ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އިންތިޒާމުކޮށްގެން ބާއްވާ ވީއޭއެމް ކަޕުގެ ގުރޫޕް ފިޔަވަހީގައި ކުޅުނު ހުރިހާ މެޗެއް ކާމިޔާބުކޮށް، އެންމެ ފަހުގެ ޗެމްޕިއަން ކުލަބު ވެމްކޯ މުބާރާތުގެ ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ވެމްކޯ މުބާރާތުގެ ސެމީގެ ޖާގައެއް ޔަގީން ކުރީ ކުޅުނު ތިން މެޗުން ހޯދި 9 ޕޮއިންޓާއެކުއެވެ. މިރޭ ކުޅުނު ގްރޫޕް ބީގެ ފަހު މެޗުން ބަލިވި ސިޓީ ފްރެންޑްސް ކުލަބަށް ލިބުނީ 3 މެޗުން 3 ޕޮއިންޓެވެ.
ޒުވާނުންގެ މަރުކަޒުގެ އެތެރޭ ކޯޓުގައި މިރޭ ކުޅުނު ވެމްކޯއިން ކާމިޔާބުކޮށްފައިވަނީ ސިޓީ ފްރެންޑްސް ކުލަބު އަތުން ސީދާ ތިން ސެޓުންނެވެ. މި މެޗުގެ ސެޓުތައް ވެމްކޯއިން ގެންދިޔައީ ފަސޭހަކަމާއެކު 25-03، 25-12 އަދި 25-18 އިންނެވެ. މި މެޗުގެ މޮޅު ކުޅުންތެރިޔަކަށް ހޮވުނީ ވެމްކޯގެ ފާތިމަތު ޖޫޒާން ޒަރީރެވެ.
މި މެޗާ އެކު މުބާރާތުގެ ގުރޫޕް ފިޔަވަހީގެ މެޗުތައް ނިމުނުއިރު، ސެމީފައިނަލަށް ދަތުރުކުރި ޓީމުތައް ވަނީ ކަށަވަރުވެފައެވެ.
ސީދާ ފައިނަލުން ޖާގަ ލިބޭނީ ދެ ގްރޫޕުގެވެސް އެއްވަނަ ހޯދި ދެ ޓީމުގެ މެދުގައި ކުޅޭ މެޗުން މޮޅުވާ ޓީމަކަށެވެ. އެގޮތުން ގްރޫޕް އޭގެ އެއްވަނަ ޕޮލިސް ކުލަބުން ހޯދިއިރު، ގްރޫޕް ބީގެ އެއްވަނަ ހޯދީ ވެމްކޯއެވެ.
އެ މެޗުން ބަލިވާ ޓީމެއް ބައްދަކުރަންޖެހޭނީ ގްރޫޕުތަކުގެ ދެވަނައަށް ދިޔަ ދެ ޓީމުގެ މެދުގައި ކުޅެވޭ މެޗުން މޮޅުވާ ޓީމަކާއެކުއެވެ. ގުރޫޕް އޭގެ ދެވަނަ ހޯދީ ހުރާ ކޮމިއުނިޓީ ކުލަބުންނެވެ. އަދި ގުރޫޕް ބީގެ ދެވަނައަށް ދިޔައީ ފްލެކްސަރ ސްޕޯޓްސް ކުލަބެވެ.
ކޮންމެ ގްރޫޕެއްގެވެސް ފުލަށްދިޔަ ޓީމު ރެލިގޭޓުވިއިރު، ކުރިއަށް އޮތް ވޮލީބޯލް ލީގުން ޖާގަ ލިބިގެންދާނީ ކޮންމެ ގްރޫޕެއްގެވެސް ގަދަ ތިން ޓީމަށެވެ.