ކުޅިވަރު

ކަނޑިތީމު ޕްރޮގުރާމް ވަރަށް ކާމިޔާބު: ބޮޑީބޯޑިން އެސޯސިއޭޝަން


ބޮޑީބޯޑިން ކުޅިވަރު އިތުރަށް ތަރައްގީކޮށް ކުރިއަށް ގެންދިޔުމަށްޓަކައި ރާއްޖޭގައި ހިންގާ ތަފާތު ކްލިނިކްތަކުގެ ތެރެއިން ށ. ކަނޑިތީމުގައި ބޭއްވުނީ ކާމިޔާބު ހަރަކާތެއް ކަމަށް ބޮޑީބޯޑިން އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެމްބީބީއޭ) އިން ހާމަކޮށްފިއެވެ.

ޕީއެސްއެމް ނިއުސްއިން ގެނެސްދޭ "ކުޅިވަރު ވިންދު" ޕްރޮގުރާމުގައި ވާހަކަދައްކަވަމުން ބޮޑީބޯޑިން އެސޯސިއޭޝަންގެ ރައީސް ހުސެއިން ނިޒާމް ވިދާޅުވީ ކަނޑިތީމުގައި ހިންގި ހަރަކާތަށް ބޮޑު ތަރުހީބެއް ލިބެގެންދިޔަ ކަމަށެވެ. އެގޮތުން ގިނަ ކުދިންތަކަކަށް މައުލޫމާތު ފޯރުކޮށްދެވުނު ކަމަށް ނިޒާމް ވިދާޅުވިއެވެ.

ރާއްޖޭގެ އުތުރުން މިކަހަލަ ހަރާކާތެއްގައި ތަރުހީބު ރަނގަޅުވެގެން ދިޔުން ވެގެންދިޔައީ މިކަމުގެ މުހިންމުކަން ހާމަވެގެންދިޔަ ސަބަބެއް ކަމަށް ނިޒާމް ވިދާޅުވިއެވެ. އަދި ވިދާޅުވީ ގިނަ ކުޅިވަރުތައް ޚާއްސަ ކުރެވިގެންދާ ތަނަކީ މާލެ ސަރަހައްދު ކަމަށާއި، ނަމަވެސް އެކަމަކީ ބަދަލުވާން ޖެހޭ ކަމެއް ކަމަށެވެ.

މިފަދަ ކުޅިވަރުތައް އަތޮޅުތެރެއާ ހަމައަށް ގެންގޮސްފިކަމަށް ވާނަމަ، ހުނަރުވެރި ގިނަ އެތުލީޓުންތަކެއް ފެނިގެންދާނެ ކަމަށްވެސް ނިޒާމް ވިދާޅުވިއެވެ.

"ގިނަ ރަށްރަށަކީ ރާޅު ހުރި ރަށްރަށް، އެގޮތުން އަޅުގަނޑުމެން އެހާ ހިސާބަށް، ށ. އަތޮޅަށް ދިޔައިރު އެތާނގައިވެސް ހުނަރުވެރި ބައިވަރު ކުދިން އެބަތިބި" ކަނޑިތީމުގައި ކުރެވުނު ތަޖުރިބާއާ ގުޅޭގޮތުން ނިޒާމް ވިދާޅުވިއެވެ.

ގައުމީ ޓީމުގެ ޒުވާން އަދި ތަޖުރިބާކާރު އެތުލީޓުންނާއެކު ބޮޑިބޯޑިން ތައާރަފުކުރަން ދިޔަ ދަތުރުގައި އެ ރަށުގައިވެސް އަމިއްލަ ރާޅާއަޅާ ކުދިން ފާހަގަވި ކަމަށް ނިޒާމް ވިދާޅުވިއެވެ.

ކުޅިވަރު އެނގޭ ކުދިބަޔަކު އެ ރަށުން ލިބުން އެއީ އިތުރަށް ފަސޭހަ ވެގެންދިޔަ ކަމެއް ކަމަށް ނިޒާމް ވިދާޅުވިއެވެ. އަދި މި އަހަރު ބޮޑީބޯޑިންގެ ފުރަތަމަ ހަރާކާތުގައި ކަނޑިތީމުން 64 ފަރާތެއް ބައިވެރިވުމަކީ ލިބުނު ބޮޑު ކާމިޔާބެއް ކަމަށްވެސް ވިދާޅުވިއެވެ.

ނިޒާމް ވިދާޅުވީ އަމާޒަކީ މި ޕްރޮގުރާމުތަކާ އެކު ބޮޑީބޯޑިން ކުޅިވަރަކީ ރާއްޖޭގައި މަގުބޫލް ކުޅިވަރަކަށް ހެދުން ކަމަށެވެ.

ބޮޑީބޯޑިން އެސޯސިއޭޝަންއިން މި ހަރަކާތް މިއަހަރު ރާއްޖޭގެ 8 ރަށެއްގައި ހިންގުމަށް ވަނީ ނިންމާފައެވެ. އެގޮތުން ދެން އެސޯސިއޭޝަންގެ މަންޒިލަކީ ނ. ޅޮހިއެވެ.