ޚަބަރު

ސޫދާންގެ ޒަމްޒަމް ކޭމްޕަށް އާރްއެސްއެފުން ޙަމަލާދީ ޢާންމުންގެ 100އެއްހާ މީހުން މަރައިލައިފި


ސޫދާންގެ އަސްކަރިއްޔާއާ ދެކޮޅަށް ހަނގުރާމަ ކުރަމުންދާ ރެޕިޑް ސަޕޯޓް ފޯސަސް (އާރްއެސްއެފް)ގެ ފައުޖުން އެ ޤައުމުގެ ހުޅަނގު ދަރްފޫރު ސަރަޙައްދުގައި އޮތް ބޮޑު ރެފިއުޖީ ކޭމްޕަކަށް އަތްގަދަ ކޮށްފިއެވެ. ދެ ދުވަސް މަތިން ނުރައްކާތެރި ޙަމަލާތަކެއް ދިނުމަށް ފަހު އާރްއެސްއެފުން އަތްގަދަ ކޮށްފައި ވަނީ ޒަމްޒަމް ކޭމްޕަށެވެ. އެއީ، ހައިހޫނުގައި ޖެހިފައިވާ އެތަކެއް ހާސް ނިކަމެތީން ދިރިއުޅެމުންދާ ރެފިއުޖީ ކޭމްޕެކެވެ.

މަސްރަޙު ދިރާސާ ކުރާ ފަރާތްތަކުން ބުނީ، ބަރުހަތިޔާރު ބޭނުން ކޮށްގެން އާރްއެސްއެފްގެ ފައުޖުން ޒަމްޒަމް ކޭމްޕަށް ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ 100އަށްވުރެ ގިނަ މީހުން މަރައިލާފައިވާ ކަމުގައެވެ. އޭގެ ތެރޭގައި ގިނަ އަދަދެއްގެ އަންހެނުންނާއި ކުޑަކުދިންގެ އިތުރުން އެހީދޭ ޖަމުޢިއްޔާތަކަށް ނިސްބަތްވާ އިޖުތިމާޢީ އަދި ޞިއްޙީ ޚިދުމަތްތެރިން ހިމެނެއެވެ.

އާރްއެސްއެފުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ، ސޫދާންގެ އަސްކަރިއްޔާގެ ބާރުގެ ދަށުން ޒަމްޒަމް ކޭމްޕު މިނިވަން ކޮށްފައިވާނެ ކަމުގައެވެ. އަދި، އެ ސަރަޙައްދުގައި ދިރިއުޅެމުންދާ ޢާންމުންނާއި، އެ މީހުންނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ހަރަކާތްތެރިވަމުންދާ އިޖުތިމާޢީ އަދި ޞިއްޙީ ޚިދުމަތްތެރިންގެ ސަލާމަތާއި ރައްކާތެރި ކަން ކަށަވަރު ކުރުމަށް ގިނަ އަދަދެއްގެ ހަނގުރާމަވެރިން ފޮނުވާފައިވާނެ ކަމުގައެވެ.

ދަރްފޫރުގެ އުތުރުގައި އޮތް ވެރިކުރަން ކުރާ ރަށް، އަލް-ފާޝިރުގައި ތިބި އަސްކަރިއްޔާގެ ސިފައިންނަށް އަމާޒުކޮށް ވެސް އާރްއެސްއެފްގެ ފައުޖުތަކުން މި ވަގުތު ދަނީ ޙަމަލާތައް އަމާޒު ކުރަމުންނެވެ. މީގެ އިތުރުން އެ ސަރަޙައްދުގައި އޮތް އެހެން ރެފިއުޖީ ކޭމްޕެއް ކަމުގައިވާ އަބޫ ޝޫކަށް ވެސް އާރްއެސްއެފްގެ ފައުޖުތަކުން ދަނީ ޙަމަލާ ދެމުންނެވެ.

