ޚަބަރު

ކަނޑުދަތުރު ކުރުމުގައި ޚާއްޞަ ސަމާލުކަމެއް ދޭން އިލްތިމާސްކޮށްފި


މޫސުމާއި ބެހޭ އިދާރާއިން ރާއްޖެއަށް މޫސުން ވަރަށް ބޮޑަށް ގޯސްވާނެކަމަށް އަންގާފައިވާތީވެ، ކަނޑުދަތުރު ކުރެއްވުމުގައި ޚާއްޞަ ސަމާލުކަމެއް ދެއްވުމަށް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައިފިއެވެ.

މި އިލްތިމާސްގައި، ދަތުރުކުރައްވާ ނަމަ އަންގަން ޖެހޭ ފަރާތްތަކަށް އެންގުމަށްފަހުގައި ނޫނީ ދަތުރު ނުކުރެއްވުމަށާއި ދަތުރު ކުރައްވާ އުޅަނދުގައި ލައިފްޖެކެޓް، މުވާސަލާތީ ސާމާނު، ދިޔަހިއްކާ ޕަންޕު ފަދަ ނިޒާމްތައް ހުރީ ރަނގަޅަށްތޯ ބަލާ ފާސް ކުރުމަށާއި އުޅަނދު ފަހަރަށް މުދާ ބަރުކުރުމުގައި ކަނޑައެޅިފައިވާ މިންގަނޑަށް ވުރެ ބަރު ނުކުރެއްވުމުގެ އިތުރުން ރަގަނޅަށް ލައިސަން ލެވިފަތޯ ޗެކް ކުރުމަށް އެމްއެންޑިއެފުން އެދިވަޑައިގެންފައިވެއެވެ. އަދި ފަޅުތެރޭގައްޔާއި ފަޅުން ބޭރުގައި އަޅާފައިވާ އުޅަނދުފަހަރާއި ހަވާލުވެފައިވާ ފަރާތްތަކުންވެސް އޮޑިދޯނިފަހަރު ބެލެހެއްޓުމާއި ދިޔަހިއްކުމަށް ސަމާލުކަން ދިނުމަށް އެދި ދަންނަވާފައިވެއެވެ.

އަދި ކަނޑުދަތުރުފަތުރު ކުރައްވާ ފަރާތްތަކުން އެއްވެސް ހާދިސާއެއް ހިނގައިފިނަމަ، ލަސްނުކުރައްވާ ކޯސްޓްގާޑްގެ ހިލޭ ގުޅޭ ނަންބަރު 191 އަށް ގުޅުއްވުމަށްވެސް އެމްއެންޑީއެފުން އިލްތިމާސް ކުރައްވައެވެ.