އެ މައްސަލަ ހުށަހަޅުއްވާފައިވަނީ އެކަމަނާގެ ބޭފުޅުންނަށް ރައްކާތެރިކަން ހޯދުމަށް މަންމައެއްގެ ހައިސިއްޔަތުންނާއި މާދަމާ އެ މަޤާމުތަކުގައި ތިބެދާނޭ އެހެންކުދިންނަށް ރައްކާތެރިކަން ޔަޤީންވެފައި އޮތުމަކީ، ކޮންމެހެން ބޭނުންކަމެއްކަމުގައި ދެކެވަޑައިގަންނަވާތީ ކަމަށެވެ.