ތަޢުލީމު

ސްޓްރެޓީޖިކް ޕްލޭނަކާއެކު އިސްލާމިކް ޔުނިވަސިޓީ އާ މިސްރާބަކަށް


ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަރސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޚު ކުރައްވައިފިއެވެ.

 2020 ވަނަ އަހަރުގެ ނިޔަލަށް އިސްލާމިކް ޔުނިވަސިޓީން ޙާސިލްކުރަން ބޭނުންވާ ގިނަ ލަނޑުދަނޑިތަކެއް މި ޕްލޭންގައި ހިމަނުއްވާފައިވެއެވެ. މި ޕްލޭނާއެކު އެ ޔުނިވަސިޓީން ވަނީ ދެކުނު އޭޝިޔާ ސަރަޙައްދުގެ އެންމެ ފެންވަރު ރަގަޅު އިސްލާމީ ޔުނިވަސިޓީއަށް ވުމަށް ޢަމާޒު ހިފާފައެވެ.

ރާއްޖޭގައި އިސްލާމީ ތަޢުލީމު ފުޅާކުރެއްވުމުގެ ސިޔާސަތުގެ ދަށުން އުފައްދަވާފައިވާ ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީގެ ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙްކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ ނާއިބު ޢަބްދުﷲ ޖިހާދެވެ. އިސްލާމިކް ޔުނިވަސިޓީން އިފްތިތާޙްކުރެއްވި މި ޕްލޭނަކީ، ރަނގަޅު ބިންގަލެއްގެ މަތީގައި ޔުނިވަރސިޓީ ކުރިއަށްގެންދެވުމުގައި، ކުރިއަށްއޮތް 4 އަހަރުގެ ތެރޭގައި ޙާސިލްކުރައްވަން ކަނޑައަޅުއްވާފައިވާ ލަނޑުދަނޑިތަކަށް ވާސިލްވުމަށް އެކުލަވާލެއްވި ޕްލޭނެކެވެ.

 މި ޕްލޭންގައި ހިމަނުއްވާފައިވާ މުހިންމު ލަނޑުދަނޑިތަކުގެ ތެރޭގައި، އެންމެ ފާހަގަކޮށްލެވެނީ މި ސަރަޙައްދުގެ އެންމެ ފެންވަރު ރަނގަޅު އިސްލާމީ ތަޢުލީމުދޭ މުޢައްސަސާއަށް ދިވެހިރާއްޖޭގެ އިސްލާމިކް ޔުނިވަސިޓީ ހެއްދެވުމުގެ ޢަމާޒެވެ. ދެއްވާ ތަޢުލީމުގެ ފެންވަރު ރަނގަޅު ކުރެއްވުމަށްޓަކައި، ޑިގްރީ ފެންވަރަށް ކިޔަވާ ނިންމާ ދަރިވަރުންގެ އަދަދު އަހަރު 400 ދަރިވަރުންނަށް އިތުރުކުރުމާއި، މާސްޓަރސް ހެދުމަށްފަހު ދަސްވެނިވާ ދަރިވަރުންގެ އަދަދު އަހަރަކު 60 އަށް ހެއްދެވުމަށް މި ޕްލޭންގައި ނިންމަވާފައިވެއެވެ.

މީގެ އިތުރުން އަހަރަކު ދެކުދިން އެ ޔުނިވަސިޓީން ޕީ.އެޗް.ޑީ ނިންމާ ދަސްވެނިވުންވެސް ހިމެނެއެވެ.  އިސްލާމިކް ޔުނިވަސިޓީގައި ކިޔަވާ ދަރިވަރުންގެ އަދަދު 5000 އަށް އެރުވުމަށް ވަނީ ޢަމާޒު ހިއްޕަވާފައެވެ.  މީގެ އިތުރުން، އެ ޔުނިވަސިޓީއަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ހައްލުކުރުމަށް އާ ޢިމާރާތެއް ހެއްދެވުމުގެ މަސައްކަތްވެސް ހިމެނެއެވެ.  އަދިވެސް ވަރަށް ގިނަ ލަނޑުދަނޑިތައް މި ޕްލޭންގައި ހިމަނުއްވާފައިވެއެވެ.  

ސްޓްރެޓީޖިކް ޕްލޭން އިފްތިތާޙް ކޮށްދެއްވުމަށްފަހު ނާއިބު ރައީސް ޢަބްދުﷲ ޖިހާދުވަނީ މި ޕްލޭން ކާމިޔާބު ކުރުމުގައި ސަރުކާރުގެ ފަރާތުން ފުރިހަމަ އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ. ޚާއްސަކޮށް ޕްލޭންގެ މުއްދަތުގެ ތެރޭގައި ޔުނިވަސިޓީއަށް ބޭނުންވާ އާ ޢިމާރާތުގެ ކަންތައްތައް ހަމަޖައްސަވާނެކަމަށްވެސް ނާއިބް ރައީސް ވިދާޅުވިއެވެ.  

" ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުން ރާއްޖޭގައި އިސްލާމީ ތަޢުލީމު ފުޅާ ކުރެއްވުމަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދޭނަން. އަޅުގަނޑު ބުނެލަން ބޭނުންވަނީ އަޅުގަނޑު މީގެ ދެ މަސް ކުރިން ޔުނިވަސިޓީއަށް ކުރި ޒިޔާރަތުގައި ވަރަށް ބޮޑަށް ފާހަގަކުރެވުނޭ އެތަނަށް ދިމާވެފައިވާ ޖަގައިގެ ދަތިކަން. އެކަން ހައްލުކޮށްދޭނަން. ޕްލޭންގެ މުއްދަތުގެ ތެރޭގައި އެކަމުގެ އަމަލީ މަސައްކަތްތައް ފެށިގެންދާނެ." ނާއިބު ރައީސް ވިދާޅުވިއެވެ. 

