ތަޢުލީމު

ތަޢުލީމީ ދާއިރާގެ މުވައްޒަފުން ތަމްރީނުވުމަށް ފުރުޞަތު ހުޅުވާލުން


ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުންނަށް މުސާރައާއި އެއްވަރުގެ އެލަވަންސް ދެއްވައިގެން އިތުރަށް ތަމްރީނުވުމަށް، 101 ފުރުޞަތު އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވާލައްވައިފިއެވެ.

މި ފުރުޞަތަށް އެދި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ އަންނަ އޯގަސްޓް މަހުގެ 1 ވަނަ ދުވަހުގެ މެންދުރު ބާރަޖަހާއިރުއެވެ.

ތަޢުލީމީ ދާއިރާގެ ޚިދުމަތުގައި ތިބި މުވައްޒަފުންނަށް މުސާރައާ އެއްވަރުގެ އެލަވަންސްއެއް ދެއްވައިގެން އިތުރަށް ތަމްރީނުކުރެއްވުމުގެ އުޞޫލުގެ ދަށުން ތަމްރީނުކުރެވޭ 7 މަޤާމެއް އެޑިޔުކޭޝަން މިނިސްޓްރީން ވަނީ ކަނޑައަޅުއްވާފައެވެ. މީގެތެރޭގައި ހިމެނެނީ ޓީޗަރުން، ޕްރިންސިޕަލުން، ސްކޫލް ހެލްތް އެސިސްޓެންޓުން، ސްކޫލް ކައުންސެލަރުން، ލައިބްރޭރިއަނުން، ލެބޯޓްރީ ޓެކްނީޝަނުން އަދި ވޮކޭޝަނަލް މާއްދާތައް ކިޔަވައިދޭ ޓީޗަރުންނާއި އިންސްޓްރަކްޓަރުންނެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ހުޅުއްވާލައްވާފައިވާ 101 ފުރުޞަށް ޖާގަ ވަނީ ކަނޑައެޅިފައިވާ ދާއިރާތަކަށް ބައްސަވާލައްވާފައެވެ. މީގެތެެރެއިން އެއްބަޔަކީ ތަޢުލީމީ ދާއިރާއަށް މުވައްޒަފުން ލިބުން ދަތި ރަށްރަށާއި މުވައްޒަފުން ލިބުން ދަތި މަޤާމްތަކަށް ދިޔުމަށް އެއްބަސްވާ މުވައްޒަފުންނަށް ޚާއްޞަ ބައެކެވެ. މިބަޔަށް 69 ފުރުޞަތު ޚާއްޞަ ކުރައްވާފައިވެ އެވެ. އަނެއް ބަޔަކީ ސްކޫލްތަކުގެ ޚިދުމަތުގައި ތިބިނަމަވެސް މަޤާމުގެ ޝަރުތު ހަމަނުވާ މުވައްޒަފުންނެވެ. މިބަޔަކަށް 10 ފުރުޞަަތު ކަނޑައަޅާފައިވާއިރު، މުސާރައާއި އެއްވަރުގެ އެލަވަންސް ދެއްވައިގެން ތަމްރީނުކުރެއްވުމަށް އެޑިޔުކޭޝަން މިނިސްޓްރީން އިޢުލާންކުރައްވާފައިވާ "މާސްޓަރ އޮފް އެޑިޔުކޭޝަން އިން އެޑިޔުކޭޝަނަލް އެސެސްމަންޓް" ކޯހަށް ހޮވޭ 22 މުވައްޒަފަކަށް 22 ޖާގަ ޚާއްޞަ ކުރައްވާފައިވެއެވެ. މިއުޞޫލުގެ ދަށުން މީހުން ތަމްރީނު ކުރައްވަނީ ދިވެހިރާއްޖޭގެ ޤައުމީ ސަނަދުތަކުގެ އޮނިގަނޑު ލެވެލް 5 ން ފެށިގެން ލެވެލް 9 އާ ދެމެދުގެ ކޯސްތަކަށްކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މި ޕްރޮގްރާމްގެ ބައިތަކަށް މުވައްޒަފުން ކަނޑައެޅުއްވުމުގައި ބައްލަވަނީ ރަށުގައި މުވައްޒަފުން ލިބުމުގެ ދަތިކަމަށާއި، މަޤާމަށް މުވައްޒަފުން ލިބުން ދަތިވާ މިންވަރަށާއި މުވައްޒަފުގެ ޢިލްމީ ޤާބިލް ކަމަށާއި، ތަޖުރިބާއަށް ކަަމަށް އެ މިނިސްޓްރީން ވިދާޅުވިއެވެ. އަދި ހުޅުއްވާލައްވާފައިވާ ފުރުޞަތުތަކަށް އެދި ހުށަހެޅޭނީ ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި މެދުނުކެނޑި ސަރުކާރު ސްކޫލެއްގައި ޚިދުމަތްކުރި އަދި މިހާރުވެސް ޚިދުމަތުގައި ދެމިތިބި މުވައްޒަފުންނަށް ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވިއެވެ. އަދި މިހާރު ކޯހެއް ފުރިހަމަކުރަމުން އަންނަ، ކޯހުގައި ބައިވެރިވުމާ ހަމައަށް، ތަޢުލީމީ ދާއިރާގައި 2 އަހަރު މެެދުނުކެނޑި އުޅެފައިވާ އަދި ކޯހުގައި ބައިވެރިވީއިރު، ސްކޫލެއްގައި މަސައްކަތް ކުރަމުންދިޔަ މުވައްޒަފުންނަށްވެސް މިފުރުޞަތުގެ ތެރެއިން ތަމްރީނުވުމަށް އެދި ހުށަހެޅޭނެ ކަމަށް އެ މިނިސްޓްރީން ވިދާޅުވެއެވެ.

މިއުޞޫލުގެ ދަށުން މީހުން ތަމްރީނުކުރެވޭނީ މުސާރައާއި އެއްވަރުގެ އެލަވަންސް ދެއްވުމާއެކު ވަޒީފާއިން ވަގުތީގޮތުން ވަކިކުރައްވައި، ތަމްރީނު ފުރިހަމަކުރުމަށްފަހު އެނބުރި އަންނާނެ މަޤާމެއް ރިޒާވްކޮށް، އެމަޤާމަށް އެނބުރި އައުން ޝަރުތު ކުރެއްވުމަށްފަހުގައި ކަމަށް އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވެއެވެ.

މިފުރުޞަތުތަކަށް ހޮވޭ ފަރާތްތަކަށް ޕްލޭސްމަންޓް ހޯދުމަށް މިއަހަރުގެ ނިޔަލަށް ފުރުޞަތު ދެއްވާނެ ކަމަށާއި، ޕްލޭސްމަންޓް ނުހޯދިއްޖެނަމަ އެ ފުރުޞަތު ބާތިލްކުރެވޭނެ ކަމަށްވެސް އެ މިނިސްޓްރީން ވިދާޅުވެއެވެ.