ޚަބަރު

ކަގްލިއާރީ ބަލިކޮށް އިންޓަރ މިލާނަށް ހަތް ޕޮއިންޓުގެ ލީޑެއް


އިޓާލިއަން ލީގުގައި ރޭ ކަގްލިއާރީއާ ދެކޮޅަށް ކުޅުނު މެޗު 3-1 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، ތާވަލުގެ ކުރީގައި އިންޓަރ މިލާނުން ހަތް ޕޮއިންޓުގެ ލީޑެއް ނަގައިފިއެވެ.

އިންޓަރ މިލާން މި މެޗުން މޮޅުވުމާއިއެކު އެ ޓީމަށް ވަނީ 32 މެޗުން 71 ޕޮއިންޓް ލިބިފަ އެވެ. ދެވަނައިގައި އޮތް ނަޕޮލީ އަށް އެއް މެޗު މަދުން ކުޅެގެން ލިބިފައިވަނީ 65 ޕޮއިންޓެވެ. މި މެޗުން ބަލިވި ކަގްލިއާރީ އަށް ލިބިފައިވާ 30 ޕޮއިންޓާއެކު އެ ޓީމު އޮތީ ތާވަލުގެ 15 ވަނައިގަ އެވެ.

މިލާނުގެ ސެންސީރޯ ސްޓޭޑިއަމްގައި ހަތްދިހަ އެއް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގެ 13 ވަނަ މިނިޓުގައި އިންޓަރ މިލާނުން ވަނީ ލަނޑެއް ޖަހާ ލީޑު ނަގާފަ އެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދީފައިވަނީ މާކީ އަރނޯޓޮވިޗް އެވެ.

އަދި އޭގެ 13 މިނިޓު ފަހުން މެޗުގެ 26 ވަނަ މިނިޓުގައި އިންޓަރ މިލާނުގެ އާޖެންޓީނާ ފޯވަޑް ލައުޓާރޯ މާޓިނޭޒް ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.

އިންޓަރ މިލާނުން މި ލަނޑު ޖެހުމުގެ ކުރިން މެޗުގެ ނަތީޖާ އެއްވަރު ކުރުމަށް ކަގްލިއާރީ އަށް ވަނީ ރަގަޅު ފުރުސަތެއް ލިބިފަ އެވެ. އެގޮތުން ރޮބާޓޯ ޕިކޯލީ ފޮނުވާލި ނުރައްކާތެރި ހަމަލާ އިންޓަރގެ ކީޕަރު ޔާން ސޮމާރ ވަނީ މަތަކޮށްފަ އެވެ.

ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ތިންވަނަ މިނިޓުގައި ކަގްލިއާރީގެ ޕިކޯލީ ވަނީ ލަނޑެއް ކާމިޔާބުކޮށްފަ އެވެ.

ނަމަވެސް އޭގެ ހަތް މިނިޓު ފަހުން ފެޑެރީކޯ ޑިމާކޯ ނަގައިދިން ކޯނަރަކުން ޔާން ބިސާކް ވަނީ ބޮލުން ޖަހާ ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލައިގެން މެޗުގެ ނަތީޖާ 3-1 އަށް ބަދަލުކޮށްފަ އެވެ.