ތަޢުލީމު

މަތީ ތަޢުލީމުގެ ސިޔާސަތުގެ ބޮޑު ބައެއް ފުރިހަމަ ކުރެވިއްޖެ


މި ސަރުކާރުގެ މަތީ ތަޢުލީމުގެ ސިޔާސަތުގެ ބޮޑު ބައެއް ފުރިހަމަކުރެވިފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެއެވެ. މިނިސްޓަރ ޢާއިޝަތު ޝިހާމް މިހެން ވިދާޅުވީ، ރާއްޖެއާއި ރާއްޖޭން ބޭރުގައި މަތީ ތަޢުލީމް ޙާޞިލްކުރަން ލޯނު ލިބުނު ދަރިވަރުންނަށް އެކަމުގެ ލިޔުން ޙަވާލުކުރެއްވުމަށް ރޭ ބޭއްވެވި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ތައުލީމީ ސިޔާސަތުގެ ތެރެއިން އެންމެ އިސްކަމެއް ދެއްވައިގެން ކުރިއަށް ގެންދަވާ އެއް މަސައްކަތީ މަތީ ތައުލީމް ހާސިލް ކުރަން ބޭނުންވާ ދަރިވަރިންނަށް އެ ފުރުސަތު ފަހިކޮށްދެއްވުމެވެ. މިގޮތުން ކުރައްވާ އެއް މައްސަކަތަކީ ރާއްޖެ އާއި ރާއްޖޭން ބޭރުގައި މަތީ ތައުލީމް ހާސިލްކުރަން ލޯނު ދޫކުރެއްވުމެވެ.

އެގޮތުން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ އޭލެވެލް އިން 3 މާއްދާ އިން ފާސްވާ ދަރިވަރުންނަށް މަތީ ތައުލީމުގެ ފުރުސަތު ޔަގީން ކޮށްދެއްވުމަށް ކަމަށް އެޑިއުކޭޝަން މިނިސްޓަރ ޑރ އާއިޝަތު ޝިހާމް ވިދާޅުވިއެވެ. ސަރުކާރުން މަތީ ތައުލީމަށް މިހާތަނަށް 3000 ފުރުސަތު ހުޅުއްވާލައްވާފައި ވާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޑިޕާޓްމަންޓް އޮފް ހަޔާ އެޑިއުކޭޝަން ހިންގެވުމާ ހަވާލުވެހުންނެވި އެ މިނިސްޓްރީގެ ނައިބު އަޒްލީން އަހުމަދު ވިދާޅުވީ މަތީ ތައުލީމަށް ދަރިވަރުންނަށް ދޫކުރައްވާ ލޯނުން އަމިއްލަ މަސައްކަތްތައް ވެސް ކުރާކަން ފާހަގަކުރެއްވޭ ކަމަށެވެ. ނަމަވެސް މިފަދަ ގޮތްގޮތަށް މި ލޯނުގެ ބޭނުންނުކޮށް ތައުލީމް ފުރިހަމަ ކުރުމަށް މި ލޯން ބޭނުން ކުރުމަށް އަޒްލީން އިލްތިމާސް ކުރެއްވި އެވެ.

މިދިޔަ މާޗު މަހު ހުޅުވާލި 625 ލޯނުގެ ފުރުސަތަށް 425 ދަރިވަރުން ކުރިމަތިލާފައިވެއެވެ. ރޭ އިސްލާމީ މަރުކަޒުގައި ބޭއްވެވި ރަސްމިއްޔާތުގައި ވަނީ 284 ދަރިވަރުންނަށް 115 މިލިއަން ރުފިޔާގެ ލޯނު އެހީ ދެއްވާފައިވެއެވެ. މީގެ ތެރޭގައި އެމްބީބީއެސް ހަދަން 20 ފުރުސަތު، ޕައިލެޓް ޓްރެއިނިން އަށް 10 ފުރުސަތު، ޕޯސްޓްގްރެޖުއޭޓުން ރާއްޖޭން ބޭރުން ތައުލީމް ހާސިލްކުރަން 2 ފުރުސަތު، ރާއްޖޭގައި މާސްޓަރސް ހަދަން 10 ފުރުސަތު އަދި ރާއްޖޭން ބޭރުގައި މާސްޓަރސް ހަދަން ލޯނު ލިބުނު ދަރިވަރުންނަށް ރޭގެ ރަސްމިއްޔާތުގައި  ލޯނު ހަވާލުކޮށްފައިވެއެވެ.