ޒަމްޒަމް ކޭމްޕަށް އާރްއެސްއެފުން ދީފައިވާ ޙަމަލާތަކުގައި ޢާންމުންގެ 100އަށްވުރެ ގިނަ މީހުން މަރައިލާފައިވާ ކަން އެކުވެރި ދައުލަތްތައް (އދ)ން ވެސް ވަނީ ކަށަވަރު ކޮށްދީފައެވެ. ދަރްފޫރުގެ ގަވަރުނަރު މީނީ މީނާވީ ވިދާޅުވީ އެ ޙަމަލާތަކުގައި މަރައިލާފައިވާ މީހުންގެ އަދަދު އޭގެ ހަތަރު ގުނަ އިތުރުވާނެ ކަމުގައެވެ. ނަމަވެސް، އާރްއެސްއެފުން ވަނީ ޢާންމުންނަށް އަމާޒުކޮށް ޙަމަލާ ދީފައިވާ ކަމުގައި ކުރެވޭ ތުހުމަތުތައް ދޮގު ކޮށްފައެވެ.

އަލް-ފާޝިރުގެ އިތުރުން އެ ސަރަޙައްދުގައި އޮތް ރެފިއުޖީ ކޭމްޕުތަކަށް އަމާޒުކޮށް އާރްއެސްއެފުން ދެމުންދާ ޙަމަލާތައް ފާއިތުވި ހަފުތާތަކުގެ ތެރޭގައި ވަނީ ފުޅާ ކޮށްފައެވެ. މިއީ، އަލް-ފާޝިރަށް ވެރިވެގަތުމަށް ހިންގަމުންދާ އަސްކަރީ ކެމްޕޭނުގެ ދަށުން ދެމުންދާ ޙަމަލާތަކެކެވެ. އަލް-ފާޝިރުގެ 180 ކިލޯމީޓަރު އިރުގައި އޮތް އައްމު ކަދާދަތަށް ވެސް އާރްއެސްއެފުން ޙަމަލާ ދެމުންދާ ކަމުގައި މަޞްދަރުތަކުން ބުންޏެވެ. އެ ޙަމަލާތަކުގައި ޢާންމުންގެ 56 މީހުން މަރައިލާފައިވާ ކަމުގައި ވެސް ރިޕޯޓުތައް ބުނެއެވެ.

ސޫދާންގެ އަހުލީހަނގުރާމައިގެ މަސްރަޙު ދިރާސާ ކުރާ ފަރާތްތަކާއި އިންސާނީ ޙައްޤުތަކަށް ވަކާލާތު ކުރާ ޖަމުޢިއްޔާތަކުން ބުނީ، ސޫދާންގެ އަސްކަރިއްޔާގެ ސިފައިންނާއި އާރްއެސްއެފްގެ ފައުޖުން ވެސް އެ ޤައުމުގެ ޢާންމު ރައްޔިތުންނާ ދެކޮޅަށް ލާއިންސާނީ ޖަރީމާތައް ހިންގަމުންދާ ކަމުގައެވެ. އޭގެ ތެރޭގައި ޖިންސީ އަނިޔާ ވެސް ހިމެނެއެވެ.

އާރްއެސްއެފާ ދެކޮޅަށް ކުރަމުންދާ ހަނގުރާމައިގައި ސޫދާންގެ އަސްކަރިއްޔާއިން ހުސްވި މާރިޗު މަހުގެ ތެރޭގައި ވަނީ ވެރިރަށް ޚަރްޠޫމް މިނިވަން ކޮށްފައެވެ. އެއާ އެކު، އާރްއެސްއެފުން ވެސް ވަނީ ހަނގުރާމަ އިތުރަށް ފުޅާކޮށް، އަސްކަރިއްޔާގެ އަމާޒުތަކަށް ދެމުންދާ ޙަމަަލާތައް އިތުރުކޮށް، ވަރުގަދަ ކޮށްފައެވެ. މި ހަނގުރާމައިގައި އެތަކެއް ހާސް ބަޔަކު މަރުވެފައިވާއިރު، 12 މިލިޔަނަށް ވުރެ ގިނަ މީހުންގެ ގެދޮރު ވަނީ ގެއްލިފައެވެ. ސޫދާންގެ އަހުލީހަނގުރާމައާ ގުޅިގެން 25 މިލިޔަނަށް ވުރެ ގިނަ މީހުން ހައިހޫނުގައި ޖެހިފައިވާ ކަމުގައި ބައިނަލްއަޤުވާމީ ޖަމުޢިއްޔާތަކުން ހާމަކުރިއެވެ.