ޚަބަރު

ސްކޮލަރޝިޕްގެ ފުރުސަތާއެކު ރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެ: ވަޒީރު ޑރ.ޝަހީމް


  • ޒަކާތު ފަންޑުންވަނީ ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް 50 ސްކޮލަރޝިޕް ހުޅުވާލާފައި

ދިވެހިރާއްޖޭގެ ޒަކާތު ފަންޑު މެދުވެރިކޮށް ރާއްޖެއާއި ރާއްޖެއިން ބޭރުން މަތީ ތަޢުލީމު ހާސިލްކުރުމަށް މިއަދު އިޢުލާން ކުރެވުނު 50 ސްކޮލަރޝިޕާއެކު، ދިވެހިރާއްޖޭގެ އިސްލާމީ ޢިލްމުގެ ދާއިރާއަށް ބޮޑު އިންޤިލާބެއް އަންނާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ މިސްކޮލަޝިޕް ފުރުސަތުތައް ހުޅުވާލުމަށް އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި މިއަދު ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖެއާއި ރާއްޖެއިން ބޭރުގައި ކިޔެވުމަށް ޒަކާތުން ފަންޑުން 50 ސްކޮލަރޝިޕް ފުރުސަތު ހުޅުވާލުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ވަޒީރު ޑރ.މުހައްމަދު ޝަހީމު އަލީ ސަޢީދު ވިދާޅުވީ އިސްލާމީ ޢިލްމުތަކުން ޤައުމަށް މުހިންމު ބޭފުޅުން އުފެދެން ޖެހޭކަމަށާއި އިސްލާމީ އިދާރާތައް ހިންގާނެ މީހުން އުފެދެންޖެހޭކަމަށެވެ. އަދި ޤައުމު ކުރިއަށްދާނީ މިދާއިރާތަކުން މީހުން ބިނާކުރެވިގެންކަމަށް ވަޒީރު ވިދާޅުވިއެވެ.

"އިސްލާމީ ދަޢުވަތު ދޭ ޢިލްމުވެރިންގެ އިތުރުން އިސްލާމީ ޢިލްމާއެކު ހިންގުމުގެ ދާއިރާގެ މީހުންނާއި އިސްލާމިކް ފައިނޭންސިންގ ފަދަ މުހިންމު ދާއިރާތަކުން މީހުން ބޭނުންވާކަމަށާއި ޤައުމު ކުރިއަށްދާނީ މިދާއިރާތަކުން މީހުން ބިނާ ވެގެން" ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވިއެވެ.

ވަޒީރު ޑރ.ޝަހީމް ވިދާޅުވީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އަމާޒަކީ ޒަކާތު ފަންޑުން ހުޅުވާލާ ސްކޮލަޝިޕްތަކަކީ އިސްލާމީ ދާއިރާއަށް ޚާއްސަ ކުރެވޭ ސްކޮލަޝިޕްތަކަކަށް ހެދުންކަމަށެވެ. އަދި މިއީ މި ދާއިރާތަކުން މީހުން ބިނާ ކުރުމަށް އެޅިގެންދާ މުހިންމު ފިޔަވަޅެއްކަމަށްވެސް ވިދާޅުވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ އިސްލާމީ ދާއިރާއަށާއި، ދިވެހިރާއްޖޭގެ ޒަކާތު ހައުސްއަށް ރައީސުލްޖުމްހޫރިއްޔާ ދެއްވާ އަހައްމިއްޔަތުކަން ފާހަގަކުރައްވާ އެމަނިކުފާނަށް ޝުކުރު އަދާކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ޒަކާތު ހައުސް ރައީސުލްޖުމްހޫރިއްޔާ އުފެއްދެވީ 18 ޑިސެމްބަރު 2023ގައެވެ. ޒަކާތު ހައުސްގެ ނަމުގައި ސަރުކާރުގެ އިދާރާއެއް ޤާއިމުކުރެއްވީ، ދިވެހިރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ މަސައްކަތާއި، ޒަކާތުގެ ނަފާ އޭގެ ބެހެނިވެރިންނަށް ފުޅާ ދާއިރާއެއްގައި ލިބޭނެގޮތަށް ޒަކާތު ފަންޑު ތަރައްޤީކުރުމުގެ މަސައްކަތްކުރުމުގެ ބޭނުމުގައެވެ.