ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ހުޅުވާލި ސްކޮލަރޝިޕް 100 ދަރިވަރަކަށް ހަވާލުކޮށްފިއެވެ.
މިސްކޮލަރޝިޕްތައް ހަވާލުކުރުމަށް ޤައުމީ ޔުނިވަރސިޓީގެ ސެންޓްރަލް އޮޑިޓޯރިއަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާއި ބެހޭ ވަޒީރު ޑރ. އަލީ ހައިދަރު އަހުމަދުއެވެ. މި ރަސްމިއްޔާތުގައި އެވުޒާރާގެ އިސްވެރިންނާއި، އިންސްޓިޓިއުޓް އޮފް ޗަރޓަރޑް އެކައުންޓަންޓްސް އޮފް މޯލްޑިވްސްގެ އިސްވެރިން ވަނީ ބައިވެރިވެވަޑައިގެންފައެވެ.
މިރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ޑރ. ހައިދަރު ވިދާޅުވީ އެވުޒާރާގެ އެންމެ މުހިންމު އެއް އަމާޒަކީ ބިދޭސީން މަސައްކަތް ކުރަމުންދާ ދާއިރާތަކަށް ދިވެހިން ތަމްރީންކުރުންކަމަށެވެ.
"މިހާތަނަށް ބޭރުގެ ފަރާތްތަކަށް ބަރޯސާވެފައިވާ ދާއިރާތަކުން މީހުން ބިނާކުރުމަކީ، ކުރިމަގަށް ކުރެވޭ އިންވެސްޓްމެންޓެއް." ވަޒީރު ވިދާޅުވިއެވެ.
ވަޒީރު ޑރ.ހައިދަރުގެ ވާހަކަފުޅުގައި މިވޭތުވެ ދިޔަ އަހަރުތަކުގައި ގިނަ އަދަދެއްގެ ސްކޮލަރޝިޕް ފުރުސަތު ސަރުކާރުން ފަހިކޮށްދެއްވާފައިވާކަމަށާއި، ނަމަވެސް ސްކޮލަރޝިޕްގެ ދަށުން ތަޢުލީމް ހާސިލްކުރަން ފަށާ ދަރިވަރުންގެ ތެރެއިން ކޯސް ފުރިހަމަކުރަނީ މަދު ދަރިވަރެއްކަން ފާހަގަކުރެއްވިއެވެ. އަދި މިފަހަރު ސްކޮލަރޝިޕް ލިބުނު ދަރިވަރުން ކޯސް ފުރިހަމަ ކުރުމަށް ވަޒީރު ވަނީ އެދިވަޑައިގެންފައެވެ.
މިސްކޮލަރޝިޕް ލިބުނު ދަރިވަރުން ވަނީ އެކައުންޓިން ދާއިރާއިން މި ލިބުނު ދަރިވަރުން ބުނީ މިސްކޮލަރޝިޕްތަކަކީ ފައިދާހުރި އަދި ގިނަ ފުރުސަތުތަކަކަށް މަގުފަހިވާނެ ސްކޮލަރޝިޕްތަކެއް ކަމަށެވެ.
އެކައުންޓެންޓުން ތަމްރީންކުރުމަށް މަތީ ތަޢުލީމާ ބެހޭ ވުޒާރާއިން ހުޅުވާލި ސްކޮލަރޝިޕްތަކަށް ހޮވުނު ދަރިވަރުންނަށް، ފަންނީ ގޮތުން ބޭނުންވާނެ އެހީތެރިކަން ސީއޭ މޯލްޑިވްސްގެ ފަރާތުން ފަހިކޮށްދޭނެ ކަމަށް އެއިދާރާއިން ވަނީ ވިދާޅުވެފައެވެ.
ޕްރޮފެޝަނަލް އެކައުންޓެންޓުން ތަމްރީނު ކުރުމަށް ސަރުކާރުން ސްކޮލަރޝިޕް ފުރުސަތު ހުޅުވައި ދަރިވަރުން ހޮވާފައިވާއިރު މީގެ ކުރިންވެސް މިފަދަ ސްކޮލަރޝިޕްތައް ވަނީ ދީފައެވެ. އެގޮތުން މިއަހަރުދިން ސްކޮލަރޝިޕްތަކާއެކު މިހާތަނަށް މިދާއިރާއިން 500 ސްކޮލަރޝިޕް ފުރުސަތު ފަހިކޮށްދީފައިވާކަން ސީއޭ މޯލްޑިވްސްއިން ވަނީ ފާހަގަކުރައްވާފައެވެ.