އިސްލާމިކް ޔުނިވަސިޓީން ރާއްޖޭގެ އިޤްތިޞާދަށް ޚިދުމަތް ކުރުމަށްޓަކައި، އިސްލާމިކް ފައިނޭންސްގެ ދާއިރާގެ ކޯސްތައް ފެށުމުގެ މުހިންމުކަންވެސް ނާއިބު ރައީސް ފާހަގަކުރެއްވިއެވެ. 

" ރާއްޖޭގެ އިޤްތިޞާދަށް އިސްލާމީ ތަޢުލީމުގެ ބޭފުޅުން އެބަ ބޭނުންވޭ. ސަރުކާރުގެ އަމާޒެއް އެއީ އިސްލާމިކް ފައިނޭންސް ސެންޓަރެއް ރާއްޖޭގައި ޤާއިމްވުމަކީ. އެކަމަށް އިސްލާމިކް ޔުނިވަސިޓީން އެބަޖެހޭ މަސައްކަތަކެއް ކޮށްދެއްވަން. އިސްލާމިކް ފައިނޭންސްގައި ހިމެނޭ އިސްލާމިކް އެކައުންޓްސް، ތަކާފުލް ފަދަ ދާއިރާތަކުގެ ކޯސްތައް ދިވެހި ޒުވާނުންނަށް ބޭނުންވޭ. " ނާއިބު ރައީސް ވިދާޅުވިއެވެ.

އިސްލާމިކް ޔުނިވަސިޓީގެ ޗާންސެލަރ ޑރ މުޙައްމަދު ޒާހިރު ޙުސައިން ވިދާޅުވީ މި ސްޓްރެޓީޖިކް ޕްލޭނަކީ އެ ޔުނިވަސިޓީގެ ބިންގާކަމަށާއި، 2020 ގެ ކުރިން އެ ޢަމާޒުތައް ޙާސިލް ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭކަމަށެވެ. ރާއްޖެއަށް އިސްލާމީ ތަޢުލީމު މުހިންމުވާ ސަބަބުތައްވެސް އެމަނިކުފާނު ހާމަކޮށްދެއްވިއެވެ. 

" މި ޕްލޭން ތައްޔާރުކުރުމުގައި ބުރަ މަސައްކަތްތަކެއް ކުރެވުނު، ކުރިން ހެދިފައިހުރި ޕްލޭންތައް ރިވައިސް ކުރެވުނު. އަޅުގަނޑުމެން ބޭނުންވަނީ އެންމެންގެ އެއްބާރުލުމާއެކު މި ޕްލޭން ކާމިޔާބުވުން. އެއާއެކު މި ޔުނިވަސިޓީއަކީ ރާއްޖޭގެ އިސްލާމީ ކިއްލާއަށް ވެގެންދާ މަންޒަރު ފެނިގެންދިއުން. ދަރިންނަށް ރަގަޅު ތަރުބިއްޔަތެއް ބޭނުންވެފައިވާ މި ދަނޑިވަޅުގައި އިސްލާމީ ޔުނިވަސިޓީގެ ޒިންމާއަކީ އިސްލާމީ ތަޢުލީމު ފުޅާކޮށް ކުރިއެރުވުން." ޒާހިރު ޙުސައިން ވިދާޅުވިއެވެ. 

އިސްލާމިކް ޔުނިވަސިޓީގެ ސްޓްރެޓީޖިކް ޕްލޭނަކީ ތަޢުލީމީ ދާއިރާއަށް ޚިދުމަތް ކުރައްވަމުންގެންދަވާ  ޑރ އަޙުމަދު ޢަލީ މަނިކުގެ ކޮންސްލަންޓެންޓްކަމުގެ ދަށުން ތައްޔާރުކޮށްފައިވާ ޕްލޭނެކެވެ. 

ޕްލޭން އިފްތިތާޙު ކުރުމަށް ބޭއްވެވި ރަސްމިއްޔާތުގައިވަނީ، އިސްލާމިކް ޔުނިވަސިޓީއާއި އިސްލާމިކް ފޯރަމް އޮފް އިންޓަރނޭޝަނަލް ހިއުމަނިޓޭރިއަން ލޯ އާ ދެމެދު އެމް.އޯ.ޔޫއެއްގައި ސޮއި ކުރައްވާފައެވެ.  މި އެމް.އޯ.ޔޫގެ ދަށުން، އެ ޖަމްޢިއްޔާގެ އެހީތެރިކަމާއެކު، އިސްލާމިކް ޔުނިވަސިޓީގައި ހިއުމަނިޓޭރިއަން ލޯގެ ކޯސްތައް ހިންގެވުމާއި، ހިއުމަނިޓޭރިއަން ލޯއާއި ގުޅޭގޮތުން ދިރާސާތައްކޮށް، ޢިލްމީ ބަހުސްތަކާއި ކޮންފަރެންސްތައް ބޭއްވެވުމަށް ހަމަޖެހިފައިވާކަމަށްވެސް އިސްލާމިކް ޔުނިވަސިޓީން ވިދާޅުވެއެވެ.