ދުނިޔޭގައި މި ވަގުތު އޮތް އެންމެ މޮޅު ޓީމަކީ ފްރާންސްގެ ޕީއެސްޖީ ކަމަށް އެ ޓީމުގެ ފޯވާޑް އޮސްމާނޭ ޑެމްބެލޭ ބުނެފިއެވެ.
އޭނާ މިހެން ބުނީ ޗެމްޕިއަންސް ލީގު ފުޓްބޯޅަ މުބާރާތުގެ ކުއާޓާ ފައިނަލުގައި މިރޭ އިނގިރޭސިވިލާތުގެ އެސްޓަންވިލާއާ ދެކޮޅަށް ނުކުތުމުގެ ކުރިންނެވެ. މި މެޗަށް ނުކުންނައިރު ސެމީ ފައިނަލުގެ ފުރުސަތު ބޮޑީ ޕީއެސްޖީ އަށެވެ. އެ ޓީމު ވަނީ ހުސްވި ހަފުތާގައި އަމިއްލަ ދަނޑުގައި 3-1އިން އެސްޓަން ވިލާ ބަލިކޮށްފަ އެވެ.
ސްޕޭނުގެ ބާސެލޯނާ އަށް ވެސް ކުޅުނު ފްރާންސްގެ ހުނަރުވެރި ފޯވަޑް ބުނީ އޭނާ އެންމެ މޮޅަށް ކުޅުނީ ވެސް ޕީއެސްޖީގައި ކަމަށެވެ.
"އެންމެ މޮޅު ޓީމަކީ ޕީއެސްޖީ. މިކަމާމެދު ޝައްކެތްނެތް. އަހަރެންނަކަށް ނޭނގެ ބުނާކަށް އަހަރެން ބާސެލޯނާ އަށް ވެސް ކުޅުނިން ދުނިޔޭގެ އެންމެ މޮޅު ކުޅުންތެރިޔާ ލަޔޮނަލް މެސީއާއެކު. އެކަމަކު އަހަރެންނަށް އެންމެ ރަނގަޅަށް ކުޅެވޭ ޓީމަކީ ޕީއެސްޖީ،" ޑެމްބެލޭ ބުންޏެވެ.
ބާސެލޯނާގެ ކުރީގެ ކެޕްޓަން އަދި ކޯޗު ލުއިސް އެންރީކޭގެ ކޯޗުކަމުގައި ކުޅެމުންދާ ޕީއެސްޖީ އަށް ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ފުރުސަތު ނުލިބެންވީ އެއްވެސް ސަބަބެއް ނެތް ކަމަށް ވެސް ޑެމްބެލޭ ބުންޏެވެ.
"އަހަރުމެން މިވަނީ މި މުބާރާތުގައި ވަރަށް ބޮޑު އިތުބާރެއް ހޯދާފައި. މިހާރު ޕީއެސްޖީ އަކީ މޮޅުވުމުގެ ގާބިލްކަން ހުރި ޓީމެއް. ވަރަށް ގުޅިގެން ކުޅޭ ޓީމެއް. މިވަގުތު ޓީމަށް ބަލާއިރު ކޮންމެ ޑިޕާޓްމަންޓެއް ވެސް އެހާމެ މޮޅަށް ކުޅޭ،" ޑެމްބެލޭ ބުންޏެވެ.
މި މެޗަށް ނުކުންނައިރު ވިލާގެ ކޯޗު އުނާއީ އެމެރޭ ބުނީ އޭނާގެ ޓީމަށް އަމިއްލަ ދަނޑުގައި ނަތީޖާ އަނބުރާލެވިދާނެ ކަމަށެވެ. ސަބަބަކީ ޕީއެސްޖީގެ އަމިއްލަ ދަނޑުގައި ވެސް އެސްޓަންވިލާއިން ރަނގަޅަށް ކުޅެފައިވުން ކަމަށެވެ.
"ތިން ލަނޑު ވަނީމަ މެޗުން މޮޅުވާން އުނދަގޫތަކެއް ހުންނާނެ. އެކަމަކު މިއީ ނުކުރެވޭ ވަރުގެ ކަމެއްނޫން. އަހަރުމެންގެ އަމިއްލަ ދަނޑުގައި ނަތީޖާ އަނބުރާ ލެވިދާނެ. އަހަރުމެން ދަނޑަށް ނުލުންނަންވާނީ އެކަން ގަބޫލުކޮށްގެން. އެއީ އެންމެ މުހިންމު ކަންތައް،" ކޯޗު ބުންޏެވެ.
މި މެޗު ފަށާނީ ވިލާ ޕާކުގައި މިރޭ 12 ޖަހާއިރު އެވެ.